ހެޔޮލަފާ އަނބިން ފޫހިކުރުވީމާ މިކަންކަން ފެންނަން ފެށުމުން ޝަކުވާކުރުމަކުން ކުރާނެ ފައިދާއެއް ނެތް! މިއީ އަމިއްލަ އިހުމާލުން ލިބިގަނެވޭ ދެރައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ހެޔޮލަފާ އަނބިން ފޫހިކުރުވީމާ މިކަންކަން ފެންނަން ފެށުމުން ޝަކުވާކުރުމަކުން ކުރާނެ ފައިދާއެއް ނެތް! މިއީ އަމިއްލަ އިހުމާލުން ލިބިގަނެވޭ ދެރައެއް!

އަނބިމީހާ ތިބާދެކެ ފޫހިވެއްޖެނަމަ އޭނާ ތިބާއަށް ކޮށްދެމުން އައި ގިނަ ކަންތައްތައް ކޮށްދިނުން ހުއްޓައިލާނެއެވެ. ކިތަންމެ ދަތިޙާލުގައިވެސް ތިބާއަށް ހިތްހަމަޖެހުން ހޯދައިދޭން އޭނާ ކުރަމުން އައި ހުރިހާ ކަމެއް ކޮށްދިނުންވެސް ހުއްޓައިލާނެއެވެ. އެންމެ އަސާސީ ކަންކަންވެސް ކޮށްދޭނީ ފޫހިކަމާއިއެކުގައެވެ.  

މިޙާލަތަށް އަނބިމީހާ (ހެޔޮލަފާ އަނބިން) އެދަނީ އެމީހުންގެ ނުބައިކަމަކުން ނޫނެވެ. ކަންކަމަށް ކެތްތެރިވަމުން ގޮސް ކެތްތެރިކަން ކޮޅުންލުމުންނެވެ. އަދި މީޙާލަތުގައި ތިބާ އާއިއެކު އިށީނދެއިނދެ މަޝްވަރާކުރާކަށްވެސް ބޭނުމެއް ނުވާނެއެވެ. ހިތަށް އަރާނެއެވެ. "މިހުރިހާ ދުވަހު މަޝްވަރާކޮށް ކަންކަން ޙައްލުކުރަން މަސައްކަތްކުރުމުން ސަމާލުކަން ނުދިން މީހަކާއި އިތުރަށް މަޝްވަރާކުރަންވީ ކީއްކުރަން ހެއްޔެވެ؟"

ދެން ފެންނަން ފަށާނީ އެކަނި އިނުން ގިނަވާތަނެވެ. އެއްވެސް ކަމަކަށް އަޅާނުލައި ފަރުވާކުޑަކުރާތަނެވެ. ދެން ފެނިގެންދާނީ ތިބާގެ ރުހުން ހޯދަން ކުރިންދިން ސަމާލުކަން އެކުގައި ނެތިގެންދާތަނެވެ. އޭނާގެ ހިތަށް އުފާވެރިކަން ލިބޭނެ ކަންކަން އަމިއްލައަށް ކުރަންފަށާތަނެވެ. އެއިރު އޭނާ ހުންނާނީ ކޮންމެ ވަޤުތަކު ތިބާ އޭނާ ދޫކޮށްލިނަމަވެސް އެކަމަށް އުފަލުން މަރުޙަބާކިޔަން ތައްޔާރުވެސް ވެގެންނެވެ.  

ވީމާ ހެޔޮލަފާ އަނބިންނަށް ތިމާ ދޭންޖެހޭ ސަމާލުކަން ކުޑަނުކުރާށެވެ! މަޝްވަރާކުރަންޖެހޭ ކަންކަމުގައި މަޝްވަރާކުރާށެވެ! އެހީތެރިވާންޖެހޭ ޙާލަތުގައި އެހީތެރިވެދޭށެވެ! އަޅައިލާންޖެހޭ ޙާލަތުގައި އަޅައިލާށެވެ! ސަމާލުކަން ދިނުން ލަސްނުކުރާށެވެ! ވަޤުތު ހޯދައިގެން ނަމަވެސްމެއެވެ. ނޫންނަމަ މިބުނިފަދަ ޙާލަތު ކުރިމަތިވުން އޮންނާނީ ދާދިގާތުގައެވެ. މިބަޔާންކުރި ޙާލަތަށް ކަންކަން ހިނގައްޖެނަމަ އަލުން އަނބުރާ އިޞްލާޙްކުރުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ! ގިނަ ފަހަރަށް އޮންނާނީ އިޞްލާޙްނުކުރެވިފައެވެ.  

އިޞްލާޙްނުކުރެވުމުން އަނބިމީހާ ކުށްވެރިނުކުރާށެވެ! ތިމާގެ ކުށް ޤަބޫލުކުރާށެވެ!  

މިއީ ކައިވެނީގެ މައްސަލަތައް ޙައްލުކުރުމަށް ކައުންސިލިންގ ދެއްވާ ދުނިޔޭގެ ފެންވަރުގެ ބޭކަލަކު ދައްކަވާފައިވާ ވާހަކަފުޅެކެވެ.

 

- އަލަފް / މިއަދުނޫސް

 

 

މިއަދު އޮންލައިން