ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު މަރާމާތަށްފަހު އާންމުންނަށް ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު މަރާމާތަށްފަހު އާންމުންނަށް ހުޅުވާލައިފި

މާލޭގެ ހުޅަނގު ފަރާތުގައި އޮންނަ ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު މަރާމާތުކުރުމަށްފަހު އަލުން އާންމުންނަށް މިއަދު ހުޅުވާލައިފިއެވެ. މި ސަރަޙައްދު މަރާމާތުގެ މަސައްކަތްތަކަށް ވަގުތީ ގޮތުން ބަންދުކޮށްފައިވަނީ މިދިޔަ އެޕްރީލް މަހުގެ ތެރޭގައެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ރަސްފަންނު ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއި އެމްޑަބްލިއުއެސްސީއާއެވެ. މި މަޝްރޫޢުގެ ދަށުން އެ ސަރަޙައްދަށް ދިމާވެފައިވާ ގޮނޑުދޮށް ގިރުމުގެ މައްސަލަ ހައްލުކުރުމާއި، ބޭރު ތޮއްޓަށް ބަދަލުތައް ގެނެސް މޫދަށް އެރޭ ސަރަހައްދުގައި ފެން ދައުރުވުން ރަނގަޅުކުރުމުގެ މަސައްކަތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން، ރަސްފަންނު ސަރަޙައްދުގައި ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި މަސައްކަތުގެ ތެރެއިން އެމްޓީސީސީން ވަނީ ފެންހިންދާ ނިޒާމުގެ މަސައްކަތްތައް މީގެ ކުރިން ނިންމާލާފައެވެ.

ރަސްފަންނު ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ އާންމު ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޑަބްލިއުއެސްސީއާއެވެ. ރަސްފަންނު ތަރަައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން އެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ބައެއް އާންމު ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ވަނީ ހަވާލުކޮށްފައެވެ، މި މަސައްކަތުގެ ތެރޭގައި ފާޚާނަބަރިއަކާއި، ފެން މާގަނޑު ބެހެއްޓުން އަދި ލޮކަރފަދަ ވަސީލަތްތައް ޤާއިމްކުރުން ހިމެނެއެވެ.

މި ގެނެވުނު ބަދަލުތަކާއެކު ރަސްފަންނު މޫދަށް އެރޭ ސަރަޙައްދުގެ ފެން ދައުރުވުން ރަނގަޅުވެ، އެ ސަރަޙައްދު ބޭނުންކުރާ އާންމުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން