ދަރިން ކިތަންމެ ބޮޑުވެފަ ތަނަވަސްވިޔަސް ބާރުގަދަވިޔަސް ނަމާދުކުރުވަން މަސައްކަތްކުރަންޖެހޭކަން ޤުރްއާނުން ޔަޤީންވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 19ސ
ދަރިން ކިތަންމެ ބޮޑުވެފަ ތަނަވަސްވިޔަސް ބާރުގަދަވިޔަސް ނަމާދުކުރުވަން މަސައްކަތްކުރަންޖެހޭކަން ޤުރްއާނުން ޔަޤީންވޭ!

އަޅުގަނޑުގެ ދަރިފުޅަށް މިހާރު 40 އަހަރެވެ. އަމިއްލަ މަސައްކަތުން ފައިސާ ހޯދައެވެ. ހުރީ އިސް މަޤާމެއްގައެވެ. އަނބިދަރިން އެބަ ތިއްބެވެ. އެދަރިފުޅު ގާތު ނަމާދުކުރަން ބުނުން ހުއްދަވާނެތޯ؟  

ޖަވާބަކީ ހުއްދަވާނީ އެކަންޏެއް ނޫނެވެ. އެއީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ. ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!  

ދަރިންގެ ޢުމުރަށް (ދޮށިވުމުން) ބަލައި ނުވަތަ ދަރިން އަދާކުރާ ވަޒީފާއަށް ނުވަތަ ގެއަށް ވައްދާ ފައިސާއަށް ބަލައި ދަރިންނަށް ދޫކޮށް ނުލެވޭނެ ކަމެއް ވެއެވެ. އެއީ ދީނަށް ޢަމަލުކުރުމާއި އަޚްލާޤެވެ. އެކަން އެގޮތަށް ކަނޑައަޅުއްވަވާފައިވަނީ ﷲ ތަޢާލާއެވެ. ކީރިތި ޤުރްއާނުގައެވެ. ވީމާ މިއީ ކޮންމެ ބެލެނިވެރިއަކުވެސް ވަރަށް ބޮޑަށް ހޭލުންތެރިވާންޖެހިފައިވާ ކަމެކެވެ.  

ދަރިން އުޅޭ ގޮތް ރަނގަޅު ނޫންވެގެން އެކުދިންގެ މައިން ބަފައިންގެ ގާތުގައި ވާހަކަދެއްކުމުން އަޅުގަނޑުމެންގެ ތެރެއިން ބައެއް މައިންބަފައިން އެބަ ބުނެއެވެ. "އެއީ މިހާރު ބޮޑު ކުއްޖެކެވެ. 18 އަހަރު ފުރިއްޖެއެވެ. އަހަރެންގެ ބާރެއް ނުހިނގައެވެ." މީގެ އިތުރުންވެސް ބައެއް މައިންބަފައިން ބުނެއެވެ. "އޭނާވެސް އެހެރީ ތަންދޮރު ފިލައިފައެވެ. މިވެނި ޑިގްރީއެއް ނަގައިގެންނެވެ. އޭނާއަށްވެސް ރަނގަޅު ގޮތާއި ނުބައި ގޮތް ވަކިކުރަން މިހާރު އެނގޭނެއެވެ."  

މިމޭރުމުން ބުނެވޭ އެއްވެސް ބަހަކީ އެއްވެސް ބުރަދަނެއް ހުރި ބަހެއް ނޫނެވެ. މިފަދަ ކޮންމެ ބަހަކީ ކަނޑައެޅިގެން ﷲ ތަޢާލާގެ ވަޙީ ބަސްފުޅާއި މުޅިން ތަޢާރަޒްވާ ބަހެކެވެ. އެފަދަ އެއްވެސް ބަހަނާއެއް ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެތެވެ. އެހެނީ ﷲ ތަޢާލާގެ އަމުރުފުޅު މުޅިން ތަފާތެވެ!

"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިއަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ!..."  

އަދި އެހައިވަރުން ނިންމަވައި ލެއްވެވީއެއްވެސް ނޫނެވެ. ނަރަކައިގެ ބިރުވެރިކަމުގެ ވާހަކަވެސް ވަނީ ބަޔާންކުރައްވަވައިފައެވެ. "... އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންވެއެވެ. ﷲ، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެއެވެ. އަދި އެބޭކަލުންނަށް އަމުރުކުރައްވާކަންތައް އެބޭކަލުން ކުރައްވާނެއެވެ." (سورة التحريم 6) 

މިބޮޑު މައްސަލަ ފާހަގަކުރައްވައި ޢިލްމުވެރިންގެ ބަސްފުޅުން މިއާޔަތުގެ ތަފްސީރު އުންމި ޢަބްދިﷲ ބަޔާންކުރައްވާފައިވަނީ މިފަދައިންނެވެ.: 

