އަޅުގަނޑަށް 3 މީހަކާ ގުޅުމުގެ ފުރުޞަތު އޮތެވެ.
މިބުނީ 3 މީހުންކުރެ އަޅުގަނޑު ބޭނުން އެކަކު އިޚްތިޔާރުކުރުމުގެ ފުރުޞަތު އޮތްވާހަކައެވެ. އަޅުގަނޑަށް އިޚްތިޔާރުކުރެވުނީ އަޅުގަނޑު އެމީހަކުދެކެ އެންމެ ބޮޑަށް ލޯބިވާމީހާއެވެ. އެކުގައި އުޅެން ފެށުމުން އޭނާގެ ޙަޤީޤީ ސިފަފެނުނީ މުޅިން ތަފާތު މީހެއްގެ ގޮތުގައެވެ. ކައިވެންޏަށް 3 މަސްފުރުނުއިރު އޭނާއަށްވުރެ އަޅުގަނޑު ރުޅިއަންނަ މީހަކު ނެތެވެ. ހަތަރުވަނަ މަހު ގަދަކަމުން ވަރިވެއްޖައިމެވެ.
މިއީވެސް ދިމާވާ ގޮތެވެ. މިފަދަ އެތައް ކަމަކާ ކޮންމެ ދުވަހަކުހެން ދިމާވެއެވެ.
ވިސްނާށެވެ! ލޯބިވުމާއި ދިރިއުޅުމަކީ މުޅިން ތަފާތު ދެކަމެއްކަމަށާއި މުހިންމީ ހަމަޖެހިގެން އުފަލުގައި ދިރިއުޅުން ކަމަށް އެންމެންވެސް ޤަބޫލުކުރާނެއެވެ. ނަމަވެސް ކައިވެނިކުރުމާއި ހަމައަށްދާއިރު ގިނަ ބައަކަށް އިސްކަންދެވެނީ ލޯބިވުމަށެވެ. ލޯބިވާ މީހަކާއި ކައިވެނިކުރުމަށެވެ. ހަމަޖެހިލައިގެން އުފަލުގައި ދިރިއުޅެން އިސްކަންދެވެނީ ވަރަށް މަދު މީހަކަށެވެ.
ލޯބިވުމަށް އިސްކަންދީގެން ކައިވެނިކުރުމުން ގިނަ ފަހަރަށް ކަންކަން މެދުވެރިވާ ގޮތަކީ ދާދި އަވަހަށް މައްސލަޖެހުން ކަމަށް ވަރަށް ފަހުންވެސް ބުނީމެވެ. އެކަމުގެ ތަފްޞީލްތައްވެސް ބުނެދިނީމެވެ. މިހާރު މިބުނަނީ އެކަމުން ނުކުންނަ އިތުރު މައްސަލައެއްގެ ވާހަކައެކެވެ.
ކައިވެނިކޮށް ދުވަސްކޮޅެއްވާއިރަށް ދެމީހުންގެ މެދުގައި މައްސަލަތައްޖެހި ކައިވެނި ރޫޅެން މެދުވެރިވުމުން ތިމާއަށް ކުރެވުނު ކުށާއިމެދު އޮންނަނީ ވިސްނައިވެސް ނުލެވިފައެވެ. އެކުށަކީ ދިރިއުޅުމަށް އިސްކަންނުދީ ލޯބިވުމަށް އިސްކަންދީގެން ކައިވެނިކުރިކަމެވެ. ދެންމިވާގޮތަކީ ރުޅިއާދެވެނީ ނުވަތަ ފޫހިވަނީ ލޯބިވުންދެކެއެވެ. ކުށްވެރިކުރެވެނީ ލޯބިވުމެވެ. ނުވަތަ ލޯތްބެވެ.
އެހެންވެ ޢުމުރުން ބާކީއޮތް ހުރިހާ ދުވަހަކު
ލޯތްބަށް ނުވަތަ ލޯބިވުމަށް ނަފްރަތުކުރާ ބައަކު އުޅެއެވެ. އެމީހުންނަށް ލޯބީގެ އަޑު އިވުނަސް ބޮލަށް އުނދަގޫވެއެވެ. ފޫހިވެސްވެއެވެ. ރުޅިވެސް ޢާދެއެވެ. ނަފްރަތުވެސް ކުރެއެވެ. ޤަބޫލުކުރެވެނީ ލޯތްބަކީ ނެތް އެއްޗެއްކަމަށެވެ.
މިފަދަ ގޮތްގޮތަށް ވިސްނެން ފެށުމުން ދެވަނަ ކައިވެނިކޮށްގެންވެސް އޮންނަނީ ދިރިއުޅެން އުނދަގޫވެފައެވެ. ބައިވެރިޔާ ދެކެ ލޯބިވުމަކީ އުނދަގޫކަމަކަށްވަނީއެވެ. ލޯތްބަށް އިތުބާރުކުރަންވެސް އުނދަގޫވަނީއެވެ. ނަތީޖާއަކަށްވަނީ ބައިވެރިޔާ ކިތަންމެ ރަނގަޅަކަށް ކަންކަން ކޮށްދިން ނަމަވެސް ކަންކަން ކޮށްދެނީ ލޯބިން ކަމަށް ޤަބޫލުވެސް ނުކުރެވުމެވެ.
ލޮބުވެތި އެކުވެރިންނޭވެ! ކައިވެނިކުރާއިރު މިކަންކަމަށް ވިސްނައިގެން ކައިވެނިކުރާށެވެ! އުފާވެރި ދިރިއުޅުމަކަށް އިސްކަންދީގެން ކައިވެނިކުރާށެވެ! ކައިވެންޏަށްފަހު ކުރިއަށް ގެންދާ ޒަވާޖީ ޙަޔާތަކީ އުފާވެރި ދުވަސްތަކަކަށް ވެއްޖެނަމަ އިސާހިތަކު ލޯބި ހެދި ބޮޑުވެ ބޮޑު ބިޔަ ގަހަކަށްވެ މުޅި ޙަޔާތަށް ހިޔާ ފޯރުކޮށްދޭނެއެވެ.
މިކަންކަމަކީ އަބަދުވެސް ތަޖުރިބާ ކުރެވެމުން އަންނަ ކަންކަމެވެ. ވީމާ އިތުބާރުކުރާށެވެ!
މިއީ ޒަވާޖީ ހަޔާތުގެ މައްސލަތައް ޙައްލުކުރަން އިރުޝާދު ދެއްވާ ދުނިޔޭގެ ފެންވަރުގެ ޢިލްމުވެރިއަކު ވިދާޅުވެފައިވާ ވަރަށް ފައިދާހުރި ބަސްކޮޅެކެވެ.
--އަލަފް / މިއަދުނޫސް