ޕީއެންސީ ވެގެން ގޮސްފައި މިވަނީ ރައްޔިތުން އެންމެ އިތުބާރުކުރާ ޕާޓީއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދ. މީދޫ ކައުންސިލް ރައީސްގެ އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް އެ ރަށުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ޕީއެންސީއަށް ރައްޔިތުންގެ އިތުބާރު ލިބިފައިވާކަން، މިހާތަނަށް ބޭއްވި ގިނަ އިންތިޚާބުތަކުން އެ ޕާޓީ ހޯދާފައިވާ ކާމިޔާބީތަކުން ހާމަވާ ކަމަށެވެ. އަދި މި ސަރުކާރަށް ކާމިޔާބީތައް ލިބޭ އެންމެ ބޮޑު ސަބަބަކީ ޤައުމާއި ދީން އިސްކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ހުރިހާ ސިޔާސަތެއް ބިނާވެފައިވަނީ ހަމަޖެހުމާއި ރައްކާތެރިކަމާއި ތަރައްޤީގެ މައްޗަށްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މީގެކުރިން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާފަދަ ކަންކަން ހިނގާފައިވާ ކަމަށެވެ. ޚާއްސަކޮށް މިދިޔަ ސަރުކާރުގައި ޤާނޫނުއަސާސީއާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ބޮޑުބައެއް ދޫކޮށްލާފައިވާކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
"ގައުމުގެ މިނިވަންކަން ގެއްލޭ ހިސާބަށް މީގެކުރިން ކަންކަން ގޮސްފައިވޭ. މިދިޔަ ސަރުކާރުގައި ޤާނޫނުއަސާސީއާ ޤާނޫނުތަކާއި ހިލާފަށް ރާއްޖޭގެ ކަނޑުގެ ބޮޑުބައެއް ވަނީ ދޫކޮށްލާފައި" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން އެމްޑީޕީގެ ފިކުރަކީ ފަނާކުރަނިވި ފިކުރެއްގެ ގޮތުގައި ސިފަކުރައްވައި، ރައީސް ވިދާޅުވީ މި ސަރުކާރުގެ ބިނާކުރަނިވި ފިކުރުގެ ދަށުން ކުރިން ގޯސްކޮށް ކޮށްފައިވާ ކަންކަން ހަމަމަގަށް އެޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތީ ބާރު ވަރުގަދަކުރުމަށް ކިތަންމެ ބޮޑު ޚަރަދެއް ކުރަން ޖެހުނު ނަމަވެސް އެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް މުޢިއްޒު ދެއްވިއެވެ.