ރޭގަނޑުގެ މިވަޤުތު ތިބާއަށް ނިދީން ހޭލެވިއްޖެނަމަ އެއީ 7 އުޑުމަތިން މިންވަރުކުރެއްވެވި ފުރުޞަތެއް! ކަންނެތްވެ ނަގާލަން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ރޭގަނޑުގެ މިވަޤުތު ތިބާއަށް ނިދީން ހޭލެވިއްޖެނަމަ އެއީ 7 އުޑުމަތިން މިންވަރުކުރެއްވެވި ފުރުޞަތެއް! ކަންނެތްވެ ނަގާލަން ހެޔޮނުވާނެ!

ތިބާއަށް ނިދީން ހޭލެވުނީއެވެ. އެވަޤުތަކީ ރޭގަނޑުގެ ފަހުބައިގެ ވަޤުތެއްނަމަ އެއީ އާދައިގެ ކަމެއް ނޫނެވެ. ވިސްނާށެވެ! ތިބާ އޮތީ ހޭލަން ބޭނުންވެގެނެއްވެސް ނޫނެވެ. ގަޑި ނުވަތަ ފޯނު ސޯނާކޮށްގެނެއްވެސް ނޫނެވެ. އެކަމަކު ތިބާއަށް ހޭލެވުނީއެވެ. ލޯހުޅުވުނީއެވެ. މިއީ އާދައިގެ ނުވަތަ ކުޑަކަމެއް ކަމަށް ވިސްނައިގެން ނުވާނެއެވެ. އެއީ 7 އުޑުގެ މަތިން ތިބާއަށް ﷲ ތަޢާލާ ދެއްވެވި ފުރުޞަތެކެވެ. ދަޢުވަތެކެވެ. ތެދުވެ ﷲ ތަޢާލާއާއި ކުއްތަންވެލަން މަސައްކަތްކުރުމަށެވެ.  

އެދަޢުވަތު ޤަބޫލުކޮށް ޢިޖާބަދިނުމުން ފައިދާކުރާނީ ތިމާގެ ތަޤްވާވެރިކަމަށް އެކަންޏެއް ނޫނެވެ. ރިޒުޤްތަނަވަސްވުމާއި ބަލިތަކަށް ޝިފާލިބުމާއި ދިރިއުޅެންކުރާ މަސައްކަތުގައި ކުރިއަރައިދެވުން ފަދަ ތިމާއަށް ބޭނުންވެގެންހުރި ހުރިހާ ކަމަކުން ފައިދާކުރާނެއެވެ.  

ޝައިޠޯނާއަށް މިކަންކަން ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންވެ ވަސްވާސްދޭނީ ފޯނާއި ކުޅުމަށެވެ. ނުވަތަ އަލުން ނިދަން މަސައްކަތްކުރުމަށެވެ. ވިސްނައިދޭނީ މާދަމާ ކުރަންހުރި މަސައްކަތްތައް ކުރެވޭނީ ނިދިހަމަކޮށްގެން ކަމެވެ.  

އެއްވެސް ޝައްކެއް ނެތެވެ. ސަލާމަތް ޞިއްޙަތަކަށް ފުރިހަމަ ނިދި ބޭނުންވާނެއެވެ. އެކަމަކު ނިކަން ބުނެބަލާށެވެ. ރޭގަނޑުގެ ބައެއްގައި ރޭއަޅުކަންކުރާތީ އެމީހަކު ކުރަންހުރި މަސައްކަތް ނުކުރެވޭ އެކަކުވެސް އެބަހުރިހެއްޔެވެ؟ ނުހުންނާނެއެވެ. އެއީ އެވަޤުތުކޮޅުގެ ބޭނުން ﷲ ތަޢާލާ އަންގަވާގޮތަށް ހިފުމުން ނިދީގައި ބަރަކާތް ލައްވަވާތީއެވެ. ރޭގަނޑު ހަތަރުދަމު ނިދިޔަސް ﷲ ތަޢާލާ ބަރަކާތް ނުލައްވަވާނަމަ ކުރާނެ ފައިދާއެއް ނެތެވެ. އޮންނާނީ ކޮންމެވެސް ކަމެއް ކުރިމަތިވެ ކުރަންހުރި ކަންކަން ނުކުރެވިފައެވެ.

 

- މަޢުލޫމާތު: އުސްތާޛާ ޔާސްމީން މުޤާހިދުގެ ދަރުސަކުން

މިއަދު އޮންލައިން