މަންމަގެ ފުރާނަ ސަލާމަތްކުރަން ލިބުނު ފުރުޞަތު ގެއްލުމުން އެކަމުގެ ހިތާމަ ކުރަމުންގެންދާ ދަރިއެއްގެ އިލްތިމާސް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 32ސ
މަންމަގެ ފުރާނަ ސަލާމަތްކުރަން ލިބުނު ފުރުޞަތު ގެއްލުމުން އެކަމުގެ ހިތާމަ ކުރަމުންގެންދާ ދަރިއެއްގެ އިލްތިމާސް!

މުޖުތަމަޢުއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ވަބާއަކީ ކޮބައިކަން އެންމެންނަށްވެސް އެނގޭނެއެވެ. އެވަބާގެ ސަބަބުން ހިތާމަކޮށް ކަރުނައަޅަންޖެހިފައިނުވާ އެންމެ ޢާއިލާއެއްވެސް އޮތް ކަމަށް ބުނަން އުނދަގޫވާ ޙާލަތަށް މިވަނީ އެވަބާ ފެތުރިފައެވެ.  

މިލިޔުން މިގެނެސްދެނީ މިއަދުނޫހުގެ ކިޔުންތެރިންގެ ތެރެއިން ގިނަ ޢަދަދެއްގެ މައިން އެކަމަށް އެދެމުން އަންނާތީއެވެ. ލިޔުމުން ހިތްވަރު ލިބި ޢިބްރަތަށްވެ މިނުބައި ޢަމަލުކުރާ ދަރިން އެނުބައި ޢަމަލުކުރުމުން ދުރުހެލިވޭތޯއެވެ.  

ފުރަތަމަ ކަމަކަށް ވިސްނައިލަންވީ ތިބާގެ މަންމަގެ ފުރާނަ ސަލާމަތްކުރަން ތިބާއަށް ލިބޭ ފުރުޞަތު ގެ ބޭނުން ހިފި މަންމަގެ ފުރާނަމަ ސަލާމަތްކުރެވިއްޖެނަމަ ﷲ ތަޢާލާ ތިބާއަށް ދެއްވަވާނެ ނިޢުމަތްތަކާއިމެދުގައެވެ. ދެއްވަވާނެ ޘަވާބާއި މެދުގައެވެ. ދެން ވިސްނައިލަންވީ ތިބާގެ މަންމަގެ ފުރާނަ ސަލާމަތްކުރަން ތިބާއަށް ލިބުނު ފުރުޞަތު ތިބާގެ ސަބަބުން ގެއްލިގެން ދިއުމުން ދެރަވެ ހިތާމަކުރަންޖެހޭނެ މިންވަރާއިމެދުގައެވެ.  

ތިރީގައި އެވަނީ މަންމައަށް ކިޑްނީ ހަދިޔާކޮށް މަންމަގެ ފުރާނަ ސަލާމަތްކުރަން ލިބުނު ފުރުޞަތު އޭނާއަށް ކުރެވިފައިވީ ކުށެއްގެ ސަބަބުން ގެއްލިގެންދިއުމުން އެކަމަށް ހިތާމަކޮށް ކަރުނައަޅަމުން އަންނަ ޒުވާނެއްގެ ވާހަކައެވެ. މަސްތުވާތަކެތި ބޭނުންކުރާ ހުރިހާ އެންމެންނަށް އޭނާކުރާ އިލްތިމާސެވެ.  

އަޅުގަނޑަކީ އުމުރުން 13 ވަރަކަށް އަހަރުންފެށިގެން ޑްރަގުގެ ބާވަތްތައް ބޭނުންކުރަމުން އައި ޒުވާނަކީމެވެ. މިހާރު އަޅުގަނޑުގެ އުމުރަކީ 26 އަހަރެވެ. މަންމަމެންގެ ވަރަށް ގިނަ މަސައްކަތުން އަޅުގަނޑު ހަކުރުބުއިމާއި ދުރުހެލިވިތާ މިހާރު 4 އަހަރުވެދާނެއެވެ.

ރަނގަޅަށް އަޑުއައްސަވާށެވެ! މަންމަގެ 2 ކިޑްނީ ފޭލްވީއެވެ. ޓެސްޓްކުރުމުން ގުޅުނީ އަޅުގަނޑުގެ ކިޑްނީ އެކަންޏެވެ. އެހެން އެއްވެސް ދަރިއެއްގެ ކިޑްނީއެއް ނުގުޅުނެވެ. އެއީ ލެއްވެވި ވަރަށް ބޮޑު ރަޙްމަތެއް ކަމަށްދެކިގެން އަޅުގަނޑުހުރީ ޑޮކްޓަރުން ބޭނުންވާނަމަ އަޅުގަނޑުގެ 2 ކިޑްނީ އެކުގައިވެސް މަންމައަށް ހަދިޔާކުރަން ތައްޔާރަށެވެ.  

އަޅުގަނޑުގެ 2 ކިޑްނީ އާއި ހިތާއި ސިކުނޑިއާއި މެއައި ފުރަމެއާއި މިހެން ގޮސް ހުރިހާ ގުނަވަންތައް މަންމައަށް އެކުގައި ހަދިޔާކުރެވުނަސް މަންމަ އަޅުގަނޑަށްޓަކައި އުފުލި ބުރައިގެ ކުޑަކުޑަ މިންވަރަކަށް ނަމަވެސް ބަދަލު ނުދެވޭނެކަން އަޅުގަނޑަށް ޔަޤީންކުރެވޭތީއެވެ.  

މަންމައަށް ކިޑްނީ ހަދިޔާ ކުރެވޭތީ ވަރަށް އުފަލުންހުރެ މަންމައާއިއެކު އިންޑިއާއަށް ދިއައީމެވެ. އެކޮޅުން ހެދި ޓެސްޓުންވެސް ދެމައިންގެ ކިޑްނީ މެޗްވެއެވެ. ބަދަލުކުރެވިދާނެއެވެ. ނަމަވެސް އަޅުގަނޑަށް މަސްތުވާތަކެތ ބޭނުންކުރެވިފައި ހުރުމުން ބަދަލުކޮށްނުދިނީއެވެ. އާދޭސްކޮށް ދެފައިގައި ހިފައި ސަލާންޖެހުމުންވެސްމެއެވެ. މެޗްވާ އިތުރު މީހަކު ލިބޭތޯ ޢާއިލާއިން މަސައްކަތްކުރަމުން ދަނިކޮށް މަންމަ މިހާރުވަނީ އަބަދުގެ އަބަދަށް ދުނިޔެއާއި ވަކިވެފައެވެ.   

މަންމަގެ މޫނުއަޅަންވެގެން އެންމެފަހުން ބަލައިލެވުނު ވަގުތުވެސް ބުނިފަދައެވެ! "ދަރިފުޅާއެވެ. ދަރިފުޅުދެކެ މަންމަ ވަރަށް ލޯބިވަމެވެ. ނަމަނަމަ ދެން މަސްތުވާތަކެތި ބޭނުންނުކުރާށެވެ. ދެން ކުރިމަތިލާންޖެހޭނެ ޙާލަތު އެނގޭނީ ކާކަށް ހެއްޔެވެ؟ ލިބެން އުޅޭ މާމައަށް ނުފެންނާނެ މާމަދަރިފުޅަށް ދަރިފުޅުގެ ކިޑްނީ ނުދެވިގެން ދުނިޔެ ދޫކުރަންޖެހިއްޖެނަމަ ކުރަންޖެހޭނެ ހިތާމައަށް ވިސްނާށެވެ!"  

ކޮންމެއަކަސް މިއީ އަޅުގަނޑުގެ ވައުދެވެ. ކުރިން އަޅުގަނޑު ވާނީ މަންމަގެ ފައްޓަރުބައި ވަގަށްނަގައިގެން ވިއްކާފަވެސް ހަކުރުބޮއިފައެވެ. މީ ޖޯކެއް ނޫނެވެ. މަންމަގެ ބައިވަރު ގަހަނާތައް ވަގަށް ނަގައިގެން ވިއްކީމެވެ. އަދި މަންމަގެ ދަބަހުން ވަގަށް ފައިސާ ނެގުނު ވަރުގެ އަދަދެއްވެސް ނުއެނގެއެވެ. ދެން އަޅޫގަނޑުގެ ކަރުގައި 10 ފަށްޓަރުބައި އަޅުވާފައި އަޅުގަނޑުގެ ބަރުދަނަށް ކިރައ ރަނާ ޖަވާހިރުދިނަސް އަޅުގަނޑު މަސްތުވާ އެއްވެސް އެއްޗެއް ބޭނުމެއް ނުކުރާނަމެވެ.  

އަޅުގަނޑުގެ އެކުވެރިންނޭވެ! އަޅުގަނޑަކީ ކާކުކަން ސީދާ ނަމުން ނުބުނި ނަމަވެސް މިކިޔައިދިން ވާހަކައިން އަޅުގަނޑަކީ ކާކުކަން ތިއަ އެކުވެރިންނަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ. އަޅުގަނޑު ބުނެލަން ބޭނުމީ ދެންވެސް ޢަޒުމުކަނޑައަޅަމާ ހިނގާށެވެ! ހަމައެކަނި ނުބޯކަށެއްވެސް ނޫނެވެ. ޒުވާން ޖީލް މިވަބާއިން ސަލާމަތްކުރުމަށެވެ.  

މިއަދު ގެއްލިގެން އެދިއައީ އަޅުގަނޑުގެ މަންމައެވެ. މާދަދަމާ ކޮން އެކުވެރިއެއްގެ ކާކުކަން އެބަ އެނގޭހެއްޔެވެ؟ އަހަރެމެން އިޞްލާޙްކުރުމުގެ ފައިސާ ނަގައިގެން ބައަކު މުއްސަނދިވަމުންދިއަ ނަމަވެސް އަހަރެމެން އިޞްލާޙްކުރަން މަސައްކަތްކުރާ މީހަކު ހުރިނަމަ އެމީހަކީ ތިމަންނަ ކަމަށްބުނެފައި އެމީހާ ކުރާ ކަމެއް ނިކަން ބުނެލަދީބަލާށެވެ! ރިހެބްގައި މަސްތުވާތަކެތި ނުލިބޭ ހެއްޔެވެ؟  

ވީމާ އަހަރެމެންނަށް އިޞްލާޙްވެވުން އޮތީ ހަމަ އަހަރެމެންގެ އަތްމަތީގައެވެ. އަހަރެމެންގެ ހިތްވަރާއި މަސައްކަތުންނެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން