ތިބާގެ ދަރިފުޅު މާތްވެގެންވާ މަލާއިކަތުންނާއިއެކުގަވާތަން ފެނުމަށްވުރެ ބޮޑު އުފަލަކީ ކޮބާ؟ ދަރިންނަށް އެފުރުޞަތު ހޯދައިދެވެން އެބައޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
ތިބާގެ ދަރިފުޅު މާތްވެގެންވާ މަލާއިކަތުންނާއިއެކުގަވާތަން ފެނުމަށްވުރެ ބޮޑު އުފަލަކީ ކޮބާ؟ ދަރިންނަށް އެފުރުޞަތު ހޯދައިދެވެން އެބައޮތް!

ދަރިންނަށް ޤުރްއާން އުނގަންނައިދޭން ގިނަ ބައަކު މަސައްކަތްކުރާކަން ފާހަގަކޮށް އުފާކުރަމެވެ. އެމީހުން އެކުރާ މަސައްކަތަކީ ދަރިފުޅަށް ދުނިޔެއާ އާޚިރަތް ހޯދައިދޭން ކުރާ މަސައްކަތެވެ. ދަރިފުޅަށް ކީރިތި ޤުރްއާން ހިތުދަސްކުރެވި ޢަމަލުކުރުންމަތީގައި ހުރެއްޖެނަމަ ދަރިފުޅުގެ ޙިމާޔަތުގައި ﷲ ތަޢާލާ މަލާއިކަތުން ލައްވަވާނެތެވެ. އެއީ އޭނާގެ ހިތުގައިވާ ޤުރްއާނުގެ ސަބަބުންނެވެ.  

އަހުރެންނަށް އެނގޭ ޢާއިލާއެއްގެ ވާހަކަ ބުނެލާނަމެވެ. މަންމައަކީވެސް ބައްޕައަކީވެސް ވަރަށް ބުރަކޮށް ވަޒިފާއަދާކުރާ 2 މުވައްޒިފުންނެވެ. ދޮށީ ދަރިފުޅު އަދި ޘާނަވީ ތަޢްލީމަކަށް ނުފަށައެވެ. އެކަމަކު މިހާރުވެސް ޤުރްއާނުން ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ހިތުދަސްކޮށްފިއެވެ. މާޝާ ﷲ. މަންމަ އާ ބައްޕަގެ މައިންބަފައިންގެ ޢަޒުމަކީ ގްރޭޑް 10 ނިމެންވާއިރަށް ދަރިފުޅަށް ޤުރްއާން ހިތުދަސްކޮށްދިނުމެވެ. ދަރިފުޅުގެ ޢަޒުމަކީ ހިތުދަސްކޮށް ޙާފިޡަކަށްވުމެވެ.  

ނިކަން ވިދާޅުވެބައްލަވާށެވެ! އެފަދަ ކުއްޖެއްގެ ގްރްޖުއޭޝަން ސެރަމަނީގައި ރަނުގެ ދޯޕައްޓާއެއް ނާޅުވަންވީ ކީއްވެގެން ހެއްޔެވެ؟ ޙައްޤުނުވާނެ ހެއްޔެވެ؟

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

«مَثَلُ الَّذِي يَقْرَأُ القُرْآنَ، وَهُوَ حَافِظٌ لَهُ مَعَ السَّفَرَةِ الكِرَامِ البَرَرَةِ، وَمَثَلُ الَّذِي يَقْرَأُ، وَهُوَ يَتَعَاهَدُهُ، وَهُوَ عَلَيْهِ شَدِيدٌ فَلَهُ أَجْرَانِ» [رواه البخاري]  

މާނައީ: "ޤުރްއާން ހިތުދަސް ޙާލު ރިވެތިކޮށް ތަރުތީލުކޮށް ކިޔަވާމީހާވާނީ ކިޔަމަންތެރި މާތްވެގެންވާ މަލާއިކަތުންނާއެކުގައެވެ. އަދި ދަތިއުނދަގުލާއެކު ހަނދާންނެތިދާނެތީ ތަކުރާރުކޮށް އެ ކިޔަވާ މީހާއަށް، ދެދަރުމަވެއެވެ."

[ރިވާކުރެއްވީ އިމާމް ބުޚާރީ رحمه الله]

 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން