ޝިފާއަކަށް ބޭނުންވެގެން ނަމަވެސް އެހެން ކަމަށް ބޭނުންވެގެން ނަމަވެސް ޖިންނި މެދުވެރިކޮށް ކަމެއްކުރާ މީހަކުލައްވައި އެއްވެސް ކަމެއް ކުރުވުމަކީ ކުފުރުގެ ޢަމަލެއް!: ޝައިޚް ޢާޞިމް އަލްޙަކީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ޝިފާއަކަށް ބޭނުންވެގެން ނަމަވެސް އެހެން ކަމަށް ބޭނުންވެގެން ނަމަވެސް ޖިންނި މެދުވެރިކޮށް ކަމެއްކުރާ މީހަކުލައްވައި އެއްވެސް ކަމެއް ކުރުވުމަކީ ކުފުރުގެ ޢަމަލެއް!: ޝައިޚް ޢާޞިމް އަލްޙަކީމް

އެމީހެއްގެ ބެލުމުގެ ދަށުގައި ޖިންނިއެއް ނުވަތަ ޖިންނިތަކެއް ގެންގުޅޭކަމަށްބުނާ މީހުން އުޅެއެވެ. އެޖިންނިތައް މެދުވެރިވެގެން ބަލިތަކަށް ޝިފާހޯދައިދިނުމާއި އެހެން ކަންކަން ކުރެވޭކަމަށްވެސް އެމީހުން ބުނެއެވެ. މިފަދަ މީހުންގެ ގާތަށް ދުނިޔޭގެ ތަފާތު ޤައުމުތަކުންވެސް މީހުންދެއެވެ. އެމީހުން ލައްވައި ކަންކަންވެސް ކުރުވައެވެ.  

މިއީ މުސްލިމުން ޤަބޫލުކޮށްގެންވާނެ ކަމެއް ނޫނެވެ. ޖިންނިންގެ މާއްޗަށް ބާރުހިންގެވުމުގެ ކުޅަދާނަކަން ﷲ ތަޢާލާ ދެއްވެވީ ހަމައެކަނި ސުލައިމާނުގެފާނަށެވެ. އެކަން ޤުރްއާނުންނާއި ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ. ވީމާ އެއީ އެހެން އިންސާނަކަށް ލިބިގެންވާ ބާރެއް ނޫނެވެ.

އެކަން ހިނގަނީ އެބުނާގޮތާއި ދިމާ އިދިކޮޅަށެވެ. އެމީހާ ޖިންނިންގެ އަޅަކަށްވަނީއެވެ. އޭތި ބުނާހާ ކަމެއް ކުރަނީއެވެ. ﷲ ތަޢާލާއަށް އުރެދި ޝިރުކުގެ ޢަމަލުތައް ކުރަނީއެވެ. ކީރިތި ޤުރްއާނުގެ ޙުރުމަތް ކަނޑައިލަނީއެވެ. ބޮޑެތި ފާފަތައް ކުރަނީއެވެ. އެއިރުން އެކަންކަމަށް ބަދަލެއްގެ ގޮތުން އެމީހަކަށް އޭތި އެހީތެރިވަނީއެވެ.  

ކުރިން މިބުނެވުނު ފަދަ މީހެއްގެ ގާތަށްގޮސް އެއްވެސް އެހީތެރިކަމެއް ހޯދައިފިނަމަ އެހޯދެނީ މިބުނި މަގުން ﷲ ތަޢާލާއަށް އުރެދިގެންހުރި މީހެއްގެ އެހީތެރިކަމެވެ. މިއީ މުސްލިމުން ވަރަށް ބޮޑަށް ދުރުހެލިވާންޖެހޭނެ ކަމެކެވެ. އެފަދަ މީހުންގެ ގާތަށް ކަންކަމު އެދިގެން އެދެވެނީވެސް އެންމެ ނުބައި ޙާލަތުގައި ހުރެއެވެ. އެއީ އެމީހަކު ދީނުން ބޭރުވާނެ ކަމަކަށްވާތީއެވެ.  

ވީމާ މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެއެވެ. ދީނުން ބޭރުވުމަކީ މީހަކަށް ކުރެވޭނެ އެންމެ ބޮޑު ފާފައެވެ.

 

- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން

މިއަދު އޮންލައިން