ކީރިތި ޤުރްއާން ކިޔެވުމުން ޙާޞިލުނުކުރެވޭނެ ކަމެއް ނެތްކަން އެނގިގެންދާ މުޢްޖިޒާތެއް ފަދަ ބޮޑުކަމެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ކީރިތި ޤުރްއާން ކިޔެވުމުން ޙާޞިލުނުކުރެވޭނެ ކަމެއް ނެތްކަން އެނގިގެންދާ މުޢްޖިޒާތެއް ފަދަ ބޮޑުކަމެއްގެ ވާހަކަ-

ތިމާ ޙާޞިލްކުރަން ބޭނުންވާ ކޮންމެކަމެއް ޙާޞިލްކުރަންވެސް ކީރިތި ޤުރްއާން ކިޔަވަން ޢިލްމުވެރިން ވިދާޅުވަނީ އެކަމުގެ މަތިވެރިކަން ބޮޑުކަން ބޮޑުކަމުންނެވެ. އެކަމުން ޙާޞިލުނުކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތުމުންނެވެ.

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! އަޅުގަނޑުމެންގެ އަތުގައި މިއޮތީވެސް ހަމަ އެމަތިވެރިކަން ލިބިގެންވާ ޤުރްއާނެވެ. ހަމަ އެއާޔަތްތަކެވެ. އެފަދަ މަތިވެރިކަމާއި ކަރާމާތް ލިބިގެންވާ ފޮތެވެ.   

އިމާމް ޤުރުޠުބީ ރަޙިމަޙުﷲ ބަޔާން ކުރައްވައެވެ. 

އަންދަލުސްގެ ބިމުގައި ތިމަން ކަލޭގެފާނު އެއްފަހަރެއްގައި ދުސްމަނުންގެ ކިބައިން ފިލަންވެގެން އުޅުނީމެވެ. އެއީ ވަރަށް އުނދަގޫ ވަގުތުކޮޅެކެވެ. އޭރު ތިމަންކަލޭގެފާނުގެ ފަހަތުން އަތުލައިގަންނަންވެގެން ދެ އަހުގައި ދެމީހުން އާދެއެވެ. އެއީ ވަރަށް ހާސްވެ ކަންބޮޑުވި ވަގުތުކޮޅެކެވެ. އެހެނީ އެތަނުގައި ފިލޭނެ އެއްވެސް ގޮތެއް ނެތް ހުސް މައިދާނެކެވެ. އެތަނުގައި އެއްޗެއްގެ ފަހަތަށްވެސް އަދި އެތެރެއަށްވެސް ވަދެވޭނެ ގޮތެއްނެތެވެ. 

ދެން ތިމަންކަލޭގެފާނު ކީރިތި ޤުރުއާނުން ޔާސީން ސޫރަތުގެ ފެށޭ ތަނާއި އަދިވެސް އެހެން އާޔަތްތަކާއި އަދިވެސް އެހެން ސޫރަތްތައް ކިޔަވަން ފެށީމެވެ. އެމީހުން އަހަރެންގެ ކަނާތްފަރާތުންލާފައި ކުރިޔަށް ގޮސްފައި އަނބުރާލިއެވެ. ދެން އެމީހުން އަންނަމުން އެތަނުން އެކަކު ބުނާތީ އަޑު އިވުނެވެ. ” އެއީ ހަމަ ފައްކާ އިބިލީހެކެވެ. ( އެބަހީ: ހުސް މައިދާނެއްގައި ކުއްލިއަކަށް ގެއްލުމުންނެވެ) " 

މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އެމީހުންނަށްއ ތިމަންކަލޭގެފާނު ނުފެންނާނެ ގޮތް މެދުވެރިކުރައްވައި އެމީހުންނަށް ތިމަންކަލޭގެފާނު ފެނުމުން ކަނު ކުރެއްވީއެވެ. މިމަތިވެރި ނިޢުމަތަށްޓަކައި ތިމަންކަލޭގެފާނު މާތްﷲ އަށް އަބަދާއި އަބަދު ތަސްބީޙަ ކިޔަމެވެ. " (އެކަލޭގެފާނުގެ ބަސްކޮޅު ނިމުނީ)

ކީރިތި ޤުރުއާން ގިނައިން ކިޔެވުމަކީ މަތިވެރި ސަވާބާއި ދަރުމައިގެ އިތުރުން މިދުނިޔެއާއި އާޙިރަތުގައިވެސް އެމީހެއްގެ އިއްޒަތްތެރިވެ މާތްﷲ ގެ ލޯބި ލިބޭ ކަމެކެވެ. 

ރަސޫލާ މުހައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮކަން ބޮޑުވެގެންވާ މީހާއަކީ ޤުރުއާން އުގެނި އެ ޤުރުއާން އުގަންނައިދޭ މީހާއެވެ. " ( ޞަޙީޙް ބުޚާރީ) 

އިމާމް ޤުރުތުބީއަކީ ކޮންބޭކަލެއް؟ 

އެކަލޭގެފާނަކީ އަންދަލުސް (މިހާރުގެ ފުރާންސާއި ސުޕޭން ހިސާބުގައި އޮތްރަށެއް) ގައި އުފަންވެ ވަޑައިގެން ބޭކަލެކެވެ. އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ އަބޫ އަބްދުﷲ މުޙައްމަދު ބުން އަބީބަކުރު ބިން ފަރުހުލް އަންޞާރީ އެވެ. އެކަލޭގެފާނަކީ ކީރިތި ޤުރުއާނާއި އަރަބި ބަހާއި ފިޤުހާއި އަދި ޢަރަބި ޅެންވެރިކަން ވަރަށް މޮޅަށް ދެނެވަޑައިގަންނަވާ ޢިލްމުވެރި ބޭކަލެކެވެ. 

އެކަލޭގެފާނު ލިޔުއްވި ފޮތްތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއްފޮތަކީ އެކަލޭގެފާނު ލިޔުއްވި ތަފުސީރު ޖާމިޢުލް އަޙުކާމުލް ޤުރުއާން ( ކީރިތި ޤުރުއާނުގެ ހުރިހާ ޙުކުމްފުޅުތައް ޖަމާކުރެވިފައިވާ ތަފުސީރު )އެވެ. 

މިކަލޭގެފާނު ހަޔާތުގެ ފަހުކޮޅު އުޅުއްވީ މިޞްރުގައެވެ. އެކަލޭގެފާނު އަވަހާރަވީ ޙިޖުރީ ސަނަތުން 671ގައި ޝައްވާލު މަހުގެ 9ވަނަ ވީ ހޯމަވިލޭރެއެވެ. މާތްﷲ އެކަލޭގެފާނަށް ސުވަރުގޭގެ ތަނަވަސް ހެޔޮރަހުމަތް ތަނަވަސް ކުރައްވައި ހެޔޮ ރަޙުމަތްލައްވައި ހެޔޮ ޖަޒާ ދެއްވާށިއެވެ. އާމީން.

 

- އައްޝައިޚް ޢަބްދުއްރަހީމް ބިން މުޙައްމަދު

 

 

 

މިއަދު އޮންލައިން