ދުނިޔޭގައި ގިނަވާނީ ހިތްމަރުވެފައި ތިބި މީހުންނެވެ. ހިތް މަރުވުމުން ތިމާ ރަޙުމްކުރަންޖެހޭ މީހުންނަކަށް ރަޙުމެއް ނުކުރެވޭނެއެވެ. ކުރިއަށްދާން އެންމެ ފައިދާހުރި މަގު ނުވިސްނޭނެއެވެ. ﷲ ތަޢާލާއަށްޓަކައި އަދާކުރަންޖެހޭ ވާޖިބުތައް އަދައެއް ނުކުރެވޭނެއެވެ. އެއީ ހިތުގައި އެކަންކަމަށް ސަމާލުކަމެއް ނެތުމުންނެވެ.
ކައިވެނިތައް ރޫޅުމާއި ދަރިން ނިކަމެތިވުން ގިނަވުމާއި މުސްކުޅި ޢުމުރުގައި ދަރިންގެ އަޅައިލުން ނުލިބުމާއި ﷲ ތަޢާލާ ތިމާގެ މައްޗަށް ފަރުޟުކުރައްވަވާފައިވާ ކަންކަން ނުކުރެވޭ ސަބަބަކީވެސް އެއީއެވެ. އެކަންކަން ތިމާކުރަންޖެހޭނެކަމާއި ނުކުރާނަމަ ފާފަވެރިވާނެކަން ހިތް އެމީހަކަށް ބުނެނުދެނީއެވެ.
ހިތަށް މިޙާލަތުކުރިމަތިވާ ސަބަބަު އެނގޭހެއްޔެވެ؟ އެއީ ﷲ ތަޢާލާގެމަތިން ހަނދުމަކުރުން މަދުކޮށް ދުނިޔަވީ ކަންކަމަށް ވިސްނުން ގިނަކުރުމެވެ.
ހިތަށް މިޙާލަތު ކުރިމަތިވުމުން ހަމަޖެހުން ހޯދަން ދުނިޔޭގައި އަތްފުނާއެޅިޔަސް ހަމަޖެހުމެއް ނުލިބޭނެއެވެ. ދުވަހެއް ދުވަހަކަށް އިތުރުވާނީ ނުތަނަވަސްކަމެވެ. ކުރިމަތިވާނީ ކަންބޮޑުވުންތަކެވެ. އެއީ އެމީހަކަށް ﷲ ތަޢާލާގެ ރަޙުމަތުން ބޮޑުބައެއް އުނިކުރައްވަވާތީއެވެ.
ކުރިން މިބުނިފަދަ ހުރިހާ މުޞީބާތްތަކުން ސަލާމަތްވެހުންނަން އެދޭނަމަ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކުރާށެވެ! މީހަކު ﷲ ތަޢާލާގެމަތިން ހަނދުމަކުރާނަމަ އެމީހަކުމަތިން ﷲ ތަޢާލާ ހަނދުމަކުރައްވަވާނެތެވެ. އެއިރުން އެމީހަކަށްޓަކައި އަބަދުވެސް ހުންނާނީ ރަޙުމަތުގެ ދޮރުކޮޅުތައް ހުޅުވިފައެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން