މާތް الله ގެ އަޅުތަކުންނޭވެ! ހިޖުރީ އައު އަހަރެއް ފެށިގެން އަންނައިރު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ މައްކާއިން މަދީނާއަށްކުރެއްވި ހިޖުރައާ މެދު ފުންކޮށް ވިސްނައިލުމަކީ މިއަދު ކުރާން ޖެހޭ ކަމެކެވެ.
އެންމެ ފުރަތަމަ ހިޖުރައިގެ މާނައަށް ވިސްނާއިރު ޚިޔާލަށް އަންނަ މާނައަކީ ތިމާގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށްދިއުމެވެ. ނަމަވެސް އެއަށް ވުރެ މާފުޅާ މާނައެއް ހިޖުރައިގައި ވެއެވެ. ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުމެވެ. ޢަބްދުﷲ ބުނު ޢަމްރު ބުނުލްޢާޞް (رَضِيَ اللهُ عَنْهُمَا)ގެ އަރިހުން ރިވާވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. (قَالَ رَجُلٌ: يَا رَسُوْلَ اللهِ! أَيُّ الْهِجْرَةِ أَفْضَلُ ؟ وَقَالَ رَسُوْلُ الله صَلَّى اللهُ عَلَيْهِ وَسَلَّمَ: أَنْ تَـهْجُرَ مَا كَرِهَ رَبُّكَ عَزَّ وَجَلَّ)[1] މާނައީ: "މީހަކު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ގެ އަރިހުގައި ދެންނެވިއެވެ. އޭ اللهގެ ރަސޫލާއެވެ! އެންމެ މާތްކަން ބޮޑު ހިޖުރައަކީ ކޮބައިތޯއެވެ؟ ރަސޫލު الله ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "އެއީ ތިބާގެ ވެރިރަސްކަލާނގެ ރުހިވޮޑިނުގަންނަވާ ކަންތައްތައް ދޫކޮށްލުމެވެ."
މުސްލިމް އަޚުންނޭވެ! ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި ތަފާތު ޢިބުރަތްތަކަކާއި ދަރުސްތަކެއް ވެއެވެ. ހިޖުރައިން ލިބޭ އަގުހުރި އެއްފިލާވަޅަކީ ދީނަށްޓަކައި ޤުރުބާންވުމުގެ މަތިވެރި ފިލާވަޅެވެ. އެ ގޮތުން ބަލާ އިރު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެކަލޭގެފާނު އުފަންވެވަޑައިގެން ބޮޑުފުޅުވީ ރަށާއި ގާތްތިމާގެ ބޭފުޅުންނާއި ޢާއިލާގެ ބޭފުޅުން ދޫކުރައްވައި މައްކާއިން ނުކުމެވަޑައިގެން މަދީނާއަށް ހިޖުރަކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ މި ދެންނެވި ކަންކަން، އިސްލާމްދީނުގެ ދިފާޢުގައި ޤުރުބާންކުރައްވައިފައެވެ. މި ދަތުރުފުޅަށް މައްކާއިން ނުކުންނަވަމުން އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅު މުސްލިމުން ހަނދާންކުރާން ޖެހެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. (وَاللهِ إِنَّكِ لَـخَيْرُ أَرْضِ اللَّهِ، وَأَحَبُّ أَرْضِ اللهِ إِلَى اللهِ، وَلَوْلَا أَنِّيْ أُخْرِجْتُ مِنْكِ مَا خَرَجْتُ)[2] މާނައީ: "الله ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން ތިޔަ ބިމަކީ الله ހެއްދެވި ރަށްތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު ބިމެވެ. އަދި ހަމަ އެހެންމެ الله ހެއްދެވި ރަށްތަކުގެ ތެރެއިން އެކަލާނގެ އެންމެ ލޯބިވެވޮޑިގަންނަވާ ރަށް ވެސް މެއެވެ. ތިޔަ ރަށުން ތިމަންކަލޭގެފާނު ނެރެނުލެވުނު ނަމަ ތިޔަރަށުން ތިމަންކަލޭގެފާނު ނުކުމެވަޑައެއް ނުގެންނެވީމުހެވެ."
