ނިމިދިޔަ މޭ މަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 7.5 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ މޭ މަހުގެ މާލީ ރިޕޯޓުގައިވާ ގޮތުން، އެ މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 7.5 މިލިޔަން ރުފިޔާއަކީ މިދިޔަ އަހަރުގެ މޭ މަހު ލިބުނު 4.3 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 73 އިންސައްތަ އިތުރު އަދަދެކެވެ.
މުދަލު ޒަކާތުގެ ނިޞާބަކީ މުދަލުގައި އެ މިންވަރެއް ހަމަވުމުން ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. މިދިޔަ އެޕްރީލް މަހުގެ 21 ވަނަ ދުވަހު މޯލްޑިވްސް ޒަކާތު ހައުސްއިން ވަނީ ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ 21,836.50 ރުފިޔާ ކަމުގައި ކަނޑައަޅާފައެވެ. މިއީ ރިހީގެ ގުރާމަކަށް 36.70 ރުފިޔާގެ ރޭޓުން 595 ގުރާމަށް ޖެހޭ މިންވަރެވެ.
މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މޭ މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 58 މިލިޔަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 50 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 14 އިންސައްތަ އިތުރުވެފައެވެ.