ނަމާދުގަ އިތުރު ރަކްޢަތަކަށް ތެދުވެވިއްޖެނަމަ ޢަމަލުކުރަން އޮތް ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 42ސ
ނަމާދުގަ އިތުރު ރަކްޢަތަކަށް ތެދުވެވިއްޖެނަމަ ޢަމަލުކުރަން އޮތް ގޮތް-

ނަމާދުގައި އިތުރު ރަކްޢަތަކަށް ތެދުވެވިއްޖެނަމަ ޢަމަލުކުރަން އޮތް އެނގިލައްވާނެއެވެ. އިން ޝާ ﷲ. އިތުރު ރަކްޢަތް މިމާނަކުރަނީ އެނަމާދުގަ ކުރަންޖެހޭ ރަކްޢަތުގެ ޢަދަދަށްވުރެ އިތުރަށް ކުރަން އިތުރު ރަކްޢަތަކަށް ތެދުވެވުމަށެވެ. މިޘާލަކަށް 4 ރަކްޢަތް ނަމާދެއްގައި 5 ވަނަ ރަކްޢަތަށް ތެދުވެވުމަށެވެ.  

الحمد لله 

އިމާމުމީހާއާއި ވަކިން ނަމާދުކުރާމީހާއާ އަދި މައުމޫމުމީހާ ނަމާދުގައި އިތުރަށް ކުރެވޭ ކަންތައްތަކުގައި ހުކުމީގޮތުން ހަމަހަމަވެގެންވެއެވެ. އެމީހަކަށް ރަކުޢަތެއް އިތުރުކުރެވޭކަން އެނގޭ ޙާލު ގަސްތުގައި ރަކުޢަތެއް އިތުރު ކޮށްފިމީހާގެ ނަމާދު ބާޠިލުވާނެއެވެ. މިގޮތަށް އާންމުކޮށް މީހެއް ކަންތައް ނުކުރާނެއެވެ. 

އަދި އެމީހަކަށް ކުށަކުން ނަމާދުގައި އިތުރު ރަކުޢަތެއް ކުރެވޭ މީހާ، އެއްގޮތަކީ އެމީހަކަށް (އިމާމެއް ކަމުގައިވިޔަސް، ނުވަތަ މައުމޫމެއް ކަމުގައިވިޔަސް، ނުވަތަ ވަކިން ނަމާދު ކުރާ މީހެއްކަމުގައި ވިޔަސް) އިތުރު ކުރެވިއްޖެކަން ރަކުޢަތުގައި ހުއްޓާ އެނގުމެވެ. މިޙާލަތުގައި (އިތުރުކުރި ރަކުޢަތުން) އަނބުރާ ރުޖޫޢަވާންޖެހޭނެއެވެ. (އެބަހީ؛ އެ ރަކުޢަތް އިތުރަށް ކުރިއަށް ނުގެންގޮސް އިށީންނަންޖެހޭނެއެވެ.) އެހެންނޫންނަމަ އެމީހެއްގެ ނަމާދު ބާޠިލުވާނެއެވެ. އެއީ އޭނާ (އެނގިހުރެ) ގަސްތުގައި ނަމާދަށް އިތުރުކުރީމައެވެ. އެމީހަކު ޢަމަލުކުރަންވީ ގޮތަކީ  އޭގެ ކުރިން އައްތަޙިއްޔާތަށް ނުއިށީންނަނަމަ އައްތަޙިއްޔާތަށް އިށީނދެ އައްތަހިއްޔާތު ފުރިހަމަ ކުރުމަށްފަހު ސަލާމްދީފައި ދެން ކުށުސަޖިދަ ކުރުމެވެ.

ޝައިޚް އިބްނު އުޘައިމީން ރަޙިމަހުﷲ ވިދާޅުވިއެވެ. “އެކަލޭގެފާނު ވިދާޅުވި ބަސްފުޅުގެ މާނަ: (“އެމީހަކަށް ރަކުޢަތުގައި އެނގިއްޖެ ކަމުގައިވާނަމަ”) މުރާދަކީ: އެމީހަކަށް އިތުރު ކުރެވުނު ރަކުޢަތުގައި އިތުރުކުރެވުނުކަން އެނގިއްޖެނަމަ، (“ވަގުތުން އިށީންނާށެވެ.”) މުރާދަކީ: އެމީހަކަށް އެނގޭ ހިސާބުން ވަގުތުން އިށީންނާށެވެ. އަދި ލަސްނުކުރާށެވެ. އެއީ އެމީހަކު ރުކޫޢުގައި ވަނިކޮށް ކަމުގައި ވިޔަސްމެއެވެ. އޭނާއަށް އެކުރެވެނީ ފަސްވަނަ ރަކުޢަތް ކަން އެނގޭ ހިސާބުން އިށީންނާށެވެ.