މުސްލިމް އަޚުންނޭވެ! މި އުންމަތުގައި އެންމެ ފުރަތަމަ ހިޖުރައަށް ނުކުމެވަޑައިގެން އަންހެން ސާހިބާ އުންމު ސަލަމާއާއި ޞުހައިބުއްރޫމީގެ ހިޖުރައިން ވެސް މި މަތިވެރި ޤުރުބާނީ ހަނދާންވެއެވެ. އުންމު ސަލަމާއާއި އެކަމަނާގެ ފިރިކަލުން އަބޫސަލަމާއާއި ދެ އަހަރު ނުވާ ދަރިކަލުން ސަލަމާ ހިޖުރައަށް ނުކުމެވަޑައިގަތުމުން އުންމު ސަލަމާގެ ޢާއިލާއިން އެ ކަމަނާ ހިޖުރައަށް ވަޑައިގަތުން މަނާކުރިއެވެ. އެއާ އެކު ފިރިކަލުންގެ ޢާއިލާއިން ހުރަސްއަޅައި ދަރިކަލުން ސަލަމާ އަތުލިއެވެ. އެހެންވެ މަންމައާއި ބައްޕައާއި ދަރިފުޅު ވަކިވިއެވެ. އެހެން ނަމަވެސް އެ ޙާލަތުގައި ޢާއިލާއަށް ވުރެ އިސްލާމްދީން އިސްކުރައްވައި ދީނަށްޓަކައި އަބޫސަލަމާ ހިޖުރަކުރެއްވިއެވެ. އުންމުސަލަމާ މައްކާގައި ފިރިކަލުންނާއި ދަރިކަލުންނާ ވަކީން އެތައް ދުވަސްތަކެއް ހޭދަކުރެއްވުމަށް ފަހު ދަރިކަލުންނާއި ފިރިކަލުންގެ އަރިއަހަށް މަދީނާއަށް ހިޖުރަކުރެއްވިއެވެ. ޞުހައިބުއްރޫމީއަށް މައްކާގެ މުޝްރިކުން ދެންނެވީ ކަލޭގެފާނުގެ މުޅި މުދާ ދޫކޮށްފައި ހިޖުރައަށް ވަޑައިގެންނެވިދާނެ ކަމުގައެވެ. އެހެންކަމުން އެކަލޭގެފާނުގެ މުޅި މުދާ اللهގެ މަގުގައި ދޫކޮށްލެއްވުމަށް ފަހު ހިޖުރަކުރެއްވިއެވެ. މި ކަން އެނގިވަޑައިގަތުމުން ރަސޫލާ z ޙަދީޘްކުރެއްވިއެވެ. (رَبِحَ صُهَيْبٌ، رَبِحَ صُهَيْبٌ)[3] މާނައީ: "ޞުހައިބު ފައިދާހުރި ވިޔަފާރިއެއް ކުރައްވައިފިއެވެ. ޞުހައިބު ފައިދާހުރި ވިޔަފާރިއެއް ކުރައްވައިފިއެވެ." މި ކަމާ މެދު މާތް الله ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އަދި اللهގެ ރުހިވޮޑިގަތުން އެދި (އެކަލާނގެއަށް) ތިމާގެ ނަފުސު ދޫކޮށްލާ މީހުން ވެސް މީސްތަކުންގެ ތެރެއިން ވެއެވެ. اللهއީ، އަޅުތަކުންނާ މެދު، ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ."
މާތް اللهގެ އަޅުތަކުންނޭވެ! ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރީން އެ ކަމެއް ފުރިހަމައަށް ރޭވުމާއި، ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖައްސައިފައި ވުމެވެ. މި ގޮތުން ބަހާލެވިފައިވާ މަސައްކަތްތަކުގެ ތެރެއިން އަބޫބަކުރުގެފާނު ކުރެއްވި އެއް ކަމަކީ ހަތަރު މަސް ކުރީން ދަތުރުގެ ސަވާރީ ތައްޔާރުކުރައްވާން ފެއްޓެވުމެވެ. މިއީ ފުރިހަމަ ސިއްރިޔާތުގައި ކުރެއްވި ކަމެކެވެ. ހަމަ އެފަދައިން ހިޖުރައަށް ނުކުމެވަޑައިގަންނަވާ ރޭގައި ޢަލީގެފާނު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ގެ ދާންމަތިކޮޅުގައި އަވަހާރަފުޅުލެއްޕެވިއެވެ. މައްކާގެ މުޝްރިކުން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަވަހާރަކޮށްލާން ރާވައިފައިވާ ރެއެއްގައި އެކަލޭގެފާނުގެ ދާންމަތި ކޮޅުގައި ޢަލީގެފާނު އަވަހާރަފުޅުލެއްޕެވީ ފުރާނަފުޅު ޤުރުބާންވި ނަމަވެސް ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދިފާޢުކުރައްވައި އިސްލާމްދީން ދިފާޢުކުރެއްވުމުގެ މަތިވެރި މަޤުޞަދުގައެވެ. މައްކާއިން ނުކުމެވަޑައިގެން ޘައުރު ފަރުބަދައިގެ ހޮހަޅައިގައި އެ ބޭކަލުން ތިއްބެވި އިރު ފަރިއްކޮޅު އެރުވުމުގެ ކަންތައްކުރެއްވުމަށް ޙަވާލުވެވަޑައިގެންނެވީ އަސްމާ ބިންތި އަބޫބަކުރެވެ. އެ ކަމަނާ އެ ތަކެތި ހިއްޕަވައިގެން ވަޑައިގެން އެ އުސް ފަރުބަދައަށް އަރުއްވައި އެ ބޭކަލުންނަށް ފަރިއްކޮޅު އެރުވުމަކީ ވެސް ބުރަ އަދި ބިރުވެރިކަން ބޮޑު ކަމެކެވެ. އެއިރު މައްކާގައި ކަންހިނގަމުންދިޔަ ގޮތުގެ ޚަބަރުތައް ރަސޫލާ zއާ އަބޫބަކުރުގެފާނަށް ގެންގޮސްދެއްވީ އަބޫބަކުރުގެފާނުގެ ދަރިކަލުން ޢަބްދު اللهއެވެ. އަދި ތިން ރޭ ވަންދެން އެ ބޭކަލުންގެ އަރިހުގައި ފަތިސްވާންދެން ޢަބްދު الله އިންނެވިއެވެ.
މުސްލިމް އަޚުންނޭވެ! ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ދަތި އުނދަގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރީން ޘާބިތުކަމާ އެކު ދެމިތިބޭނޭ ކަމުގެ ފިލާވަޅެވެ. ރަސޫލާ zއާއި އަބޫބަކުރުގެފާނު ޘައުރުފަރު ބަދައިގެ ހޮހަޅައިގައި ތިއްބެވި އިރު އަބޫބަކުރުގެފާނު ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަށް ދެންނެވިއެވެ. އޭ اللهގެ ރަސޫލާއެވެ! މައްކާގެ މުޝްރިކުންގެ މީހަކު ގުދުވެ އެ މީހުންގެ ފައިތިލަ އަޅައިގެން އެހެރަ ތަނަށް ބަލައިފިއްޔާ ތިމަންބޭކަލުން މި ތިއްބެވި ތަން އެބައިމީހުންނަށް ފެންނާނެއެވެ. މި ހިނދު ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (يَا أَبَا بَكْرٍ، مَا ظَنُّكَ بِاثْنَيْنِ اَللهُ ثَالِثُهُمَا)[4] މާނައީ: "އޭ އަބޫބަކުރުގެފާނެވެ! ތިމަންމެން ދެ ބޭކަލުން އެކަނި ތިއްބެވިކަމަށް ހީފުޅުނުކުރައްވާށެވެ! ތިންވަނަ ފަރާތެއްގެ ގޮތުގައި ތިމަންބޭކަލުންނާ އެކު މާތް الله ވޮޑިގެންވެއެވެ."
