بَرْزَخْ ގެ عَالَم ގެ މާނައަކީ، ފަރުދާ ކުރެވިފައިވާ عَالَم އެވެ. الله وَحِى ކުރައްވާފައި ވެއެވެ.
(1) حَتَّى إِذَا جَاءَ أَحَدَهُمُ الْمَوْتُ قَالَ رَبِّ ارْجِعُونِ (99) لَعَلِّي أَعْمَلُ صَالِحًا فِيمَا تَرَكْتُ كَلا إِنَّهَا كَلِمَةٌ هُوَ قَائِلُهَا وَمِنْ وَرَائِهِمْ بَرْزَخٌ إِلَى يَوْمِ يُبْعَثُونَ (100) (سورة المؤمنون: 99-100)
މިآيَة ތަކުގެ މާނައަކީ : (99) " އެބައިމީހުންކުރެ މީހެއްގެ ގާތަށް މަރު އަތުވެއްޖެއުމަށް ދާންދެންނެވެ. އެހިނދު އޭނާ ބުނެއެވެ. އަޅުގެވެރި ރަސްކަލާކޮ! ތިމަންއަޅާ (ދުނިޔޭގެ حَيَاة އަށް) އަލުން އަނބުރާ ފޮނުއްވާނދޭވެ! (100) (އެއީ) ތިމަން ފަހަތަށް ދޫކުޅަ ކަންތަކުގައި صَالِح عَمِلُ ކުޅައުމުގެ އެދުމުގައެވެ. ހަމަހިލާ އެހެންނަކުން ނުވާނެ އެވެ. ހަމަކަށަވަރުން އެއީ އޭނާ ބުނެލާ ބަހެކެވެ. އަދި އެމީހުންގެ ފަހަތުގައި ވަނީ ފަރުދާއެކެވެ. އެބައިމީހުން އަލުން ދިރުމަކަށް ފޮނުއްވޭ ދުވަހަށް ދާންދެންނެވެ. " މިއެވެ.
بَرْزَخ ގެ عَالَم ގައި ފުރާނަ ހަށިގަނޑާ ގުޅުއްވާ ގުޅުއްވުމަކީ، ދުނިޔެވީ حَيَاة ގައި މިފެންނަފަދަ ދިރުއްވުމެއް ނޫނެވެ. ދިރުއްވުން ވާކަން ކަށަވަރީ ދެފަހަރަށެވެ. އެއީ ދުނިޔެއަށް ފޮނުއްވުމަށް ދިރުއްވުމާއި، مَحْشَر އަށް ފޮނުއްވުމަށް ދިރުއްވުމެވެ.
بَرْزَخ ގެ عَالَم ގައި ފުރާނަވާ مُدَّة އަކީ މަރުވުމާއި قِيَامَة އާ ދެމެދުގައިވާ ދުވަސްތަކެވެ. މި مدّة ކިތަންމެ ދިގުވިޔަސް، ނުވަތަ ކިތަންމެ ކުރުވިޔަސް، ތާޅަފިލީގެ އަޑަށް، އެ ފުރާނައެއްގެ ހަށިގަނޑަށް އެފުރާނައެއްވަދެ، އަލުން ދިރުމަކުން ދިރިގެން ތެދުވާއިރު، އެއްވެސް މީހަކަށް އެ مدّة ގެ ދިގު ކުރުމިނެއް إِحْسَاس އެއްނުކުރެވޭނެއެވެ.
ކަށްވަޅަކީ، إِنْسَان އާ މަރުވުމަށްފަހު ވަޅުލެވޭ ތަނަށް ކިޔޭ ނަމެކެވެ. ވަޅުލުމަކީ މައްޔިތާއަށް މާތްކޮށް ހިތުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. الله سُبْحَانَهُ وَتَعَالَى وَحِى ކުރެއްވި އެވެ. ثُمَّ أَمَاتَهُ فَأَقْبَرَهُ. (1) މި آية ގެ މާނައަކީ، " ދެން އެކަލާނގެ އޭނަ މަރުގެންނެވިއެވެ. އަދި އޭނާ ކަށްވަޅުގައި ލެއްވިއެވެ" މިއެވެ. ވުމާއެކު މާތްވެގެންވާ إِسْلاَمْ ديْن ގައި ކަނޑައެޅިފައި ވަނީ، މައްޔިތާ ހިނަވައި ކަފުންކޮށް، ކަށުނަމާދު ކޮށްފައި ވަޅުލުމެވެ. އަންދައިލުމެއް ނޫނެވެ. ނުވަތަ ޖަނަވާރާއި ދޫނި ސޫފާސޫފި ކައި ހެދުމަށްޓަކައި އެއްލައިލުމެއް ނޫނެވެ. ނުވަތަ ކަނޑު ފެއްތުމެއް ނޫނެވެ. ދިރިތިބި މީހުންނަށްޓަކައި ބިމުގެ ދަތިކަން ކިތަންމެ ބޮޑުވިޔަސް، މަރުވާ މީހާ ވަޅުލުމަށްޓަކައި އޭނާއަށް ބިމުން ތަންކޮޅެއް ލިބޭގޮތަށް إِجْتِمَاعِى ކަންތައްތައް ރޭވުމަކީ وَاجِب ކަމެކެވެ.
