އަނބިމީހާއަށް ހިތްހަމަޖެހުމާ އުފާވެރިކަން ހޯދައިދިނުމަކީ ތިމާ ހިތްހަމަޖެހިގެން އުފަލުގަ ހުންނަން ބޭނުންވާނަމަ ކުރަންޖެހޭ އެންމެ މުހިންމު ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
އަނބިމީހާއަށް ހިތްހަމަޖެހުމާ އުފާވެރިކަން
ހޯދައިދިނުމަކީ ތިމާ ހިތްހަމަޖެހިގެން އުފަލުގަ ހުންނަން ބޭނުންވާނަމަ ކުރަންޖެހޭ
އެންމެ މުހިންމު ކަންތައް!


އަންހެނަކަސް އަދި ފިރިހެނަކަސް އުފަލުގައި ހުންނަން ބޭނުންނުވާ މީހަކު ނުހުންނާނެއެވެ. މައްސަލައަކަށްވަނީ އުފާވެރިކަން ހޯދަން ޢަމަލުކުރެވޭ ގޮތެވެ. އިސްކަންދޭންވީ ތަރުތީބު އޮޅުވައިލެވޭ ކަމެވެ. އެހެންވެ މިބަލައިލަނީ މިކަމުގައި ފެންނަންހުރި ބައެއް ޙަޤީޤަތްތަކަށެވެ. ޢިލްމްވެރިންގެ ބަސްފުޅުތަކުގެ އެހީގައެވެ.  

އުފާވެރި ދިރިއުޅުމެއް ހޯދެން އޮތީ އަނބިމީހާ އުފަލުގައި ބަހައްޓައިގެންކަން އެއީ އެންމެންވެސް ޤަބޫލުކުރަންޖެހޭނެ ކަމެކެވެ. އަހުރެން ބުނާނީ އެކަން އެންމެންވެސް ޤަބޫލުކުރާ ކަމަށެވެ.  

އަނބިމީހާއަށް އުފާވެރިކަން ހޯދައިދޭން ކުރަންޖެހޭ އެންމެ ބޮޑު އެއްކަމަކީ މާބޮޑުކަމެއް ނޫނެވެ. އެކަމަކީ އޭނާ ދެރަވެފައި ނުވަތަ ކަންބޮޑުވެފައި ހުންނަ ވަޤުތުތަކުގައި އޭނާ ދައްކާ ވާހަކަތަކަށް ސަމާލުކަންދީގެން އަޑުއެހުމެވެ. ބައެއް ފަހަރު އެއީ އެހައި މުހިންމު ވާހަކަތަކެއް ކަމަށް ފިރިހެނުންނަށް ޤަބޫލުވެސް ނުކުރެވިދާނެއެވެ. އެހެންވެ ފަރުވާކުޑަކޮށްލާފައި "ތިއައީ އެއްވެސް މައްސަލައެއް ނޫން" ކަމަށްވެސް އެބަބުނެއެވެ.  

އެގޮތަށް ނުބުނާށެވެ! އަންހެނުންނާއި ފިރިހެނުންގެ ވިސްނުން ވަރަށް ތަފާތުވާނެއެވެ. ކަންބޮޑުވާ ކަންކަން ތަފާތުވެސްވާނެއެވެ. ކަންބޮޑުވާ މިންވަރުވެސް ތަފާތުވާނެއެވެ. ބައެއް ފަހަރު އެއީ ވަރަށް ކުޑަކުޑަ ކަމެއްގެ ގޮތުގައި ފިރިހެނުންނަނަށް ވިސްނޭ ކަންކަމަކީ އެކަނބަލުންނަށް ވަރަށް ބޮޑުކަމަކަށްވެސްވެއެއެވެ.  

އަންހެނުން ކުރާ ޝަކުވާގެ އަޑުއެހުމުގެ ޤާބިލުކަން ހުންނަންވާނެއެވެ. ކެތްތެރިކަން އިސްކުރަންވާނެއެވެ. އަނބިމީހާގެ ވާހަކަތައް ނިމުމުން ގާތްކޮށްލައި ލޯބިކޮށްލަންވެސް ވާނެއެވެ. އަދި އެކަމެއް ޙައްލުކުރަން ކުރެވިދާނެ ކަންކަން ބުނެދޭންވާނެއެވެ.  

އެކަންކަމުގެ ބަދަލު ހެޔޮލަފާ އަނބިންގެ ކިބައިން މާބޮޑަށް ލިބޭނެއެވެ. ފިރިމީހާގެ ކަންބޮޑުވުންތައް ފިލުވައިދޭން ގަދައަޅައި މަސައްކަތްކުރާނެއެވެ. ކަންބޮޑުވެފައި ހުންނަ ވަޤުތު އެހީތެރިވާނެއެވެ. އެކަމުން ދިރިއުޅުމަށް ކުރާ ފައިދާ ބޮޑުވެ އުފާވެރިކަން އިތުރުވެގެންދާނެއެވެ. އިން ޝާ ﷲ  

އަދިވެސް ވިސްނައިލާށެވެ! އަނބިމީހާގެ ކަންބޮޑުވުންތައް ފިރިމީހާ އަޑުނުއަހާނަމަ ކޮންމެވެސް މީހަކާއި އޭނާ އެކަންކަން ޙިއްޞާކުރާނެއެވެ. އެކަމުގެ ތެރެއިން ލިބޭ ދެރަ މާބޮޑުވާނެއެވެ.  

--އަލަފް / މިއަދުނޫސް

މިއަދު އޮންލައިން