މި ފަދަ ބަސްފުޅުތަކުން ޢިބުރަތް ލިބިގަނެ، ހުރިހައި ވަގުތެއްގައި ވެސް އިސްލާމްދީންމަތީގައި ތެދުވެރިކަމާ އެކު ދެމިތިބުމަށް ޢަޒުމުކަނޑައަޅައި ތިމާގެ އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރެވޭތޯ ވެވުނުހައި މަސައްކަތެއްކުރާށެވެ! އިސްވެ ދެންނެވުނު ސާބިތުކަމުގައި ރަސޫލާ z ހުންނެވުމުގެ ސަބަބުން އެކަލޭގެފާނަށް ޔަޤީންވެވަޑައިގެންފައި ވަނީ އެކަލާނގެ އެކަލޭގެފާނު ޙިމާޔަތްކުރައްވައި އެކަލޭގެފާނަށް ނަޞްރުދެއްވާނޭ ކަމެވެ. މައްކާގެ މީހުން ފިޔަވަޅުގެ އަސަރު ބަލައިގެން އެކަލޭގެފާނު ހޯދުމަށް ކުރި މަސައްކަތާއި ބޮޑު އިނާމު ހުށައަޅައިގެން އެކަލޭގެފާނު ހޯދުމަށް ކުރި މަސައްކަތް މާތް الله ނާކާމިޔާބުކުރައްވައި އެކަލޭގެފާނަށް ނަޞްރުދެއްވިއެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "ތިޔަބައިމީހުން އެކަލޭގެފާނަށް ނަޞްރު ނުދިނަސް، ހަމަކަށަވަރުން، اللهُ، އެކަލޭގެފާނަށް ނަޞްރުދެއްވިއެވެ. ދެ މީހުން ކުރެ އެކަކު ކަމުގައިވާ ޙާލު، ކާފިރުވީ މީހުން، އެކަލޭގެފާނު ނެރެލި ހިނދުގައެވެ. އޭގެ ދެ ކަލުން (ޘައުރު ފަރުބަދައިގެ) ހޮހަޅައިގައި ތިއްބެވި ހިނދުގައެވެ. އެކަލޭގެފާނުގެ އެކުވެރިޔާއަށް، ހިތާމަނުކުރައްވާށޭ، ހަމަކަށަވަރުން، الله ވޮޑިގެންވަނީ، ތިމަންމެންނާ އެކުގައޭ ވިދާޅުވި ހިނދުގައެވެ. އެ ހިނދު އެކަލޭގެފާނަށް ހިތްޕުޅު ހަމަޖެހުމާއި، އަމާންކަން الله ބާވައިލެއްވިއެވެ. އަދި ތިޔަބައިމީހުންނަށް ނުފެންނަ ލަޝްކަރުތަކަކުން އެކަލޭގެފާނަށް އެކަލާނގެ ގަދަކަން ދެއްވިއެވެ. އަދި ކާފިރުވީ މީހުންގެ ބަސް، އެންމެ ދަށްވެގެންވާ ބަސްކަމުގައި ލެއްވިއެވެ. اللهގެ ބަސްފުޅު އެއީ، އެންމެ މަތިވެރިވެގެންވާ ބަސްފުޅު ކަމުގައި ލެއްވިއެވެ. اللهއީ، ޢަޒީޒުވަންތަ، ޙަކީމުވަންތަ ރަސްކަލާނގެއެވެ." މާތްރަސްކަލާކޮ! އަޅަމެންގެ ހިތްތައް އިބަރަސްކަލާނގެ ދީންމަތީ ސާބިތުކޮށްދެއްވާނދޭވެ!
