ޢަލީ އިޙްޞާން ފިރާޤް
އެކަމަނާއަކީ އިސްލާމްދީނަށްޓަކައި ކުރިއަރައި ވަޑައިގެންނެވި ބޭކަނބަލެކެވެ. ޔަޘްރިބުގެ އަންޞާރުންގެ ތެރެއިން އިސްލާމްދީނަށް އަވަސްވެވަޑައިގެންނެވުމުގެ ސަބަބުން السابقون الأولون ގެ ލަގަބު އެރުވިފައިވާ ޞަޙާބިއްޔާއެކެވެ. އެކަމަނާވަނީ ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ސާހިބާ صلّى اللّـه عليه وسلّم ދުނިޔޭގައި ހުންނެވިހާ ދުވަހަކު ޚިދުމަތްކުރެއްވުމަށްޓަކައި އެކަމަނާގެ ދަރިކަލުން ޚާއްޞަ ކުރައްވައިފައެވެ.
އާދެ މިދެންނެވުނު ކުރު ތައާރަފުގައިވާ މަތިވެރި ޞަޙާބިއްޔާއަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޚާދިމު އަނަސް ބުނު މާލިކު ރަޟިޔަﷲ ޢަންހުގެ މައިކަނބަލުންނެވެ. އުއްމު ސުލައިމު ރަޟިޔަﷲ ޢަންހާއެވެ.
އުއްމު ސުލައިމު ރަޟިޔަﷲ ޢަންހާއަކީ މަދީނާގެ ޚަޒުރަޖުވަންހައިގެ ބޭކަނބަލެކެވެ. އެކަމަނާގެ ބަފައިކަލުންގެ ނަންފުޅަކީ مِلْحَان بن خَالد الأنصارية އެވެ. އެކަމަނާގެ އަސްލު ނަންފުޅާމެދު ތާރީޚުގެ އެދުރުން ވަނީ ޚިލާފު އުފެދިފައެވެ. އެކަމަނާގެ އަސްލުނަންފުޅަކީ، سهلة ކަމަށާއި، رميلة ކަމަށާއި، الغميصاء ކަމަށާއި، الرميصاء ކަމަށް ރިވާވެފައިވެއެވެ.
ނަމަވެސް އެކަމަނާ މަޝްހޫރުވެވަޑައިގެންފައިވަނީ އުއްމު ސުލައިމުގެ ނަންފުޅުންނެވެ. މަޝްހޫރު އަންޞާރިއްޔަ ޞަޙާބިއްޔާއެއް ކަމުގައިވާ أم حرام بنت ملحان އަކީ އުއްމު ސުލައިމު ރަޟިޔަﷲ ޢަންހާގެ އުޚުތެކެވެ. ކުރިންވެސް ދެންނެވުނު ފަދައިން މަދީނާގައި އިސްލާމްދީން ފެތުރެން ފެށުމާއެކު އުއްމު ސުލައިމު ރަޟިޔަﷲ ޢަންހާ އިސްލާމްވެވަޑައިގެންފިއެވެ.
އުއްމު ސުލައިމު ރަޟިޔަﷲ ޢަންހާއަކީ ސުވަރުގެ ވަންތަވެރި ބޭކަނބަލެކެވެ. ޞަޙީޙު ބުޚާރީގައި ރިވާވެގެންވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ތިމަންކަލޭގެފާނު ހުވަފެނުގައި ސުވަރުގެއަށް ވެދެވަޑައިގެންނެވީމުއެވެ. އެތަނުން ތިމަންކަލޭގެފާނަށް އަބޫޠަލްޙަތުގެފާނުގެ އަނބިކަނބަލުން ރުމައިޞާއު ފެނިވަޑައިގަތެވެ.]
އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ތިމަންކަލޭގެފާނު ސުވަރުގެވަޑައިގެންނެވިއިރު އެތަނުން މީހެއްގެ ފިޔަވަޅުފުޅުގެ އަޑު އިވިވަޑައިގެންނެވިއެވެ. އެމީހަކީ ޣުމައިޞާ ކަމުގައި ތިމަންކަލޭގެފާނަށް ދެންނެވުނެވެ.]
ކުރިންވެސް ދެންނެވުނު ފަދައިން އުއްމު ސުލައިމު ރަޟިޔަﷲ ޢަންހާއަށް ޣުމައިޞާ އާއި ރުމައިޞާއުގެ ނަންފުޅުން މުޚާތަބު ކުރެވެއެވެ.
އުއްމު ސުލައިމު ރަޟިޔަﷲ ޢަންހާއަކީ އެއްކިރުވުމުގެ ގޮތުން ނުވަތަ ނަސަބުގެ ގޮތުން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ބޮޑުދައިތާފުޅެކެވެ. އެކަލޭގެފާނު ވަރަށް ގިނައިން އެކަމަނާގެ ގެކޮޅަށް ވަޑައިގެން އުޅުއްވައެވެ. މާތް ރަސޫލާ އ صلّى اللّـه عليه وسلّم އަށް ޚިދުމަތްކުރެއްވުމުގެ އެއްވެސް ފުރުސަތެއް އެކަމަނާ ދޫކޮށެއް ނުލައްވައެވެ.
އެއްދުވަހު މާތް ރަސޫލާ صلّى اللّـه عليه وسلّم، އުއްމު ސުލައިމު ގެ ގެކޮޅަށް ވަޑައިގެން އަރާމުކޮށްލެވުމަށްޓައި އެގެކޮޅުގައި މަޑުކޮށްލެއްވިއެވެ. އެގޮތަށް އޮންނަވަނިކޮށް އެކަލޭގެފާނަށް އަވަހާރަފުޅު ލެއްޕެވިއްޖެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم، ގެ ގައިކޮޅުން ދާފޮދު ހިއްލަން ފެށުމުން އުއްމުސުލައިމް އެ ދާފޮދު ފުޅިއަކަށް އަޅުއްވަން ފެއްޓެވިއެވެ. އެ ވަގުތު މާތް ރަސޫލާ صلّى اللّـه عليه وسلّم ހޭފުޅު ލައްވައި އެކަމާ ބެހޭ ގޮތުން ސުވާލު ކުރެއްވުމުން އެކަމަނާ ވިދާޅުވިއެވެ. [އަޅުގަނޑުމެން ކަލޭގެފާނުގެ ދާފޮދު އަޅުގަނޑުމެންގެ ހުވަންދުފުޅިއަށް އަޅަމެވެ. އޭރުން އޭގެ މީރުންވަސް އެތައް ގުނައަކަށް އިތުރުވެގެން ދެއެވެ.]
{صحيح مسلم، كتاب الفضائل}
އުއްމު ސުލައިމު ރަޟިޔަﷲ ޢަންހާވަނީ ޖިހާދުގެ މައިދާނުގައިވެސް ވަރަށް މުހިންމު ދައުރެއް އަދާކުރައްވައިފައެވެ. އެގޮތުން އުޙުދު ހަނގުރާމައިގެ ދުވަހު ޢާއިޝަތުގެފާނާއެކު ހަނގުރާމައިގެ މައިދާނަށް ވަޑައިގެން، މުޖާހިދުންނަށް ފެން ފޯރުކޮށްދެއްވިއެވެ. ޙުނައިނު ހަނގުރާމައިގައިވެސް އެކަމަނާ ބައިވެރިވެވަޑައޮގެންނެވިއެވެ. އެދުވަހު އެކަމަނާ އުޅުއްވީ ޚަންޖަރެއް ހިއްޕަވައިގެންނެވެ. އެކަން އެކަމަނާގެ ފިރިކަލުން އަބޫޠަލްޙަތުގެފާނަށް އެނގިވަޑައިގެން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި އެވާހަކަ ދެންނެވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާކުރެން އެއީ ކީއްކުރައްވަން ގެންގުޅޭ އެއްޗެއްތޯ އެއްސެވިއެވެ. އެކަމަނާ ޖަވާބުދެއްވިއެވެ.
"ދުޝްމިނުންގެ ހަނގުރާމަ ވެރިއަކު އަޅުގަނޑުގެ ކައިރިއަށް އަތުވެއްޖެނަމަ، އަޅުގަނޑު އޭނާގެ ބަނޑަށް އެ ޚަންޖަރު ހަރައިލާނަމެވެ."
އުއްމު ސުލައިމު ރަޟިޔަﷲ ޢަންހާގެ މި ވާހަކަފުޅުތައް އަޑުއައްސަވައި، މާތް ރަސޫލާ صلّى اللّـه عليه وسلّم ހިނިވަރުނަ ކުރެއްވިއެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم، އުއްމު ސުލައިމަށް ވަރަށް އިތުބާރު ކުރައްވަވައެވެ. އެކަމާއަށް އިޙްތިރާމު ކުރައްވަވައެވެ. އެކަމަނާވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم އަށާއި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم، ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާއާ ކާވެނިބެއްލެވި ދުވަހު، އުއްމުސުލައިމު ވަރަށް ޚާއްޞަ ފަރީއްކޮޅެއް ކައްކަވައިފައި ވެދުމަށް ފޮނުއްވިއެވެ. ޚައިބަރު ހަނގުރާމައިގެ ފަހުން މާތް ރަސޫލާ صلّى اللّـه عليه وسلّم، ޞަފިއްޔަތު ބިންތި ޙުއްޔައްޔު އާ ކާވެނި ބެއްލެވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم އަށްޓަކައި އެކަމަނާ ތައްޔާރުކޮށް ދެއްވީވެސް އުއްމު ސުލައިމު ރަޟިޔަﷲ ޢަންހާއެވެ.
އަރަހުށި މާތްﷲ އެ މާތް ޞަޙާބިއްޔާއަށް ރުއްސުންލައްވާށިއެވެ.
މައުލޫމާތު ނެގީ: މަޙްމޫދު އަޙްމަދު ޣައްޡަންފަރު ލިޔުއްވައިފައިވާ ގްރޭޓް ވިމެން އޮފް އިސްލާމް މިފޮތުންނެވެ.
- ލިޔުނީ ޢަލީ އިޙްޞާން ފިރާޤް