ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ނިލަންދެ އަތޮޅު ދެކުނުބުރީ މީދޫއަށް މިއަދު ވަޑައިގަންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެ ރަށަށް ވަޑައިގަތުމުން ބަނދަރު ސަރަހައްދުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
މީދޫ ބަނދަރު ސަރަހައްދަށް އެއްވި އެކި އުމުރުފުރާތަކުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވުމުގައި ބައިވެރިވެފައެވެ. މިއީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އެ ރަށަށް ކުރެއްވި މުހިންމު ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޢިއްޒު ދ. މީދޫއަށް މި ކުރައްވާ ދަތުރުފުޅަކީ، އިއްޔެ ބޭއްވި އެ ރަށު ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން ޕީއެންސީގެ ކެނޑިޑޭޓު ކާމިޔާބުކުރެއްވުމާ ގުޅިގެން، އެ ކާމިޔާބީ ފާހަގަކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ ތެރެއިން، މިރޭ މީދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ ހާއްސަ ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ޖަލްސާގައި ކައުންސިލް އިންތިޚާބުގެ ކާމިޔާބީއާ ގުޅޭގޮތުންނާއި ރަށުގެ ތަރައްގީއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާނެ ކަމަށް ބެލެވެއެވެ.