މުޖުތަމަޢުތައް އެކުލެވެނީ ޢާއިލާތަކެއްގެ މައްޗަށްކަމަށްވާއިރު ޢާއިލާތައް ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމީ މުޖުތަމަޢުގެ ހަމަޖެހުމެވެ. ގިނަފަހަރަށް އެކަމާމެދު ފަރުވާކުޑަކުރެވެނީ އެކަމުގެ އަހައްމިއްޔަތު އޮޅުންފިލާފައި ނުވާތީއެވެ. ދެންފަހެ އެކަމަށް އިސްލާމްދީނުގައި ބާރު އެޅިފައިވާ މިންވަރު ދެނެގަތުމަށް ވަޤުތުކޮޅެއް ހޭދަކޮށްލަމާ ހިނގާށެވެ.

[ޢާއިލާއަށް އުނގަންނައިދިނުން]، މިއީ ގޭގެ އެންމެ އިސް ފަރާތުގެ މަސްޢޫލިއްޔަތެކެވެ. އަންނަނިވި އާޔަތުގައި މިކަމަށް ވަނީ އަމުރު ކުރެވިފައެވެ. 

﴿ يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَاراً وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلائِكَةٌ غِلاظٌ شِدَادٌ لا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ ﴾    (سورة التحريم ٦)  

މާނައީ: ”އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންވެއެވެ. ﷲ، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެއެވެ. އަދި އެބޭކަލުންނަށް އަމުރުކުރައްވާކަންތައް އެބޭކަލުން ކުރައްވާނެއެވެ." 

ޢާއިލާއަށް ކިޔަވައިދީ އުނގަންނައިދިނުމުގެ މައިގަނޑު އަޞްލަކީ މިއާޔަތެވެ. އެއީ އެބައިމީހުންނަށް ހެޔޮ ކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައްތަކުން ދުރުކުރުމަށެވެ. ޢިއްޒަތްތެރި ކިޔުންތެރިންނޭވެ! ޤުރުއާން ތަފްސީރުކުރައްވާ ބޭކަލުން، މި އާޔަތާމެދު އަދި ގޭގެ އެންމެ އިސްފަރާތަށް ވާޖިބުވާ ކަންތައްތަކާމެދު، ވިދާޅުވެފައިވާ ބަސްފުޅުތަކާމެދު ޙާއްޞަ ސަމާލުކަމެއް ދެއްވާށެވެ. 

قتادة (رحمه الله) މިއާޔަތާމެދު ވިދާޅުވެފައިވެއެވެ: ”އެއީ ﷲ އަށް ކިޔަމަންތެރިވުމަށް އެބައިމީހުންނަށް އަމުރުކުރުމާއި އަދި އެކަލާނގެއަށް ނުކިޔަމަންތެރިވުން ނަޙީކުރުމެވެ. ﷲ ގެ އަމުރުފުޅުތައް އެބައިމީހުން ލައްވާ ކުރުވުމާއި އެކަންކަމުގައި އެބައިމީހުންނަށް އެހީތެރިވުމެވެ. އަހަރެންނަށް އެބައިމީހުން ﷲ އަށް އުރެދޭ ތަން ފެނިއްޖެނަމަ އަހަރެން އެކަމަށް ހުރަސްއަޅާ އެކަމާ ދެކޮޅު ހަދާނަމެވެ." 

الضحاك (رحمه الله) އަދި مقاتل (رحمه الله) މިއާޔަތާމެދު ވިދާޅުވިއެވެ: ”މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވަނީ އޭނާގެ ޢާއިލާއާއި، ގާތްތިމާގެ މީހުންނާއި އަދި އަންހެން އަޅުންނަށް، ﷲ ތަޢާލާ އެބައިމީހުންނަށް އަންގަވާފައިވާ ކަންކަމާއި ނަހީކުރައްވާފައިވާ ކަންކަން ބަޔާކޮށްދިނުމެވެ." 

ޢަލީ (رضي الله عنه) ވިދާޅުވިއެވެ: ”އެމީހުންނަށް އުނގަންނައިދޭށެވެ. އަދި ރަނގަޅު އާދަތައް ދައްކުވައިދޭށެވެ." 

الكيا الطبري (رحمه الله) މިއާޔަތާމެދު ވިދާޅުވިއެވެ: ”ދީނާއި ރަނގަޅު ކަންތައްތަކާއި އަދި ރަނގަޅު އާދަތައް އަޅުގަނޑުމެންގެ އަނބިދަރީންނަށް އުނގަންނައިދިނުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ މަސްޢޫލިއްޔަތެކެވެ. އަދި ރިވެތި އަޚުލާޤުގެ އަހައްމިއްޔަތު ހަނދުމަނައްތާނުލާށެވެ."

 

- -އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން