ދ.މީދޫ ކައުންސިލުގެ ރައީސް ހޮވުމަށް ބޭއްވި އިންތިހާބުގެ އިތުރުބުރު، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ސުހާ އިބްރާހީމް ކާމިޔާބުކޮށްފިއެވެ.
މި އިންތިހާބުގައި ސުހާއާ ވާދަކުރެއްވީ މޯލްޑިވްސް ޑިމޮކްރެޓިކް އެލައިންސް (އެމްޑީއޭ) ގެ ކެންޑިޑޭޓް މުހައްމަދު ޝާހިދެވެ. މިއަދު ހެނދުނު 8:00 އިން ފެށިގެން ކުރިއަށްދިޔަ މި އިންތިހާބުގައި ޖުމްލަ 1،049 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. ވޯޓުލުން ކުރިއަށްދިޔައީ މީދޫގައި ބެހެއްޓި ދެ ފޮއްޓާއި، މާލޭގައި ބެހެއްޓި ފޮއްޓެއްގައެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ސުހާ އިބްރާހީމަށް 529 ވޯޓު ލިބިވަޑައިގެންފައިވާއިރު، ޝާހިދަށް ލިބިވަޑައިގެންފައިވަނީ 449 ވޯޓެވެ. މިއާއެކު ސުހާ ވަނީ ބޮޑު ތަފާތަކުން މި ގޮނޑި ކާމިޔާބުކުރައްވާފައެވެ.
މި އިންތިހާބުގެ އިތުރުބުރެއް ބާއްވަން ޖެހުނީ މީގެ ކުރިން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ގުނުމުގައި ދިމާވި މައްސަލަތަކަކާ ގުޅިގެންނެވެ. އެ ފަހަރުގެ އިންތިހާބުގައި ޝާހިދަށް 392 ވޯޓު އަދި ސުހާއަށް 393 ވޯޓު ލިބިވަޑައިގެންފައިވަނިކޮށް، އެމްޑީއޭގެ އެދުމުގެ މަތިން އަލުން ވޯޓު ގުނިއިރު ސުހާއަށް ލިބުނު ދެ ވޯޓެއް ބާތިލުކަމަށް ކަނޑައެޅިއެވެ.
އެ މައްސަލަ ޕީއެންސީގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން، ކޯޓުން ނިންމީ އެ އިންތިހާބުގެ ނަތީޖާ ބާތިލުކޮށް އަލުން އިންތިހާބު ބޭއްވުމަށެވެ. މިއަދު ބޭއްވުނު އިންތިހާބަކީ ހައިކޯޓުގެ އެ ހުކުމާ އެއްގޮތަށް ބޭއްވުނު އިންތިހާބެކެވެ.