ޖަމާޢަތުގެ ނަމާދުފެށުމުންވެސް ބައެއް މީހުން މިސްކިތަށް އެރުން ލަސްކުރެއެވެ. ވާހަކަ ދައްކަން، ފޯނާކުޅެން ފަދަ ކަންކަން ކުރަން މަޑުކުރެއެވެ. ވިސްނިފައި އޮންނަނީ އިމާމް ސަލާމްދިނުމުގެ ކުރިން ޙަރަމްބަނދެވިއްޖެނަމަ ޖަމާޢަތުގައި ބައިވެރިވުމުގެ ފައިދާ ކުރާނެ ކަމަށެވެ. އެހެންކަމުން މިގެނެސްދެނީ ޖަމާޢަތުގައި ލިބުމާއިމެދު އެނގުން މުހިންމު ކަންކަން ހިމެނޭ ލިޔުމެކެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ ފަދައިން، ޖަމާޢަތުގެ ނަމާދު ލިބުނުކަމަށްވާނީ ރަކުޢަތެއް ލިބުމުންނެވެ.
((مَنْ أَدْرَكَ رَكْعَةً مِنَ الصَّلاَةِ، فَقَدْ أَدْرَكَ الصَّلاَةَ)) [رواه البخاري]
މާނައީ: "(ޖަމާޢަތުގެ) ނަމާދުން ރަކުޢަތެއް ލިބިއްޖެމީހާ ދަންނައެވެ. ފަހެ، އޭނާއަށް (ޖަމާޢަތުގެ) ނަމާދު ލިބިއްޖެއެވެ."
(ރަކްޢަތެއް ލިބޭނީ އިމާމް މީހާ ރުކޫޢުން ތެދުވުމުގެ ކުރިން އިޤްތިދާ ވެވިއްޖެ ނަމައެވެ.)
ފަހެ، ނަމާދުގެ އެންމެ ފަހު ރަކުޢަތް ފާއިތުވެއްޖެމީހާއަށް ނަމާދުގެ ޖަމާޢަތުގެ މާތްކަން ފާއިތުވާނެއެވެ. ޢުޛުރުވެރިވާ ޙާލަތުގައި މެނުވީއެވެ. އެއީ މިސާލަކަށް ނަމާދަށް ދިޔުމުގެ ޝައުޤުވާޙާލުގައިވެސް ބައްޔެއްގެ ސަބަބުން ނަމާދަށް ނުދެވުން ނުވަތަ މަގުމަތީގައި ކަމެއް ދިމާވެގެން ނަމާދަށް ނުދެވުން ނުވަތަ ޤަޟާޙާޖަތެއްގެ ސަބަބުން ނަމާދަށް ނުދެވުންފަދަ ކަންކަމެވެ. ފަހެ، އެފަދަ މީހަކަށް ނަމާދުގެ ޖަމާޢަތުގެ މާތްކަން ޙާޞިލުވާނެއެވެ. އެހެނީ އެއީ ޢުޛުރުވެރިއެކެވެ. ޖަމާޢަތް ފާއިތުވިޔަސް އޭނާއަށް އެކަމުގެ މާތްކަން ޙާޞިލުވާނެއެވެ. އެއީ ޞައްޙަ ޙަދީޘެއްގައި އައިސްފައިވާ ފަދައިންނެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
(إِذَا مَرِضَ العَبْدُ، أَوْ سَافَرَ، كُتِبَ لَهُ مِثْلُ مَا كَانَ يَعْمَلُ مُقِيمًا صَحِيحًا) [رواه البخاري]
މާނައީ: "އަޅާ ބަލިވުމުން ނުވަތަ ދަތުރުކުރުމުން، އޭނާ ރަށުގައި ޤާއިމުވެ ހުރިއިރު، ހެޔޮ ޙާލުގައި ހުރިއިރު ކުރަމުންދިޔަ (ހެޔޮ) ޢަމަލުތައް އޭނާއަށް ލިޔެވިގެންދެއެވެ."
އެބަހީ: ދަތުރުކުރުމެއް ނުވަތަ ބަލިމަޑުކަމެއް ނުވާނަމަ ހެޔޮ ޢަމަލުކުރުމަށް އޮތް ނިޔަތުގެ ސަބަބުންނެވެ…
ސަމާޙަތުއް ޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒް – رحمه الله –
ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ
- މަސްދަރު: ދިސަލަފިއްޔާ