މި ސަރުކާރުގެ ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި އެކި ސަރުކާރުތަކުން ނަގާފައިވާ ދަރަނީގެ ތެރެއިން 1.29 ބިލިޔަން ޑޮލަރު ދައްކާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދ. މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީއެންސީން ކާމިޔާބު ކުރުމާ ގުޅިގެން ބޭއްވި އުފާފާޅުކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުން ދަރަނި ދެއްކި މިންވަރަކީ މީގެ ކުރީގެ ސަރުކާރުތަކާ އަޅާބަލާއިރު ބޮޑު އަދަދެއް ކަމަށެވެ. އެގޮތުން ނިމިދިޔަ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ދައްކާފައިވަނީ 953 މިލިޔަން ޑޮލަރު ކަމަށާއި، ރައީސް ޔާމީންގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ދައްކާފައިވަނީ 418.18 މިލިޔަން ޑޮލަރު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިހާތަނަށް ދެއްކި 1.29 ބިލިޔަން ޑޮލަރުގެ ތަފްޞީލް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، އޭގެ ތެރޭގައި މިދިޔަ ސަރުކާރުން ނެގި ދަރަނީގެ ތެރެއިން 891 މިލިޔަން ޑޮލަރާއި، ރައީސް ޔާމީންގެ ސަރުކާރުގެ ދަރަނީގެ ތެރެއިން 195 މިލިޔަން ޑޮލަރު ހިމެނޭ ކަމަށެވެ. އަދި ރައީސް ނަޝީދާއި ރައީސް ވަހީދުގެ ވެރިކަމުގައި ނަގާފައިވާ ދަރަނީގެ ތެރެއިން 62.5 މިލިޔަން ޑޮލަރު ދައްކާފައިވާއިރު، މި ސަރުކާރުން ނެގި ދަރަނީގެ ތެރެއިން ދައްކާފައިވަނީ 4.9 މިލިޔަން ޑޮލަރެވެ.
ދަރަނި ދެއްކުމަށްފަހު އަދިވެސް ބޮޑެތި އަދަދުތަކެއް ދައްކަން ހުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރުގެ ދަރަނީގެ ތެރެއިން 1.14 ބިލިޔަން ޑޮލަރު އަދި ރައީސް ޔާމީންގެ ސަރުކާރުގެ ދަރަނީގެ ތެރެއިން 710 މިލިޔަން ޑޮލަރު ދައްކަން އެބައޮތް ކަމަށެވެ. މީގެ އިތުރުން ރައީސް ނަޝީދާއި ރައީސް ވަހީދުގެ ސަރުކާރުގެ 150.4 މިލިޔަން ޑޮލަރު އަދި ރައީސް މައުމޫނުގެ ސަރުކާރުގެ 106.3 މިލިޔަން ޑޮލަރު އަދިވެސް ދައްކަން ޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އޭގެ ކުރިން ރައީސް މައުމޫނުގެ ސަރުކާރުން ނަގާފައިވާ ދަރަނިތަކުގެ ތެރެއިވެސް އަދިވެސް ދައްކަންވެފައި އެބައޮތް 106.3 މިލިޔަން ޑޮލަރު. މިއީ ރައްޔިތުންގެ ބޮލުގައި އެޅުވިފައިހުރި މީގެ ކުރީގެ ރައީސުން ނަންގަވާފައިވާ ދަރަނިތައް. އަޅުގަނޑުމެން އިހައް ދުވަހު 1.29 ބިލިޔަން ޑޮލަރު ދެއްކީމަވެސް އަދިވެސް ދައްކަން ހުރިވަރު،" ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުން މިހާތަނަށް ނަގާފައިވާ ދަރަނިތަކުގެ ތެރެއިން ބާކީ ދައްކަން އޮތީ 239 މިލިޔަން ރުފިޔާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޖަލްސާގައި ހާމަކުރައްވާފައެވެ.