ތިމާގެ ތަޤްވާވެރިކަން އިތރުވާފަދަ އަދި އިސްލާމް ދީނަށް ނަޞްރު ލިބޭފަދަ ޙައްޤުބަހެއް މީހަކު ބުނެފިނަމަ އެބަސްބުނި މީހާއަށް ނުބަލާށެވެ! ބަލަންޖެހޭނީ އޭނާ އެބުނި ބަހަކަށެވެ. ޔަޤީންކުރަންވީ އެބަހުގެ ތެދުކަމެވެ. އެއީ ޙައްޤު ބަހެއް ކަމުގައިވާނަމަ އޮތީ ބަލައިގަތުމެވެ.
މިޘާލަކަށް އެމީހާއަކީ މާމޮޅު ޢިލްމުވެރިއަކަށްވެސް ނުވެދާނެއެވެ. އަދި ކުރިން މާރަނގަޅަށް އުޅެފައިވާ މީހަކަށްވެސް ނުވެދާނެއެވެ. ވިސްނާލަންވީ އެމީހާ މިހާރު ހުރިގޮތް ދެނެވޮޑިގެންވަނީ ﷲ ތަޢާލާ ކަމެވެ. މާނައަކީ އޭނާ މިހާރު ހުރީ ތައުބާވެ އިޞްލާޙްވެގެން ކަމަށްވެސް ވެދާނެއެވެ.
ވިސްނައިލާށެވެ! ﷲ ތަޢާލާ ލައްނަތްލެއްވެވި އިބިލީސްވެސް ތެދުބަހެއް ބުނުމުން (ރޭގަނޑު ނިދަމުން އާޔަތުލްކުރުސި ކިޔެވުމުން ނިދީން ހޭލަންދެން އެމީހަކު ޙިމާޔަތްކުރައްވަވާނެ ފާރަވެރިއަކު ﷲ ތަޢާލާ ލައްވަވާނެ ކަމަށް) އެއީ ތެދުބަހެއް ކަމަށް ރަސޫލް ﷺ ޙަދީޘްފުޅުކުރެއްވެވިއެވެ. ހަމަ އެއާއިއެކު އިބިލީހަކީ ދޮގުވެރިއެއްކަންވެސް ބަޔާންކުރެއްވެވިއެވެ.
ވީމާ ޙައްޤު ބަހެއް ބުނުމުން އޮތީ ބަސް ބުނި މީހާއަށް ބެލުމެއް ނޫނެވެ. އޭނާ ބުނީ ޙައްޤުބަހަކަށްވާނަމަ އެއީ ޙައްޤުބަހެއްކަމަށް ޤަބޫލުކުރުމެވެ. ޙައްޤު ގޮތަކީ ރަސޫލް ﷺ އުނގަންނަވައިދެއްވެވި ގޮތެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން