ނުކިޔަމަންތެރިވެ އުޅުނު ނުބައި މީހުންގެ ފުރާނަ ހިއްޕަވާނެ ބިރުވެރިގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 9ސ
ނުކިޔަމަންތެރިވެ އުޅުނު ނުބައި މީހުންގެ ފުރާނަ ހިއްޕަވާނެ ބިރުވެރިގޮތް-

حَدِيْث ކުރެއްވިއެވެ. ހަމަކަށަވަރުން كَافِر އާ (އެހެން  رِوَايَة  އެއްގައިވަނީ، كَافِر އާ ނުވަތަ مُنَافِق އާ (ބައްލަވާ:  الفتح الربَّانى ، 7/76) ނުވަތަ  فَاجرة އާ اهـ) ދުނިޔެއިން ވަކިވުމުގެ ވަގުތު ކައިރިވެ آخرة އަށް ކުރިމަތިލުމުގެ ވަގުތު އަތުވެއްޖިއްޔާ (އެބަހީ: މަރަށް ހާޒިރު ވެއްޖެއްޔާ) އުޑުން مَلاَئِكَة ން އޭނާގެ ކައިރިއަށް ފައިބާ ވަޑައިގަންނަވާނެ އެވެ.  

އެބޭކަލުންގެ މޫނުފުޅުތައް ކަޅުވެގެންވެއެވެ. ނަރަކައިގެ أَهْلُ ވެރިންގެ ފޭރާމުގެ ތެރެއިން ފޭރާމެއް އެބޭކަލުން ގެންނަވާނެ އެވެ. އެއީ ނުރުހެވޭ، އަދި ކަށިހެރޭ ބާވަތުގެ ހެދުމެކެވެ. ފެންނަ ފަށުގައި އެބޭކަލުން އިށީދެވަޑައިގަންނަވާނެ އެވެ. ދެން مَلَكُ الْمَوْت عَلَيْهِ السَّلاَم އޭނާގެ ބޯލާކޮޅުގައި އިށީދެ ވަޑައިގަންނަވާނެއެވެ. ވިދާޅުވާނެއެވެ. އޭނުބައި ނުލަފާ ފުރާނަޔާ އެވެ! ﷲ ގެ ކޯފާއާއި عَذَاب ގެ ތެރެއަށް ކަލޭ ނުކުންނާށެވެ!  

حَدِيث ކުރެއްވިއެވެ. އެހިނދު އޭނާގެ ހަށިގަނޑުގެ ތެރޭގައި ބިރުވެރިކަން ގަދަވެ، ފިލާން ދުއްވައިގަންނާން ހީކުރާނެއެވެ. ދެންފަހެ އޭނާގެ ފުރާނަ ހަށިގަނޑުން ނެރުއްވާހުށީ ވޭންދެނިވި ގޮތަކަށެވެ. އެއީ ތެންމާފައި އޮތް ކެހެރި ފޮތިގަނޑެއްގެ ތެރެއަށް، ކަށިހުރި ދަގަނޑު އުލެއްވައްދާފައި، ދަމާ ނެރޭއިރު އެއުލާ އެކުވެގެން ކެހެރިތައް ނުކުންނަ ބީދައިންނެވެ. ފަހެ، އޭނާގެ ފުރާނަ ހަށިގަނޑުން ނެރުއްވާ އިރު އެތެރެ ހަށީގެ ނާރުތަކާއި ލޭހޮޅިތައް ކުދިކުދިވެގެން ދާގޮތަށެވެ.  

ދެންފަހެ، އެފުރާނަ ހަށިގަނޑުން ނެރުއްވައިފިއްޔާ އެސްފިޔަ ޖަހައިހާ ހިނދު ކޮޅަކުވެސް  مَلَكُ الْمَوْت عَلَيْهِ السَّلاَم ގެ އަތްޕުޅުގައި އެފުރާނަ ނުބާއްވަވާނެއެވެ. އެތަނަށް ވަޑައިގެން ތިއްބެވި مَلاَئِكَة ން އެހިއްޕަވާފައި، އެބޭކަލުން ގެންނެވި ފޭރާމުގެ ތެރެއަށް އެފުރާނަ ލައްވަވާނެ އެވެ. މިދުނިޔޭގައިވާ އެންމެ ވަސްނުބައި މުޅަމަހުން ދުވާވަސްފަދަ ނުބައި ވަހެއް، އެފުރާނައިން އަރައަރައި ހުންނާނެ އެވެ.  

