ސިފައިންގެ 72 ވަނަ އަސާސީ ތަމްރީނު ކޯހުން އެކި ވަނަތައް ހާސިލުކުރި ބައިވެރިންނަށާއި، ކޯސް ފުރިހަމަކޮށް ސިފައިންގެ ހިދުމަތާ ގުޅުނު ހުރިހާ ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
ސިފައިންގެ ހިދުމަތާ އަލަށް ގުޅުނު ދަރިވަރުންނަށް ހިތްވަރު ދެއްވައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ސަރުކާރުން ފަށާފައިވާ ދިވެހި ވަޠަނީ ހިދުމަތުގެ އިނީޝަލް ތަމްރީނުގެ އެންމެ ފުރަތަމަ ބެޗު ނިންމައި، އެކިއެކި ދާއިރާތަކުން ވަޒީފާ ހޯދުމަށް ހުޅުވާލި ފުރުސަތުގައި ސިފައިންގެ ހިދުމަތަށް ކުރިމަތިލި ޒުވާނުންނަށް ހިންގުނު މި ކޯހަކީ ގައުމީ ހިދުމަތުގައި މުހިންމު ފިޔަވަޅެއް ކަމަށެވެ.
މި ކޯހުން ރާއްޖޭގެ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ 137 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. ރައީސްގެ މެސެޖުގައި މި ކޯހުން އެކި ވަނަތައް ހާސިލުކުރި ބައިވެރިންނަށް ހާއްސަ މަރުހަބާއެއް ދަންނަވާފައިވެއެވެ. އަދި ސިފައިންގެ މަތިވެރި ހިދުމަތަށް ކުރިމަތިލި އެންމެހާ ޒުވާނުންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރައްވާފައިވެއެވެ.
ރައީސް މުއިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ތަމްރީނުތަކުގެ މަގްސަދަކީ "އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުން" ކަމަށެވެ.
ދިވެހި ވަޠަނީ ހިދުމަތަކީ ގައުމަށް ބޭނުންތެރި، އަހުލާގު ރަނގަޅު ޒުވާނުންތަކެއް އުފެއްދުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.