ކަނޑު ދަތުރުކުރާ އުޅަނދެއްގައި، ކަނޑުމަތީގައި މީހަކު މަރުވެއްޖެނަމަ، އެންމެ ކައިރީގައިވާ ހިކިފަސް ތަނެއްގައި ވަޅުލުމަކީ وَاجِبُ ކަމެކެވެ. އެފަދަ ތަނަކަށް ދެވޭއިރަށް މައްޔިތާ تَغَيُّرًވެދާނެ ކަމުގެ ބިރު ހީވާނަމަ، ހިނަވައި ކަފުންކޮށް، ކަށުނަމާދުކޮށްފައި، ކަނޑުގެ އަޑިޔަށް ފެތޭގޮތަށް ބަރު އެއްޗެއް ބަނދެފައި، ކަނޑަށް ދޫކޮށްލާނީ އެވެ. ނުވަތަ ހިނަވައި ކަފުންކޮށް، ކަށުނަމާދު ކޮށްފައި ދެފިލައެއްގެ މެދުގައި ބަނދެފައި ކަނޑުގައި ބަހައްޓާނީ އެވެ. އެއީ، ހިކިފަސް ތަނަކަށް ލައްގައިފިނަމަ، ބަޔަކު މީހުން އޭނާ ވަޅުލާނެ ކަމުގެ أُمِّيْدُ ގައެވެ. އެތަކެއް ސަބަބާހުރެ މިދެގޮތުންކުރެ ފުރަތަމަ ގޮތުގެ މައްޗަށްބުރަވާން ޖެހެއެވެ.
مَيِّت އާ ވަޅުލުމަކީ، مُسْلِمْ ންގެ މެދުގައި ހުރިހާ ޒަމާނެއްގައިވެސް ހިނގަމުން އަންނަ ކަމެކެވެ މިކަން ކީރިތި قُرْآنُ ން ސާބިތުވެއެވެ. ﷲ ގެ وَحِى ބަސްފުޅުގައި ވެއެވެ.
فَبَعَثَ اللَّهُ غُرَابًا يَبْحَثُ فِي الْأَرْضِ لِيُرِيَهُ كَيْفَ يُوَارِي سَوْءَةَ أَخِيهِ ۚ قَالَ يَا وَيْلَتَا أَعَجَزْتُ أَنْ أَكُونَ مِثْلَ هَٰذَا الْغُرَابِ فَأُوَارِيَ سَوْءَةَ أَخِي ۖ فَأَصْبَحَ مِنَ النَّادِمِينَ (31) سورة المائدة: 31
މި آيَة ގެ މާނައަކީ، " ދެން އޭނާގެ أَخ ގެ (ފުރާނަނެތް) މަސްގަނޑު ނިވާކުރާނީ، ކޮންފަދައަކުންކަން އޭނާ އަށް ދެއްކެވުމަށްޓަކައި، ބިން ހާވާނޭ ކާޅެއް ﷲ ފޮނުއްވިއެވެ. ދެން އޭނާ ބުންޏެވެ. އޭ، އަހުރެންނަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އަހުރެންގެ أَخ ގެ މަސްގަނޑު ނިވާކުޅައުމަށް މިކާޅު ފަދައިން ވުމަށްވެސް، އަހުރެން ނުކުޅެދިގެން ވީހެއްޔެވެ؟ ދެން އޭނާ ހިތާމަ ކުރާމީހުންގެ ތެރެއިން ވިއެވެ." މިއެވެ.
ފުރާނަ ހިއްޕެވުމާއި، ކަށްވަޅުގެ سُؤَال އާއި جَوَاب އާއި ކަށްވަޅުގެ ثَوَاب ނުވަތަ ކަށްވަޅުގެ عَذَاب އާބެހޭ ވާހަކަތައް ވަރަށް تفصيل ކޮށް اَلْبَرَاءُ بْنُ عَازِب އާއި، އެނޫންވެސް ބައެއް صَحَابى ން، رَسُولُ اللهِ صَلَّى الله عَلَيْهِ وَسَلَّم ގެ އަރިހުން ރިވާ ކުރައްވާފައިވާ حَدِيْث ތަކުގައި އެކުލެވިގެން ވެއެވެ. މިފޮތުގެ މައިގަނޑު ބައި ހިމެނިފައި ވާނީ، ﷲ ރުއްސުންލެއްވި اَلْبَرَاءُ بُنُ عَازِب ގެ އަރިހުން، اَلْإِمَام أَحْمَدُ بْنُ حَنْبَل ރިވާ ކުރައްވާފައިވާ حَدِيْث އެއްގެ މައްޗަށެވެ. މިފޮތުގައި މިވަނީ މިދެންނެވި حَدِيْث ގެ ދިވެހި تَرْجَمَة އެކެވެ. މި حَدِيث އަކީ صَحَّ حَدِيث އެއްކަމަށް حَدِيث عِلم ގައި ކުރިޔަށް ތިއްބެވި ބޭކަލުން ކަނޑައަޅުއްވާފައި ވެއެވެ. މި حَدِيث ގެ سَنَدُ އާބެހޭގޮތުން ދެކެވިފައިވާ ވާހަކަ މިފޮތުގައި އިތުރު بَيَان އެއްގެ ގޮތުގައި ލިޔެފައި ވާނެއެވެ. މި تَرْجَمَة އަކީ ތިރީގައި މިދަންނަވާ ފޮތުގެ مُجَلَّدُ 7ގެ 74 ން 78 ވަނަ صَفْحَة އާ ދެމެދުގައިލިޔެވިފައިވާ رِوَايَة ގެ ترجمة އެކެވެ.
ފޮތުގެ ނަން:
اَلْفَتْحُ الرَّبَّانِى
ترتيب
مُسْنَدُ لإمَام أَحْمَدُ بْنُ حَنْبَل الشَّيْبَانِى
مَعَ شَرْحِهِ
بُلُوغُ الْأمَانِى مِنْ أَسْرَارِ الْفَتْحْ الرَّبَّانِى
ترتيب وتأليف
أَحْمَدُ عَبْدُ الرَّحْمَان الْبَنَّا
دَارُ الشِّهَابِ – القاهرة މި އެވެ.
މިފޮތުގައި މިވާ رِوَايَة ގެ تَرْجَمَة ގެތެރެޔަށް އެހެން رِوَايَة އެއްގެ ترجمة އެއް އިތުރު ކުރެވިފައި ވާނަމަ، އެކަން ފާހަގަކުރެއްވޭ ގޮތަށް އެހެން رِوَايَة އެއްގައިވާކަމަށް ލިޔެ، އެ رِوَايَة އެއް ނިމުމުން اهـ މިފަދައިން ފާހަގަ ކުރެވިފައިވާނެ އެވެ. މިދެންނެވި رِوَايَة ތަކުގެ أصْلُ ހޯއްދަވަން ބޭނުންފުޅު ނަމަ، اَلشَّيْخُ مُحَمَّدُ نَاصِرُ الدِّيْنُ اَلْأَلْبَانِى ގެ تَلِخِيْصُ أَحْكَامِ الْجَنَائِزِ މިފޮތުންނާއި حَدِيث ފޮތްފޮތުގެ އެހެނިހެން ފޮތް ފޮތުންވެސް اصْلُ ހޯއްދެވޭނެ އެވެ.
އަޅުގަނޑުގެ މިފޮތް ދުނިޔޭގެ އަލިކަން ދުށުމުގައި މިމަސައްކަތުގައި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް شُكْرُ ވެރިވުމާއެކު ހެޔޮ دُعَاء ކުރަމެވެ. ދުނިޔެއާއި آخرة ގެ ބާއްޖަވެރި ކަން ދެއްވުންއެދި ﷲ އަށް دُعَاء ކުރަމެވެ. ކަށްވަޅުގެ عَذَاب ންނާއި ނަރަކައިގެ عَذَاب ން ދިންނަވައި، ސުވަރުގޭގެ މަތިވެރި نِعْمَة ދެއްވުން އެދި އޯގާވަންތަ رَحْمَة ވަންތަ ﷲ އަށް دُعَاء ކުރަމެވެ. އަދި خَاصَّ ކޮށް މިފޮތް އެކުލަވައިލުމުގައި އެފޮތް ފޮތުގެ ذَرِيْعَة އިން އަޅުގަޑު އެހީތެރިކަން ހޯދި مَرْجِع ތަކުގެ މަތިވެރި عِلْمُ ވެރި مُصَنِّف ންނާއި مُؤَلِّفُ ންނަށް ހެޔޮ دُعَاء ކުރަމެވެ.
(އަލްއުސްތާޛް އާދަމްނަސީމު ހ. ޕޫނަމް (ބިއޭ ނަސީމް) ލިޔުއްވާފައިވާ މަރުވުމަށްފަހު ވާނީ ކިހިނެއް! (ބަރުޒަޚްގެ ޢާލަމް) ފޮތުން-)
- ބަރުޒަޚުގެ ޢާލަމް (2): މަރުވުމަށްފަހު ވާނީ ކިހިނެއް؟