ކައިވެނި ރޫޅުނީ ކޮންމެ މީހެއްގެ ކުށުން ނަމަވެސް ދަރިން ނިކަމެތިކުރުވުމަކީ އަނިޔާވެރިވުމުގެ އެންމެ މަތީދަރަޖަ! އަނިޔާއެކުރެވެނީ އެއްވެސް ކުށެއް ނެތް މަޢްޞޫމް ފުރާނައަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 33ސ
ކައިވެނި ރޫޅުނީ ކޮންމެ މީހެއްގެ ކުށުން ނަމަވެސް ދަރިން ނިކަމެތިކުރުވުމަކީ އަނިޔާވެރިވުމުގެ އެންމެ މަތީދަރަޖަ! އަނިޔާއެކުރެވެނީ އެއްވެސް ކުށެއް ނެތް މަޢްޞޫމް ފުރާނައަކަށް!

ކޮންމެ އަނިޔާއަކީވެސް ކުރެވޭ ފާފައެކެވެ. އެފާފަ ބޮޑުވެގެންދާ ސަބަބުތައް އެބަހުއްޓެވެ. އެއިގެ ތެރޭގައި ތިމާގެ ލޯތްބާއި އަޅައިލުން ދޭންޖެހޭ މީހަކަށް އަނިޔާވެރިވުން ހިމެނެއެވެ. ޚާއްޞަކޮށް ދަރިންނަށް ވަކިން ޚާއްޞަކޮށް ކުޑައިރު އަނިޔާވެރިވުން ހިމެނެއެވެ.  

ކައިވެނި ރޫޅުނީ އަނބިމީހާގެ ސަބަބުންނަމަ އަނބިމީހާ އާއިމެދު އުފެދޭ ހަސަދައިގެ ސަބަބުން ދަރިން ނިކަމެތިކުރެއެވެ. ހަމައެގޮތަށް ކައިވެނި ރޫޅުނީ ފިރިމީހާގެ ސަބަބުންކަމުގައިވެއްޖެނަމަ ފިރިމީހާ ދެރަކުރަން އެބަ ދަރިން ނިކަމެތިކުރެއެވެ. ވީމާ ދެމަފިރިންގެ ޙަސަދައިގެ މެދުގައި ފިތި ނޭވާ ނުލެވިތިބޭ ދަރިންގެ ޢަދަދު ހާހުން ގުނައިލެވޭކަން އެއީ ހިތާމަހުރިކަމެކެވެ.  

ހަމަޤައިމުވެސް ލިބިފައިވާ ކުޑަދަރިފުޅާއިހުރެ އެއްވެސް ކައިވެންޏެއް ރޫޅޭކަށް ނުޖެހޭނެއެވެ. ދަރިން އެންމެ ބޮޑަށް އެދޭނެ ކަމަކީވެސް މަންމައާއި ބައްޕަގެ ލޯބި ލިބިގެން ބޮޑުވުމެވެ. އެއިގެ އިތުރުން ދެމަފިރިން ދުރުކުރުވަން ކުޑަކުޑަ ދަރިފުޅަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ އެހެންކަމަށްވާއިރު ދެމަފރިންގެ މެދުގައި ޖެހޭ މައްސަލައެއްގެ ސަބަބުން ކައިވެނި ރޫޅުނަސް ދަރިންނަށް ނަފްރަތުކޮށް ނިކަމެތިކުރަން ހެޔޮވާނީވެސް ކިހިނަކުން ހެއްޔެވެ؟ ދަރިން ނިކަމެތިކުރުމުން ﷲ ދެއްވަވާނެ ޢަޛާބަށް ބިރުވެތިނުވެވޭކަން އެއީ އެންމެ ދެރަ ކަންތަކެވެ.  

ތިރީގައިވާ ވާހަކައަކީވެސް އެގޮތުން އަނިޔާލިބުނު ދަރިއެއްގެ ވާހަކައެވެ. ވިދާޅުވެ ޢިބްރަތް ޙާޞިލުކުރައްވާށެވެ!

އަޅުގަނޑު ވަރަށް ކުޑައިރު، ގާތްގަނޑަކަށް 5 އަހަރުގައި ބައްޕަ އަޅުގަނޑާއި މަންމަ ދޫކޮށްލާފައި ގެއިން ނުކުމެގެން ހިނގައްޖެއެވެ. ދާން އުޅެން ފެށުމުން ރޮމުން ބައްޕަގެ ދެފައިގަ ހިފައި ބައްޕަ ގާތުގައި ނުދާންބުނެ އާދޭސްކުރީމެވެ. ނަމަވެސް ބައްޕަ ދިއައީއެވެ. ގެއިން ނުކުންނަމުންވެސް ވަރަށް ލޯބިން އަޅުގަނޑިގެ ގައިގާ ބައްދާލާފައި ބުނީ ވަރަށް އަވަހަށް އެނބުރި އަންނާނެ ކަމަށެވެ. ނަމަވެސް އެދުވަހުގެ ފަހުން ބައްޕަ ގެއަކަށް ނާދެއެވެ. ބައްޕަ ޢާއި ބައްދަލެއްވެސް ނުވެއެވެ.  

އުޅުނީ މަންމަގެ ގާތުގައެވެ. މަންމަ އަޅުގަނޑާއިމެދު ޢަމަލުކުރިގޮތަށް ބަލައި ބުނާނަމަ ބުނަންޖެހޭނީ އެއީ މަންމައެއް ނޫން ކަމަށެވެ. މުޅި އުމުރު މައިވަންތަކަމުގެ ލޯބިން މަޙްރޫމްކޮށްފައި ބެހެއްޓީތީއެވެ. ކަމެއްކޮށްދޭއިރުވެސް އޯގާތެރިނުވާތަނުގައި ހަރުކަށިކަމާއިއެކު ނޫނީ އެންމެ ބަހެއްވެސް ނުބުނާތީއެވެ. މަންމަގެ ސަމާލުކަން ހޯދަން ކަމެއްކުރިނަމަވެސް އެއްޗެތި ގޮވުން ނޫން ކަމެއް ނުކުރާތީއެވެ.  

އެގޮތަށް ކަންތައްކުރަމުންވެސް މަންމަ ބުނަނީ ބައްޕަ އަޅުގަނޑުދެކެ ލޯބިނުވާ ކަމަށެވެ. ދެމައިން ދޫކޮށްލާފައި ދިއައީ އެހެންވެގެން ކަމަށެވެ.  

ކަމުގެ ޙަޤީޤަތް އެނގުނީ އުމުރުން 18 އަހަރުވީފަހުންނެވެ. މަންމަގެ ފޯނުން ފެނުނު މެސެޖަކުންނެވެ. ބައްޕަ ގާތުން މަންމަ ގަދަކަމުން ވަރިވީއެވެ. ބައްޕަ އަޅުގަނޑު ގެންދަން ބޭނުންވިނަމަވެސް މަންމަ ނުދިނީއެވެ. ޝަރީޢަތުން ބައްޕައަށް ހޯދެން ނެތުމުން ބައްޕަ އަޅާނުލައި ހުރީއެވެ.  

މިކަންކަން އެނގުމުން މަންމަ ގާތު ސުވާލުކުރުމުން ބުނީ ބައްޕަ އަޅުގަނޑުދެކެ ވަރަށް ބޮޑަށް ލޯބިވާ ކަމަށާއި މަންމަ އަޅުގަނޑު ދެކެ ލޯބިނުވާ ކަމަށެވެ. ސަބަބެއް ނުބުނެއެވެ. އަޅުގަނޑު ބައްޕައަށް ނުދިނީ ބައްޕަ ދެރަކުރަންބޭނުންވާތީކަމަށްވެސް ބުންޏެވެ.  

އަޅުގަނޑު ވަގުތުން ގެއިން ނުކުތީމެވެ. މުޅި އުމުރުގައި ބައްޕައަށް ނަފްރަތުކުރެވުނީތީ މާފަށް އެދެން ދާންޖެހުނީ ސަހަރާއަށެވެ. ބައްޕަ މަރުވެ ވަޅުލާފައިވާތީއެވެ. ބައްޕަ މަރުވީވެސް މަންމަގެ ސަބަބުން ލިބުނު ހިތްދަތިކަމުގައި ކުރެވުނު ނުބައި އަމަލެއްގެ ސަބަބުންނެވެ. ޢާންމުގޮތެއްގައި ދަރިންނަށް ނުބައިކޮށް ކަންކަންކުރަނީ ބައްޕައިންކަމަށްވެދާނެއެވެ. ނަމަވެސް އަޅުގަނޑުގެ ބައްޕައާއިމެދު އެގޮތަށް ބުނެވޭކަށް ނެތެވެ.  

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. އަޅުގަނޑު މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރަނީ މިފަދަ ކަންކަން ހަމަ އަޅުގަނޑުމެންގެ ތެރޭގައިވެސް ހިނގަމުންދާތީއެވެ. ބައްޕަ ނުވަތަ މަންމަގެ ފުށުން މިފަދަ ކަންކަން ދަރިންނަށް ކުރިމަތިވާތީއެވެ.  

އަޅުގަނޑު ބުނެލަން ބޭނުންވަނީ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކުގެ ސަބަބުން ދަރިންނަށް މިފަދަ އަނިޔާތައް ކުރަން ހެޔޮނުވާނެއެވެ. ދެމަފިރިންގެ މެދުގައި ލޯބި ގެއްލި ވަކިވާންޖެހުނީ ކޮންމެ ސަބަބެއް މެދުވެރިވެގެން ނަމަވެސް އެކަމުގައި ދަރިންގެ ކުށަކީ ކޮބައިތޯއެވެ.  

އަޅުގަނޑަކީވެސް ހަމަ މިފަދަ ކަންތައްތަކެއް ކުރިމަތިވި އަންހެނަކީމެވެ. މަންމަ ފަރާތުގެ މާމަ އެމުސްކުޅި ޙާލުގައިވެސް އަޅުގަނޑަށް އެހީތެރިނުވިނަމަ އަޅުގަނޑު ދުނިޔޭގައި ހުންނާނެ ކަމެއްވެސް ނުއެނގެއެވެ. އެހައި ބޮޑަށް ހިތްދަތިކަން ލިބުނެވެ. އަޅުގަނޑު ފަދައިން މިފަަދ ހިތްދަތިކަން ލިބުނު އެތައް ހާސް ކުދިން މިރާއްޖޭގައިވެސް ތިބޭނެއެވެ. ވީމާ މިއީ ހަމަ ވަރަށް ބޮޑަށް ސަމާލުކަމަށް ގެންނަން ޖެހިފައިވާ މައްސަލައެއްކަމަށް ދެކެމެވެ.

 

- ޝާޒްލީ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން