އަމިއްލަ ޢާއިލާ އާއިއެކު ދިރިއުޅުނަސް އަދި ބައިވެރިޔާގެ ޢާއިލާއާއިއެކުގައި ދިރިއުޅުނަސް ތަނަވަސްކަން ހުރި މިންވަރަކުން ޢާއިލާގެ އެންމެންނަށްވެސް ހަދިޔާ ދޭށެވެ. އެކަމުގައި ތިމާއާއި ރުހޭ މީހުންނާއި ނުރުހޭ މީހުންވެސް ހަމަހަމަކުރާށެވެ.
އެއީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ ހަދިޔާ ދިނުމަކީ އަނެކާގެ ހިތުގައި ތިބާގެ މައްޗަށް ލޯބިއިތުރުވާނެ ކަމެއްކަން ޙަދީޘްފުޅުން އެނގެން އޮތުމުންނެވެ. އެހެންވީމާ އެކަންވާނީ ސުންނަތަކަށެވެ.
ހަމައެފަދައިން ދެމަފިރިންވެސް އެކަކު އަނެކަކަށް ހަދިޔާދޭށެވެ! ކިތަންމެ ކުޑަކުޑަ އެއްޗެއް ނަމަވެސް އެއީ ކުރިން މިބަޔާންކުރިފަދައިން އަނެކާގެ ހިތުގައި ތިބާގެ މައްޗަށް ލޯބި އިތުރުވެގެންދާނެ ކަމަކަށްވާތީއެވެ.
ފަޤީރުކަމުން ހަދިޔާ ގަންނަން އުނދަގޫނަމަ އަތުން ފައިސާ ޚަރަދުނުކޮށްވެސް ދެމަފިރިން އެކަކުއަނެކަކަށް ދެވޭނެ ހަދިޔާ އެބަހުއްޓެވެ. "ތެދުވެރިވުން، ވަފާތެރިވުން، އަޅައިލުން، ލޯބިދިނުން، ހިނިތުންވެސް، އަނެކާ ބޭނުންތަކަށް ފަރުވާތެރިވުން، އަނެކާ ކޮށްދޭ ކަންކަމުގެ އަގުވަޒަންކުރުން" މިހުރީ ހަމަ ދެވެންހުރި ހަދިޔާތަކެވެ. ރަނގަޅަށް ވިސްނައިފިނަމަ ތަނަވަސްކަންހުރިނަމަވެސް އަދި ތަނަވަސްކަން ނެތްނަމަވެސް މިއީ ދެމަފިރިންނަށްވެސް އެކަކު އަނެކަކަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާ ތަކެވެ. ދިރިއުޅުމަސްކުރާ ފައިދާ އެންމެ ބޮޑުވާނީވެސް މިހަދިޔާތަކުންނެވެ.
Abu Huraira reported: The Prophet, peace and blessings be upon him, said, “Give each other gifts and you will love each other.”
Source: al-Adab al-Mufrad 594
Grade: Hasan (fair) according to Ibn Hajar
--އިސްލާމީ ތިލަފަތުގެ ދަރުސަކުން