މިދިޔަ ހަފުތާގެ ތެރޭގައި އެމްއެންޑީއެފް ކޯސްޓް ގާޑުން ބަލިމީހުން އުފުލުމުގެ 71 މެޑިކަލް އިވެކުއޭޝަން އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން މީސްމީޑިއާގައި އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުން ކުއްލި ފަރުވާއަށް ބޭނުންވި ގިނަ އަދަދެއްގެ ބަޔަކަށް ކޯސްޓްގާޑުން ވަނީ ކަނޑުމަގުން ބަލިމީހުން އުފުލައިދިނުމުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. މިއޮޕަރޭޝަންތައް ކުރިއަށްގެންގޮސްފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑް ސްކޮޑްރަންތަކާއި ސީއެމްބިއުލާންސް ގުޅިގެންނެވެ.
ކޯސްޓްގާޑް ސްކޮޑްރަންތަކުން ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކުގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނަ އިވެކުއޭޝަންތައް ކުރިއަށްގެންގޮސްފައިވަނީ އެއްވަނަ ސްކޮޑްރަންއިންނެވެ. އެގޮތުން އެއްވަނަ ސްކޮޑްރަންއިން 48 އޮޕަރޭޝަން ފުރިހަމަކޮށްފައިވެއެވެ.
މީގެ އިތުރުން ދެވަނަ ސްކޮޑްރަންއިން 3 އޮޕަރޭޝަން، ތިންވަނަ ސްކޮޑްރަންއިން 13 އޮޕަރޭޝަން އަދި ހަތަރުވަނަ ސްކޮޑްރަންއިން 6 މެޑިކަލް އިވެކުއޭޝަން ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.
ކޯސްޓްގާޑުގެ އުޅަނދުފަހަރުގެ އިތުރުން، މިދިޔަ ހަފުތާގެ ތެރޭގައި ސީ އެމްބިއުލަންސްގެ ޚިދުމަތްވެސް ވަނީ ބޭނުންކޮށްފައެވެ. އެގޮތުން ސީ އެމްބިއުލަންސް E9 54 އިން ވަނީ މި މުއްދަތުގައި 1 މެޑިކަލް އިވެކުއޭޝަން ކުރިއަށްގެންގޮސްފައެވެ.
ކުއްލި ހާލަތްތަކުގައި ބަލިމީހުން އެއް ރަށުން އަނެއް ރަށަށް ނުވަތަ ސަރަހައްދީ ހޮސްޕިޓަލްތަކަށް ގެންދިއުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.