ތިބާ އަގުބޮޑު ގަމީހެއް ގަތީއެވެ. އެއްފަހަރު ލާފައި އަލަމާރީގަ ބެހެއްޓިޔަސް އެތަނުގައި ގަމީސް އޮންނާނެއެވެ. އެއީ ތިބާގެ މިލްކަކަށްވާތީއެވެ. އެތަނުން ނުކުމެގެން ދިއުމުގެ ބާރު ގަމީހަށް ނުލިބޭތީއެވެ.
އެކަމަކު ބުނަންހެއްޔެވެ؟ ކިތަންމެ ބޮޑު ރަނެއް އަދާކޮށްފައި ކައިވެނިކުރިޔަސް އެގޮތަކަށް ކަންތަކެއް ނުކުރެވޭނެއެވެ. އެއީ ތިބާ ބޭނުންވުމުން ބޭނުން ގޮތަކަށް ބޭނުންކުރަން އޮތް މުދާގަނޑަކަށް ނުހެދޭނެއެވެ. ލޯތްބާއި އަޅައިލުން ނުދޭނަމަ އަތުންބީވެގެންދާނެއެވެ.
ވިސްނާށެވެ! ތެދުވެރި، ހެޔޮލަފާ މީހުން ވަރަށް މަދެވެ. އެފަދަ ފިރިންވެސް އަދި އަނބިންވެސް މަދުވެގެން މިއުޅެނީ އެސަބަބަށްޓަކައެވެ. ވީމާ ހެޔޮލަފާ އަންތބަކު ލިބުނަސް އަދި ފިރިއަކު ލިބުނަސް ދެއްވެވި ނިޢުމަތަށް ޝުކުރުވެރިވާށެވެ! ޤަބޫލުކުރަން އުނދަގޫވބިނަމަވެސް އޭނާއަށް ބޭނުންވެގެން ތިބި މީހުން ގިނަވާނީ ދެމަފިރިންގެ ޙަޤީޤަތް އެނގޭ އެކުވެރިންގެ ތެރޭގައެވެ.
ތިރީގައި އެވަނީ މިކަންކަން ފާހަގަކޮށް އެކުވެރިއަކު އެކުވެރިއަކަށްދިން ވަރަށް ޢިބްރަތްތެރި ނަޞީޙަތެކެވެ.
އެކުވެރިޔާއެވެ! މިއަދު ދެރަވެ ކަރުނައެޅުމުން ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ އެއީ ތިބާގެ ލޯބީގެ ގަހުގައި ފަރިވެފޮޅުނު މަލެކެވެ. އެމަލަށް ގެއްލުން ނުދީ ޙައްޤު ޢިއްޒަތުގައި ބެއިންދިނަމަ ދުވަހަކުވެސް މިލައި މޯޅިވުމެއް ނެތް ގޮތުގައެވެ. ތިބާ ބޭނުންވަރަށް އެމަލުގެ ރީތިކަމަށް ބަލައި އަދި އެމަލުން ވަސްބަލައި ހަދަން ބެއިންދެން އިން މަލެކެވެ.
ނަމަވެސް އެކަންކަމަށް ތިބާ ވިސްނައިނުލީއެވެ. މޫތަކާއިއެކު ގަސް އުފުރާލައި މަގުމައްޗަށް އެއްލައިލީއެވެ. އެއިރު އެގަހާއި މަލަށް ދަހިވެތިވެ، ލިބުމަށް އެދިއެދި ކިތައް މީހުން ތިބިކަމެއް އެކުވެރިޔާއަކަށް ނުވިސްނުނެވެ.
ގަސް މަގުމަތީގައި ޖެހުނުތަނުން ދުވެ ވާދަޖަހަމުން އައި މީހުންގެ ތެރެއިން ފުރަތަމަ އަތުޖެހުނު މީހާ ގަސް ގެންގޮސް އިންދައިފިއެވެ. ގަސްކާނާތައް އަޅައި ފެންދީ އެބަހައްދައެވެ. ދުވަސްތަކަކަށްފަހު މާރީތި މައުތައް ފޮޅެންފަށައިފިއެވެ.
އެކުވެރިޔާއެވެ! އެކަމަށް ދެރަވެ ބިމަށް ތުންހަރައިގެން އިނުމަކުން ދެން ކުރާނެ އެއްވެސް ފައިދާއެއް މިހާރަކު ނެތެވެ. ހިތްވަރުކޮށްފައި ދެންވެސް ތެދުވާށެވެ! އެހެން ގަހެއް އިންދައި އެގަހުގައި މަލެއް ފޮޅުވަން މަސައްކަތްކުރާށެވެ.
އެކަމަކު ބުނަންހެއްޔެވެ؟ ނަމަނަމަ ކުރިނަ ކުރިފަދަ ކުށްތައް ނުކުރާށެވެ! އަޅުވެތިނުކުރާށެވެ! ބިރުނުދައްކާށެވެ! އަޅައިލާށެވެ! ލޯބިވާށެވެ! ލޯބިދޭށެވެ! ހިތެއް އޮތީ ތިމާގެ އެކަނި ކަމަށް ނުދެކޭށެވެ! ލޯބީގެ ކާމިޔާބީ ގުޅިފައިވަނީ ރަޙުމާއި ކުލުނުގެ މައްޗަށެވެ. އެކަން ހިނދުކޮޅަކަށްވެސް ހަނދާން ނައްތައިނުލާށެވެ!
- އަލަފް / މިއަދުނޫސް