މުސްލިމް އަޚުންނޭވެ! ހިޖުރައިގެ ޒިކުރާ، ގުޅިފައިވަނީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ މައްކާއިން މަދީނާ އަށް ވަޑައިގެންނެވި މަތިވެރި ޙާދިޘާއާއެވެ. މިއީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުނު ޙާދިޘާއެވެ. މާތް اللهގެ މަގަށް ގޮވައިލައްވަން މައްކާގައި ތޭރަ އަހަރު އެކަލޭގެފާނު ހުންނެވިއެވެ. އެހައި ގިނަ ދުވަހު އެ މަސައްކަތުގައި އުޅުއްވިއިރު ވެސް އެ ރަށުގެ އަހުލުވެރީންގެ ފަރާތުން އެކަށީގެންވާ އިޖާބައެއް ލިބިވަޑައިނުގަތެވެ. އޭގެ އިތުރަށް، އެކަލޭގެފާނު އަވަހާރަކޮށްލާން އެ ބައިމީހުން ދިޔައީ ރާވަމުންނެވެ. އެ ހިނދު މާތް اللهގެ އަމުރުފުޅަށް މައްކާ ދޫކުރައްވައި އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވިއެވެ. އެ ހިސާބުން ފުރަތަމަ ފަހަރަށް އިސްލާމީ ދައުލަތެއްގެ ބިންގާ މަދީނާގައި އެޅުނެވެ. ހިޖުރައިގެ މި މަތިވެރި ޙާދިޘާއަށް އަހަރެމެން ބަލައިލާ އިރު، އަހަރެމެންނަށް ގިނަގުނަ ޢިބުރަތްތައް ލިބެއެވެ. އެއިގެ ތެރޭގައި ކަންކަމުގައި މާތް اللهއަށް ވަކީލުކުރުން ހިމެނެއެވެ. މާތް اللهއަށް ވަކީލުކުރުމަކީ، ވަކީލުކޮށްފީމޭ ބުނެ ދެ އަތް އުރައިލައިގެން ހުރުމެއް ނޫނެވެ. ވަކީލުކުރުމަކީ، ކަންކަންކުރުމަށް ބޭނުންވާ ވަސީލަތްތަކުގެ ބޭނުން ހިފުމާ އެކު، މާތް اللهގެ ޙަޟުރަތުން ރައްކާތެރިކަން ލިބުމަށް އެދި އެ ކަން ޔަޤީންކޮށްގެން ހުރުމެވެ.
ހިޖުރައަށް ނުކުމެ ވަޑައިގަތުމުގެ ކުރީން رَسُوْلُ اللهِ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ފުރިހަމައަށް ވަކީލުކުރައްވައިފައެވެ. ބޭނުންފުޅުވާ ކަންކަމާއި ތަކެތި ހޯއްދަވައިފައެވެ. ދަތުރުކުރައްވާނޭ ސަވާރީކޮޅާއި ރައްކާތެރިކަމާ އެކު ދަތުރުކުރައްވާނޭ އާރުކާޓީއެއް ހޯއްދަވައިފައެވެ.
މުސްލިމް އަޚުންނޭވެ! ހިޖުރައިގެ މާނަތަކުގެ ތެރޭގައި މާތް اللهގެ މަގަށް ކުރެވޭ ހިތުގެ ހިޖުރަ ވެސް ހިމެނޭކަމަށް ޢިލްމުވެރީން ވިދާޅުވެފައި ވެއެވެ. އެންމެ މުހިންމު ކަމަކީ ސިއްރާއި ފާޅުގައި އެކަލާނގެއަށް ހިތްނިޔަތް ޚާލިޞްކުރުމެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (...فَمَنْ كَانَتْ هِجْرَتُهُ إلَى اللهِ وَرَسُوْلِهِ فَهِجْرَتُهُ إلَى اللّٰهِ وَرَسُوْلِهِ...)[5] މާނައީ: "ފަހެ އެ މީހަކު ހިޖުރަކުރީ اللهއާއި އެކަލާނގެ ރަސޫލާއަށްޓަކައި ކަމުގައިވާ ނަމަ އެ ހިޖުރަ ވާހުށީ اللهއާއި އެކަލާނގެ ރަސޫލާއަށްޓަކައި ކުރި ހިޖުރައެއް ކަމުގައެވެ." މި ބަސްފުޅުން ދޭހަވާ ގޮތުގައި އިސްލާމްދީނާ ޚިލާފަށް ކުރެވޭ ކަންކަން ދޫކޮށް ދީނުގެ ތަރަހައިގެ ތެރެއަށް ވަނުމަކީ މާތް اللهއާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ގެނެސްދެއްވި މަގަށް ހިޖުރަ ކުރުމެކެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! މަގުފުރެދުންތަކުން އެއްކިބާވެ މާތް ނަބިއްޔާ ދެއްކެވި ތެދުމަގަށް ހިޖުރަކޮށް ސާބިތުވެ ތިބޭ ބަޔަކުކަމުގައި އަޅަމެން ލައްވާނދޭވެ! އާމީން!
[5] أخرجه البخاري (1)، ومسلم (1907).