ބައެއް ކިޔަވާކުދިންނަށް  މި މައްސަލާގައި ހީވެފައި އޮންނަނީ އެފަދަމީހާގެ ޙުކުމަކީ ފުރަތަމަ އައްތަޙިއްޔާތުން ތެދުވާ މީހާގެ ހުކުމްކަމުގައެވެ. އަދި އޭނާ އިތުރު ރަކުޢަތަށް ތެދުވެ، ކިޔަވަން ފައްޓައިފިނަމަ އެމީހެއްގެ މައްޗަށް އަލުން އަނބުރާ ރުޖޫޢަވުން (އިށީނުން) ހުއްދަވެގެން ނުވާކަމަށެވެ. އެއީ ވަހުމެކެވެ. އަދި ކުށެކެވެ. އިތުރުކުރާމީހާ އެއިތުރުކުރާ ކަންތަކުގެ މަތީގައި ދެމިހުރުން ހުއްދަވެގެން ނުވެއެވެ. އެނގޭހިސާބުން ވަގުތުން ރުޖޫޢަވާން ޖެހޭނެއެވެ. އަދި އެކަމުގައި އޭނާ ދެމިހުރުން މަނާވެގެންވެއެވެ. އެއީ އޭނާ އެކަމުގައި ދެމިހުރެއްޖެނަމަ އޭނާވާނީ ޤަސްތުގައި ނަމާދަށް އިތުރުކުރި މީހަކަށެވެ. މިއީ ހުއްދަކަމެއް ނޫނެވެ. އެއިގެ ސަބަބުން ނަމާދު ބާތިލުވެގެންދާނެއެވެ. 

(“އައްތަޙިއްޔާތުގައި ނުއިށީންނަނަމަ އައްތަޙިއްޔާތުގައި މަޑުކުރާށެވެ.”) މުރާދަކީ: އެމީހަކަށް އެއީ އިތުރަށް ކުރެވޭ ބައެއްކަން އެނގޭ ހިސާބުން އައްތަޙިއްޔާތަށް އިށީންނާށެވެ. އެއީ އިތުރަށް އޭނާ ތެދުވާ ރަކުޢަތުގެ ކުރިން އޭނާ އައްތަޙިއްޔާތަށް ނީންނަނަމައެވެ. މިގޮތަށް ކަންތައް ވެދާނެހެއްޔެވެ؟

އާއެކެވެ. ވެދާނެއެވެ. އެއީ ހަތަރުވަނަ ރަކުޢަތުގައި އޭނާ އައްތަޙިއްޔާތަށް އިނެވެ. ނަމަވެސް ހަނދާންނެތިގެން އޭނާއަށް ކުރެވުނީ ދެވަނަ ރަކުޢަތް ކަމުގައި ހީކޮށް އޭނާގެ ކުށްހީގެ މައްޗަށް ތިންވަނަ ރަކުޢަތް ކުރުމަށް ތެދުވީއެވެ. އެއަށްފަހު އޭނާއަށް ކުރެވެނީ ފަސް ވަނަ ރަކުޢަތްކަމާ އަދި އޭގެކުރިން ކުރެވުނީ ފަހު އައްތަޙިއްޔާތުކަން ހަނދާންވީއެވެ. 

އެކަލޭގެފާނު ވިދާޅުވިއެވެ. މާނަ: (“އަދި އެމީހާ ސަޖިދަކުރާށެވެ. އަދި ސަލާމްދޭށެވެ.”) މި ޢިބާރާތުން ކިޔާމީހާއަށް އެފަދަ މީހާ ސަލާމް ދިނުމުގެ ކުރިން ކުށުސަޖިދަ ކުރަންޖެހޭނެކަން ދޭހަވާނެއެވެ. އެއީ އެކަލޭގެފާނުގެ މަޛްހަބެވެ. (އެބަހީ؛ ޙަންބަލީ މަޛްހަބުގެ ގޮތެވެ.) އެމަޛްހަބުގައި ހަނދާންނެތިގެން ކުށުސަޖިދަ ނުޖަހާ ސަލާމްދެއްވިއްޖެ ޙާލަތުގައި ފިޔަވައި ސަލާމްދިނުމަށްފަހު ކުށުސަޖިދަ ކުރަންޖެހޭ ކަމަށް ދެކިނުލައްވައެވެ. އެނޫން ޙާލަތްތަކުގައި ކުށުސަޖިދަކުރަން އެ މަޛްހަބުގައި އޮންނަނީ ސަލާމުގެ ކުރިންނެވެ. އެހެންނަމަވެސް ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ އިޚްތިޔާރުކުރައްވަނީ މިކަމުގެ ރާޖިޙްގޮތަކީ: އިތުރަށް ކުރެވިއްޖެނަމަ ކުށުސަޖިދަ ކުރަންޖެހޭނީ ސަލާމަށް ފަހުގައިކަމެވެ. 

މައްސަލަ: ފަތިސްނަމާދުގައި ތިންވަނަ ރަކުޢަތަކަށް ތެދުވެވިއްޖެމީހާ ކަންތަށް ކުރާނީ ކިހިނެއް؟

ޖަވާބު: އަނބުރާ އައްތަޙިއްޔާތަށް އިށީންނާނީއެވެ. އެއީ އެރަކުޢަތުގައި ކިޔަވަން ފެށިކަމުގައި ވިޔަސްމެއެވެ. އަދި ރުކޫޢުގައި އޮތްކަމުގައި ވިޔަސްމެއެވެ. އަލުން އައްތަޙިއްޔާތަށް އިށީނުމަށްފަހު  ސަލާމްދޭށެވެ. އެއަށްފަހު ކުށުސަޖިދަކޮށް ސަލާމްދޭށެވެ. މިއީ ރާޖިޙް ޤައުލުގެ މައްޗަށް ބިނާކޮށް ސަލާމްދިނުމަށްފަހު ކުށުސަޖިދަކުރާ ގޮތެވެ.”

(الشرح الممتع ” (3/342 – 343) 

ދެވަނަ ގޮތަކީ އެމީހަކަށް އިތުރަށް ރަކުޢަތެއް ކުރެވޭކަން ނޭނގި ނަމާދުކުރެވުމެވެ. އަދި އޭނާއަށް އެކަން އެނގުނީ ނަމާދުގެ ފަހުންނެވެ. މިޙާލަތުގައި އޭނާގެ ނަމާދު ސައްޙަވާނެއެވެ. އަދި ސަލާމްދިނުމަށްފަހު ކުށުސަޖިދަކުރާނީއެވެ. އެއީ އޭނާއަށް ނަމާދުގައި އިތުރަށް ކުރެވުނު ރަކުޢަތަށްޓަކައެވެ. 

މަޖުމޫޢުލް ފަތާވާ އިބްނު ޢުޘައިމީން (14/31) ގައި އައިސްފައިވެއެވެ. މީހަކު މެންދުރު ނަމާދުގައި ފަސްރަކުޢަތް ކުރިއެވެ. އޭނާއަށް އެކަން އެނގުނީ އައްތަޙިއްޔާތުގައި ވަނިކޮށެވެ. އެމީހާގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ 

ޖަވާބުގައި ވެއެވެ. “މީހަކު ނަމާދުގައި ރަކުޢަތެއް އިތުރުކޮށް އެރަކުޢަތް ނިމުނުފަހުން އެކަން އެނގިއްޖެނަމަ އެމީހެއްގެ މައްޗަށް ކުށުސަޖިދަކުރުން ވާޖިބުވެގެންވެއެވެ. އެ ކުށުސަޖިދަ ކުރުންވަނީ ނަމާދުކޮށް ސަލާމްދިނުމަށްފަހުއެވެ. އެކަމުގެ ދަލީލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއްފަހަރަކު ނަމާދެއްގައި ފަސްރަކުޢަތް ކުރެއްވިއެވެ. އަދި އެކަލޭގެފާނަށް އެގޮތަށް ކަންތައް ކުރެވިއްޖެކަން ބަޔާންކޮއްދެވުނެވެ. އެކަލޭގެފާނު ސަލާމްދިނުމަށްފަހު ކުށުސަޖިދަކުރެއްވިއެވެ. އަދި އެކުށުސަޖިދައަކީ ސަލާމްދިނުމުގެ ކުރިން ކުރަންޖެހޭ ކަމެއްކަމުގައި ވިދާޅުނުވެއެވެ. އެހެންކަމުން މިގޮތަށް ނަމާދުގައި އިތުރު ރަކުޢަތެއް ކޮށްފިނަމަ ކުށުސަޖިދަ ޖަހަންޖެހޭނީ ނަމާދުގެ ސަލާމްދިނުމަށްފަހުގައި ކަން އެނގިގެންދެއެވެ. ذو اليدين ގެ ޙަދީޘްއިން މިކަމަށް ބާރުލިބެއެވެ.”

والله أعلم .

 

- އައްޝައިޚް ޢީސާ ޙުނައިން

 

މިއަދު އޮންލައިން