ބައެއް ފިރިހެނުން އެމީހުންނަކީ އަގުހުރި ބައެއްގެ
ގޮތުގައި މީސްތަކުންނަށް ދައްކަން ބޭނުންވެއެވެ. އަގުހުރި ބައެއްގެ ގޮތުގައި ދިރިއުޅެން ބޭނުންވެއެވެ. އަހުރެން ބުނާނީ އެހެންކަމަށްވާނަމަ ފުރަތަމަ ކަމަކަށް އަގުހުރި އަންތބަކު އިޚްތިޔާރުކުރާށެވެ!
ސަބަބަކީ ކޮންމެ ބައްޕައެއްގެ ވެސް އެންމެ އަގުހުރި ރައުސުލްމާލަކީ އޭނާގެ ދަރިންނެވެ. އެދަރިންނަކީ ރަނގަޅު، ހަރުދަނާ، އަގުހުރި ދަރިން ކަމުގައި ހެދޭނީ އެގޮތުގައި ދަރިން ތަރުބިއްޔަތުކުރާނެ އަންތބަކު އިޚްތިޔާރުކޮށްގެންނެވެ. ހަމައެއާއިއެކު ހެޔޮލަފާ އަންތބަކު އިނުމަކީ ތިމާގެ އަޢިބުތައްވެސް މީސްތަކުންނަށް ފޮރުވައިދޭނެ ސަބަބެކެވެ.
ޤަބޫލުކުރިނަމަވެސް އަދި ނުކުރި ނަމަވެސް ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތު ނުކުރެވިއްޖެނަމަ އެކަމުން އަންގައިދޭނީ ބައްޕަގެ ދޯދިޔާކަމެވެ. ދަރިންނަށް ދޭންޖެހޭ ސަމާށލުކަން ބައްޕަ ނުދިންކަމެވެ.
މިކަމަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތެވެ. "އަހަރެން އުޅުނީ އަބަދު މަސައްކަތުގަ! ޚަރަދުކުރާނެ ފައިސާ ދިނިން! އެހެން ކަންކަން ކޮށްދިނިން!" މިއީ ދެއްކޭނެ ބަހަނާތަކެއް ނޫނެވެ. ސަބަބަކީ މިފަދަ އެއްވެސް ބަހަނާއެއް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެތީއެވެ. އަދި މުޖުތަމަޢުވެސް ޤަބޫލުނުކުރާނެތީއެވެ.
ދަރިން ލިބުމުން ﷲ ތަޢާލާގެ މަގުގައި ދަރިން ތަރުބިއްޔަތުކުރާނެ، އެކަން ކުރެވޭވަރުގެ އަންތބަކު އިޚްތިޔާރުކުރަން ނުކުޅެދިއްޖެ މީހަކަށް އަބަދުވެސް އުޅެންޖެހޭނީ ކަންބޮޑުވުމުގެ ތެރޭގައެވެ. މިވާހަކަ ދައްކަން ޖެހޭ ސަބަބަކީ އެކަމަށް ނުވިސްނައި ކައިވެނިކުރުން ގިނަވާތީއެވެ. ދުނިޔަވީ ސަބަބުތަކަށްޓަކައި އަދި ތިމާގެ އަމިއްލަ އުފާތަކަށް އިސްކަންދީގެން ކައިވެނިކުރުން ގިނަވާތީއެވެ.
އަގުހުރި އަނބިންނަކީ ﷲ ތަޢާލާއަށް ބިރުވެތިވާ އަދި ރިވެތި އަޚްލާޤްގެ މަތީގައި ދިރިއުޅޭ އަންހެނުންނެވެ. އެއީ އަނބިމީހާއަށް ލިބިފައިވާ ތަނަވަސްކަމާއި އަދާކުރާ ވަޒީފާ އާއި އަދި ބޭރުފުށުގެ ސިފައާއި ގުޅުންހުރި ކަމެއް ނޫނެވެ. އެކަންކަން ގުޅިފައިވަނީ އޭނާގެ ހިތާއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން