އެއީ ކުޑަކުޑަ ޢާއިލާއެކެވެ. ގޭގައި ދިރިއުޅެނީ އަންހެން ދެބެއިންނާއި ދޮށީކުއްޖާގެ ފިރިމީހާއެވެ. ދެން އުޅެނީ ނޯކަރެވެ. އެއީ އަންހެނެކެވެ. ކޮއްކޮ އާއި ފިރިމީހާގެ މެދުގައި ގުޅުން ހިންގާކަން ނޯކަރަށް އެނގެއެވެ. ނަމަވެސް އެކަން އެނގޭ ކަމަށް ނުހަދައި މަޑުންހުރީއެވެ.
އެއްދުވަހަކު ފިރިމީހާއާއި ކޮއްކޮއާއި ދެމީހުން ސިޓީންގ ރޫމްގައި ތިބެފައި ކޮއްކޮ ނޯކަރަށް ބުނީ ސައިތަށްޓެއް ގެނައުމަށެވެ. ފެން ހޫނުކޮށްލައިގެން ގެންނަންޖެހުމުން ލަސްވީތީ ރުޅިއައިސްގެން ނޯކަރުގެ ގައިގައި ޖެހުމުން ނޯކަރު ވަރަށް ރުޅިގަދަވިއެވެ. ވަރަށް ބާރަށް ބުނެވުނެވެ. "ދައްތަގެ ފިރިމީހާއާއިއެކު ރޭކުރާ އަންހެނާގެ ހުރި ނުބައިކަން ނިކަން ދެކިބަލާށެވެ!"
އެއަޑު ދުރުގައި ހުރި ދައްތައަށް އިވުނެވެ. ބާރަށް އައިސް ކަންކަން ވެގެން އުޅޭގޮތަކާއިބެހޭ ގޮތުން ސުވާލުކުރުމުން ފިރިމީހާއާއި ކޮއްކޮ ބުނީ މިއީ ޢާއިލާގައި ފިތުނަ އުފައްދަން އުޅޭ އަންހެނެއްކަމަށާއި ހަމަމިހާރު ވަޒީފާއިން ވަކިކޮށް ފޮނުވައިލުމަށެވެ. އަނބިމީހާގެ ޖަވާބަކަށް ނޯކަރު ގާތުގައި ބުނީ އޭނާބުނި ވާހަކައަކީ ތެދެއްނަމަ އެބަސް ތަކުރާރުކުރުމަށެވެ. ނޯކަރު އެއްވެސް ޖެހިލުމެއް ނެތި ބަސް ތަކުރާރުކުރިއެވެ.
އަނބިމީހާ އެދުނީ އެކަމުގެ ހެކިދެއްކުމަށެވެ. ނޯކަރު ބުނީ މެޑަމް ކޮންމެ ދުވަހަކު އޮފީހަށް ދިއުމުން ފިރިމީހާ ކެމެރާގެ ފުޓޭޖް ޑިލީޓްކުރާ ކަމަށާއި ރޭގެ ފުޓޭޖް އަދި ޑިލީޓް ނުކުރާތީ ފެންނާނެ ކަމަށެވެ. ބަލައިލުން ރަނގަޅުވާނެ ކަމަށެވެ.
ކެމެރާގެ ފުޓޭޖް ބެލުމަށްފަހު ދައްތަ ކޮއްކޮއަށް ބުންޏެވެ. "ކޮއްކޯއެވެ! މީހަކާ އިންނަން ނުއުޅެ ތިއަ ހުންނަނީ މިގުޅުން ކުރިއަށް ގެންދަން ވެގެންތާއެވެ. ދައްތަގެ މައްސަލައެއް ނެތެވެ. އަވަހަށް ޅިޔަނު ގޮވައިގެން ކޮއްކޮގެ އެޕާޓްމަންޓަށް ބަދަލުވާށެވެ."
ފިރިމީހާ ވަރަށް ކަންބޮޑުވިއެވެ. އެއީ އޭނާއަކީ ދިރިއުޅެން މަސައްކަތްކުރާ މީހަކަށް ނުވެފައި ކޮއްކޮއަކީވެސް މަސައްކަތްކުރާ މީހަކަށް ނުވާތީއެވެ. އެހެންވެ ކުށްކުރެވުނީ ކޮއްކޮގެ ސަބަބުން ކަމަށްބުނެ ގެއިން އޭނާ ފޮނުވައިނުލުން އެދި އާދޭސްކުރުމުން އަނބިމީހާ ބުންޏެވެ. "ބުނަންހެއްޔެވެ؟ އަހުރެންވެސް ކަލޭދެކެ ވަރަށް ލޯބިވަމެވެ. ވަޒީފާއެއް އަދާނުކުރާތާ އަހަރުވީއިރުވެސް އެއްވެސް ޝަކުވާއެއް ނުކޮށް މިއުޅުނީ ލޯބިވާތީއެވެ. އެކަމަކު ބޭވަފާތެރިވުމަށް މާފުކުރީމާ ދެން ފިލުވައިލާނީ ނޯކަރެވެ. ނުވަތަ އެހެން އަންހެނެކެވެ. ތިއަބަލި ޖެހިއްޖެ މީހަކަށް ބަލިން ސަލާމަތްވެވޭ ބޭހެއް އަދި އުފެއްދިފައެއް ނެތެވެ. ވީމާ ކަލެއަށް އެންމެ ރަނގަޅުވާނެ ގޮތަކީ ކޮއްކޮއާއި ކައިވެނިކޮށްގެން އުޅުމެވެ. ޙަސަދަވެރިއެއް ނޫނެވެ. ކައިވެނިކުރީމާ ދެމީހުންނާއި ބައްދަލުވެސް ކުރާނަމެވެ. ކޮއްކޮއާއި އޮންނަންވާ ގުޅުންވެސް ބާއްވާނަމެވެ. ރަހިމުގެ ގުޅުން ކަނޑައިލާކަށް ނެތީމެވެ."
މިވާހަކަ ތިއަ އަޚުންނާއި އުޅުތުންނަށް މިކިޔައިދިނީ މިހާދިސާގައި ވަރަށް ގިނަ ޢިބްރަތްތަކެއް ހިމެނޭތީއެވެ. ފުރަތަމަ ކަމަކީ ބޭޒާރުނުވާނެކަމަށް ބަލައިގެން ކުށްކުރާނަމަ އެއީ މޮޔަކަމެއް ކަމެވެ. އެއްވެސް އަބަދަކު ސިއްރެއް ނުކުރެވޭނެއެވެ. ކޮންމެވެސް ސަބަބެއް މެދުވެރިވެގެން ބޭޒާރުވާނެއެވެ.
ދެވަނައަށް ފާހަގަކޮށްލަން ބޭނުންވަނީ ހެޔޮލަފާ އަނބިންގެ އަގު ވަޒަންކުރުމެވެ. އެއަންހެންމީހާއަކީ ކިހާ ހެޔޮލަފާއަންތބެއް ހެއްޔެވެ؟ އެފަދަ އަންތބަކަށް ބޭވަފާތެރިވާން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ ޝައިޠޯނާގެ ބަހަށް ހެއްލެވޭނަމަ ޖެހޭނީ ހަމަ އެފިރިމީހާއަށްވެސް އެޖެހުނު ނިކަމެތި ޙާލެވެ.
އަހުރެމެންގެ އުޅުން އިޞްލާޙްކުރަން އެނަޖެހެއެވެ. އާޚިރަތް ލިބުމުގެ އިތުރަށް ދުނިޔެވެސް ލިބެން އޮތީ ތެދުވެރިވެވިގެންނެވެ. ފާފަކުރުން ހުއްޓާލައިގެންނެވެ. ބައިވެރިޔާއަށް ވަފާތެރިވެވިގެންނެވެ. ގިނަ ބައަކަށް ބޮޑެތި ދެރަތައް ލިބެމުން އަންނަނީ މިކަންކަމަށް ވިސްނައިނުލެވޭތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން