ޢަރަބިއްޔާގެ އައު އިމާރާތުގައި އަންނަ ދިރާސީ އަހަރު ކިޔަވައިދޭން ފަށާނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 40ސ
ޢަރަބިއްޔާގެ އައު އިމާރާތުގައި އަންނަ ދިރާސީ އަހަރު ކިޔަވައިދޭން ފަށާނެ: ރައީސް

އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ (ޢަރަބިއްޔާ ސްކޫލް) ގެ އައު އިމާރާތުގެ މަސައްކަތް ނިންމައި، އަންނަ ދިރާސީ އަހަރު އެ ތަނުގައި ކިޔަވައިދޭން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދ. މީދޫގައި ބޭއްވި ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ޢަރަބި އިސްލާމް ތަޢުލީމު ނައްތާލުމަށް މަސައްކަތްކޮށް، ޢަރަބިއްޔާ ސްކޫލް ތަޅާލައި އެ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން މަގުމަތިކޮށްފައިވާ ކަމަށެވެ. "އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ފެށިގެން ދެވަނަ ސަރުކާރާއެކީ ޢަރަބި އިސްލާމް ތަޢުލީމު ނައްތާލުމަށް ޢަރަބިއްޔާ ސްކޫލް ތަޅާލާ މަގުމަތިކުރިއެއްނޫންތޯ. ރެފިއުޖީންގެ ގޮތުގައި ހެދީ ޢަރަބިއްޔާ ސްކޫލްގެ ކުދިންނާއި ބެނެވެރިން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުގެ ބިނާކުރަނިވި ފިކުރުގެ ދަށުން ޢަރަބިއްޔާ ސްކޫލަށް މިހާރު ދާއިމީ ބޮޑު ބިމެއް ހަމަޖައްސައިދީ، އައު ސްކޫލް ބިނާކުރަމުންދާ ކަމަށެވެ. އަދި އަންނަ ދިރާސީ އަހަރު އެ ސްކޫލް ހުޅުވައި ކިޔަވައިދޭން ފަށާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

10 ފަންގިފިލާއަށް ތަރައްޤީކުރާ ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ބިނާކުރާ ތަނެކެވެ. މި އިމާރާތުގައި 42 ކްލާސް ރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، 4 ލިފްޓު ހިމެނޭނެއެވެ. މީގެ އިތުރުން ސްކޫލެއްގައި ހުންނަންޖެހޭ ހުރިހާ ޒަމާނީ ވަސީލަތްތަކެއް މި އިމާރާތުގައި ފުރިހަމަވެފައި ހުންނާނެ ކަމަށް ސަރުކާރުން މަޢުލޫމާތު ދެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ސަރުކާރުގެ ފިކުރަކީ މާތްވެގެންވާ އިސްލާމްދީން މަތިވެރިކޮށް ޤައުމު ކުރިއަށްނެރޭނެ ގައުމީ ފިކުރުކަމަށެވެ. ޢަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ މި ސަރުކާރުން އިސްކަންދޭ މުހިންމު މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން