އަހަރުގެ ފުރަތަމަ 5 މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
އަހަރުގެ ފުރަތަމަ 5 މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ

މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %21.1 އިތުރުވެއްޖެއެވެ. މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން މިކަން ވަނީ ހާމަވެފައެވެ.

ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ދެ ބާވަތެއްގެ ޓެކްސް ނުވަތަ ފީއެއް ނަގަމުންދެއެވެ. އެއީ ޑިޕާޗަރ ޓެކްސް އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އެވެ. މީރާގެ ރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު މި ދެ ބާވަތުން ޖުމްލަ 1.8 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1.5 ބިލިޔަން ރުފިޔާއެވެ.

ވަކިވަކި ދާއިރާތަކަށް ބަލާއިރު، ޑިޕާޗަރ ޓެކުހުގެ ގޮތުގައި ފުރަތަމަ ފަސް މަސްދުވަހު 928 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 769 މިލިޔަން ރުފިޔާއާ އަޅާބަލާއިރު %20.6 އިތުރު އަދަދެކެވެ.

މީގެ އިތުރުން، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީއަށް ވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު މި ފީގެ ގޮތުގައި 942 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 774 މިލިޔަން ރުފިޔާއެވެ. މިއީ %21.6 ގެ އިތުރުވުމެކެވެ.

މިއަދު އޮންލައިން