ހދ. ފިނޭގައި ޕޮލިސް ސްޓޭޝަނެއް ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
ހދ. ފިނޭގައި ޕޮލިސް ސްޓޭޝަނެއް ހުޅުވައިފި

ހދ. ފިނޭގައި އަލަށް ބިނާކުރި ޕޮލިސް ސްޓޭޝަން ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މިކަމަށްޓަކައި އެ ރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދުގެ އިތުރުން އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ސިނާން ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ފިނޭ ކައުންސިލްގެ ރައީސް ޢަބްދުލް ލަތީފް ޢަލީ އާއި ކައުންސިލް މެންބަރުންގެ އިތުރުން ސަރުކާރުގެ އެކި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ޕޮލިސް ސްޓޭޝަނަކީ އެމްޓީސީސީއާ 2.20 މިލިއަން ރުފިޔާއަށް ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ދަށުން ޕޮލިސް ސްޓޭޝަންގެ އިމާރާތުގެ ކޮންކްރީޓް މަސައްކަތާއި، ފުރާޅު ހަރުކުރުމާއި، ސީލިންގ އަދި ކަރަންޓު ވަޔަރިންގ މަސައްކަތްތައް ވަނީ ފުރިހަމަކޮށްފައެވެ. މީގެ އިތުރުން އިމާރާތުގައި ދަވާދުލުމާއި، ސެނިޓަރީ މަސައްކަތްތަކާއި، ދޮރާއި ކުޑަދޮރު ހަރުކުރުމުގެ އިތުރުން ވަށާފާރު ރޭނުމާއި ފިލާ އަދި ދަގަނޑުގެ މަސައްކަތްތައް ވެސް ވަނީ ނިންމާފައެވެ.

623 މީހުންގެ އާބާދީއެއް އޮންނަ، ދަނޑުވެރިކަމަށް މަޝްހޫރު ފިނޭގައި ޕޮލިސް ސްޓޭޝަނެއް ޤާއިމުކުރެވިގެން ދިއުމަކީ ރަށުގެ ރައްޔިތުންނަށް އިޖުތިމާޢީ ގޮތުން ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ. މިއީ ރަށުގައި އަމާން ވެއްޓެއް ކަށަވަރުކުރުމަށްޓަކައި ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް މަޝްރޫޢު ކުރިއަށް ގެންދިޔަ އެމްޓީސީސީން ދެކެއެވެ.

1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީން ވޭތުވެދިޔަ 45 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ވަނީ ކާމިޔާބުކަމާއެކު ނިންމާފައެވެ. އެ ކުންފުނިން އަންނަނީ ރާއްޖޭގެ އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.

މިއަދު އޮންލައިން