ވޮލެޓަށް ފައިސާގިނަކުރަން ކުރެވޭ ކަމަކުން ވޮލެޓު ހުސްވެ ދަތިޙާލުގަ އުޅެންޖެހޭކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 50ސ
ވޮލެޓަށް ފައިސާގިނަކުރަން ކުރެވޭ ކަމަކުން ވޮލެޓު ހުސްވެ ދަތިޙާލުގަ އުޅެންޖެހޭކަން އެނގޭތަ؟

ވޮލެޓަށް ފައިސާ ގިނަވާނީވެސް އަދި އެކައުންޓުގައާއި ތިޖޫރީގައި ފައިސާ ގިނަވާނީވެސް ﷲ ތަޢާލާ އެކަން މިންވަރުކުރެއްވެވުމުންނެވެ. ވީމާ ތަނަވަސްކަން އިތުރުވުން އެދިގެން ޝިރުކުގެ ޢަމަލުތައް ކޮށްގެން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ﷲ ތަޢާލާ ނޫން ފަރާތަކުން ވާގިއެދުމަކީ ޝިރުކުގެ ޢަމަލެކެވެ. ބައެއް މީޙުންނަށް އެކަން ނުވެސް އެނގިތިބެ ޝިރުކުގެ ތެރެއަށް ވެއްޓިގަނެވެނީއެވެ.  

ގިނަ މީހުންނަކީ ފައިސާވެރިވުމަށް އެދޭ އެކަމަށް ދަހިވެތި ބައެކެވެ. އެހެންވެ ޖީބުގައި ގެންގުޅޭ ވޮލެޓް ހުސްނުވެ އަބަދުވެސް ވޮލެޓުގައި ފައިސާ ބެހެއްޓުމުގެ ބޭނުމުގައި ވޮލެޓަށް އަކަފަދަ ތަކެތި ލައިގެން މިހާރުވެސް ގެންގުޅެއެވެ. އަދި އެފަދަ އަކަތައް ފިހާރަތަކުގައާއި ގޭގޭގައިވެސް ބަހައްޓައެވެ. އެކުރެވެނީ ކޮންކަމެއްކަން، ނުވަތަ ކިހާބޮޑު ފާފައެއްކަން އެމީހުންނަށް ނުވެސް އެނގޭހާލުގައެވެ.

ހަމައެންމެ ކަމެއް އަޅުގަނޑު ފާހަގަކޮށްލާނަމެވެ. ތިބާގެ ޖީބު ނުވަތަ ވޮލެޓް ހުސްވިއަނުދޭން އަކަފަދަ ތަކެތިކުރަހާފައިދޭ މީހުންގެ ޙާލަށް ބަލާށެވެ. ހޮޓަލަކުން ސައިބޮއިލެވޭނެ މިންވަރުވެސް އަދި އަމިއްލަ ގެއަށް ބާޒާރުކޮށްލެވޭނެ މިންވަރުވެސް އަމިއްލަ ޖީބުގައި ހުންނަ ކަމަކަށް ނުވެއެވެ. ލާރިއެއް ލިބޭކަމަށްވަނީ ދީނުން ބޭރުވާފަދަ ނުބައި އަމަލެއްކޮށްގެންނެވެ.  

ފަނޑިތަވެރިން އެދޭ އަކައަކީ ފައިސާ އިތުރުވާއެއްޗެއްނަމަ އެދޭ މީހުންގެ ޖީބުތައް ފުރެންދެން ފައިސާ ނުހުންނަނީ ކީއްވެގެން ހެއްޔެވެ؟ 10 އަކަ ޖީބަށް ލައިގެން 10 ގުނައަށް ފުރާފައި ނުބަހައްޓަނީ ކީއްވެގެން ހެއްޔެވެ؟  

ތިރީގައިއެވާ ލިޔުމުން އެފަދަ ކަންކަން ކުރުމުގެ ޙުކުމް ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ.

ބައެއްމީހުން ތަވީދު އެޅުމާއި އެކިކަހަލަ މިނާތަކުންނާއި ބޮލިން އަމުނާފައި ހުންނަ ފަށްތަކާއި، އެކިކަހަލަ އަނގޮޓި އަޅައިހަދައެވެ. މި މީހުން ޤަބޫލްކުރާ ގޮތގައި މިފަދަ އެއްޗިއްސަކީ އެއެއްޗެހީގެ ސަބަބުން ދަތި އަނދަގޫ ގޮތްތަށް ދުރުވެ ޙިމާޔަތްލިބޭ ތަކެއްޗެވެ. މިފަދަ ކަންތައް  މި މީހުންކުރަނީ ކާހިނުންނާއި ސިހުރުވެރިންނާއި ފާލުބަލާމީހުންގެ ބަހަށެވެ. މިގޮތަށް މިފަދަ އެއްޗެހިބޭނުންކުރުމަކީ ބޮޑުވެގެންވާ ޙަރާމްކަންތަކެވެ. އަދި މިއީ ﷲ ތަޢާލާއަށްވެވޭ ޝިރުކުގެ ތެރެއިންވާ ކަންތަކެވެ. އަދި ބައެއްމީހުން ތަވީދު ފަދަތަކެތި އެމީހުންގެ ހަށިގަނޑުގެ ތަންތަނުގައްޔާއި އެމީހުންގެ ދަރިންގެ ހަށިގަނޑުގައި އަޅުވައި ހަދައެވެ.  

އެމީހުން އިޢުތިޤާދު ކޮށް ޤަބޫލުކުރާގޮތުގައި މިފަދަތަކެތީގެ ސަބަބުން މީހުންގެ އެސްފިއްނާއިން ސަލާމަތްވެއެވެ. ނަމަވެސް މިއީ ބާޠިލް ޢަޤިދާއެކެވެ. އަދި އެމީހުންގެ ގެ ތަކުގަޔާއި ކާރުތަކުގައި މިފަދަތަކެތި އެލުވައި ހަދައެވެ. އެތަކެތީގެ ސަބަބުން އެއެއްޗެއްސަށް ޙިމާޔަތްލިބޭނެކަމަށް ޤަބޫލްކޮށްގެންނެވެ. އަދި އަނގޮޓީގައި ވަކި ކަހަލަ އެހެއް ހުރުމުން ބައެއްކަހަލަ ދަތިއުނދަގީތަކުން ސަލާމަތްވާކަމަށް ޤަބޫލްކުރުންވެސް މިބާޠިލް ޢަޤީދާގެ ތެރެޔަށް ވަދެއެވެ. އަދި ޝައްކެއްވެސްނެތްގޮތުގައި މި ހުރިހާކަމަކީވެސް އިންސާނާ ﷲ ތަޢާލާއާއި ވަކީލްކުރުމުން ދުރުހެލިކުރާ ކަންތަކެވެ.  

އަދި މިކަންކަމުގެ ސަބަބުން އޭނާގެ އީމާންކަން ދުވަހުން ދުވަހަށް ބަލިވަމުންދާނެއެވެ. ތަވީދާއި މަތީގައި ބަޔާންވެދިޔަ އެހެނިހެންތަކެއްޗަކީ ގިނަފަހަރށް ޙާޖަތަށްޖެހުމުން ﷲ ތަޢާލާގެ އެހީއަށްއެދުމުގެ ބަދަލުގައި ޖިންނީންނާއި ޝައިޠާނުންގެ ފަރާތުން އެހީހޯދުމަށް އަޅާތަކެއްޗެވެ.  

މިފަދަ އެއްޗެހީގައި ފާޑުފާޑުގެ ގޮތް ނޭނގޭ އަކަތަކާއި ކުރެހުންތަކާއި ގޮތްނޭނގޭ ލިޔުންތައްލިޔެ ހަދައެވެ. އަދި ސިޙުރުވެރިން ޤުރްއާނުގެ އާޔަތްތައް ލިޔެ އެއާއިއކީ ބައެއް ޝިރުކުގެ ލިޔުންތައްލިޔެއެވެ. އަދި ބައެއް ނަޖިސްތަކެއްޗާއި ޙައިޟުގެ ލޭ ބޭނުންކޮށްގެން ޤުރްއާންލިޔެހަދައެވެ. މި ހުރިހާކަމެއްވެސް ސިޙުރުވެރިން ކޮށްއުޅެނީ ﷲ ތަޢާލާއަށް އުރެދި ޝައިތާނާއަށް އަޅުކަންކުރުމުގެ ގޮތުންނެވެ. ތަވީދާއި މަތީގާއި ބާޔާންވެދި އެހެނިހެންތަކެތި އެޅުމަކީ ޙަރާމްކަމެއްކަން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ހަދީޘުން ޘާބިތުވެއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ.  

(مَنْ عَلَّقَ تَمِيْمَةً فَقَدْ أَشْرَكَ)) رواه أحمد و هو في سلسلة الصحيح

މާނައީ: "ތަވީދެއް އަޅައިފިމީހާ ޝިރުކުކޮށްފިކަން ކަށަވަރެވެ." 

އަދި މި އަޅާމީހާގެ އިޢުތިޤާދުގައި ނުވަތަ ޤަބޫލްކުރުމުގައި ﷲ ފިޔަވައި މިތަކެތިން މަންފާއާއި ފައިދާއާއި ގެއްލުންލިބޭކަމަށް ޤަބޫލްކުރާނަމަ އޭނާ އަކީ ބޮޑުޝިރުކުކުރާ މުޝްރިކެކެވެ. އަދި އޭނާ އިސްލާމްދީނުން ބޭރުވާނެއެވެ. އަދި އޭނާގެ އިޤުތިގާދުގައި އެފަދަ ތަކެއްޗަކީ ފައިދާލިބޭތަކެތިކަން ޤަބޫލްކުރިޔަސް އެކަންތައްތަކަކީ ﷲ އަށް ޚާއްސަކަންތައްތައް ކަމަށް ޤަބޫލްކުރާނަމަ އޭނާގެ ޝިރުކަކީ ކުޑަ ޝިރުކެވެ. އަދި ވީހާވެސް އަވަހަށް ތައުބާވާންވާނެއެވެ.

ނޯޓު: ދިވެހިރާއްޖޭގައި ސިޙުވެރިންނާއި ކާހިނުންނާއި ފާލުބަލާމީހުންނަށް ކިޔައިއުޅެނީ ފަންޑިތަވެރިންނެވެ.

 

- އައްޝައިޚް އަޙްމަދު އިޙްޞަން މުޙައްމަދު

މިއަދު އޮންލައިން