ދެންއެބޭކަލުން އެފުރާނަ އާއިގެން މައްޗަށް އަރާވަޑައިގަންނަވާނެ އެވެ. މިއީ ނުބައިވަސްދުވާ ކޮން ފުރާނައެއްހޭ ވިދާޅުވާ ކަމުގައިނުވާ، مَلاَئِكَة ން ގެ އެއްވެސް جَمَاعَة އެއްގެ އަރިހުންލާފައި އެބޭކަލުންނަކަށް ވަޑައެއް ނުގެންނެވޭނެއެވެ. އެބޭކަލުން ވިދާޅުވާނެ އެވެ. މިއީ މިވެނި މީހާގެ ދަރި މިވެނި މީހާގެ ފުރާނަ އެވެ. އެބޭކަލުން ވިދާޅުވާހުށީ، ދުނިޔޭގައި އެނަންތަކަކުން    އޭނާއަށް مُخَاطَب ކުރެވިފައިވާ ނަންތަކުގެ ތެރެއިން އެންމެ ހުތުރު ނަންނަމުންނެވެ. މިގޮތުގެ މަތީން އެބޭކަލުން އެފުރާނައައިގެން ދުނިޔޭގެ އުޑާ ހަމައަށް އަރާ ވަޑައިގަންނަވާނެ އެވެ. ދެން އޭނާއަށްޓަކައި އެއުޑު ހުޅުއްވައި ދެއްވުމަށް އެދި ވަޑައިގަންނަވާނެ އެވެ. ފަހެ، އޭނާއަށްޓަކައި އެއުޑެއް ނުހުޅުއްވޭ ހުއްޓެވެ. (މިފަދައިން حَدِيث ކުރެއްވުމަށްފަހު) ކިޔަވާ ވިދާޅުވި އެވެ. 

وَمَنْ يُشْرِكْ بِاللَّهِ فَكَأَنَّمَا خَرَّ مِنَ السَّمَاءِ فَتَخْطَفُهُ الطَّيْرُ أَوْ تَهْوِي بِهِ الرِّيحُ فِي مَكَانٍ سَحِيقٍ (1)

މާނައަކީ، "އަދި ﷲ އަށް شَرِيكُ ކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ އުޑުން ވެއްޓި ދޫނިތައް އެމީހާ ޖަހައިގަނެގެން ގެންދާ، ނުވަތަ ވައިގެބާރުން ވައިގެބާރުން ދުރުތަނަކަށް ވެއްޓިގެންދާ މީހެއް ފަދައެވެ." މިއެވެ. ދެން އޭނާގެ ފުރާނަ އޭނާގެ ހަށިގަނޑަށް إِعَادَ ކުރެއްވޭނެއެވެ. 

(އެހެން رِوَايَة އެއްގައި ވެއެވެ.( حَدِيث ކުރެއްވިއެވެ. ހަމަކަށަވަރުން އޭނާ ވަޅުލާން ދިޔަމީހުން އެނބުރިދާއިރު، އެބައިމީހުން ފައިވާނުގައި ހިނގާފައިދާ އަޑު އެހިނދު އޭނާއަށް އިވިއިވި ހުންނާނެއެވެ. اهـ) ދެންހަމަ އެވަގުތު، ދެ مَلاَئِكَة ން ވަޑައިގެން، އޭނާ ކަށްވަޅުގައި ބައިންދަވައިގެން، سُؤَال ކުރައްވާނެއެވެ. އޭނާއަށް އެދެބޭކަލުން ވިދާޅުވާނެއެވެ. ކަލޭގެ رَبّ އަކީ ކާކުހެއްޔެވެ؟ އޭނާ ދަންނަވާނެ އެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އަޅުގަނޑަކަށް ނޭގެއެވެ. އެދެބޭކަލުން سُؤَال  ކުރައްވާނެއެވެ. ކަލޭގެ دِيْن އަކީ ކޮން دِيْن އެއް ހެއްޔެވެ؟ އޭނާ ދަންނަވާނެއެވެ. އޭހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އަޅުގަނޑަކަށް ނޭނގެއެވެ. އެދެބޭކަލުން سُؤَال ކުރައްވާނެ އެވެ.

__________________________________________                           

(1)          سرة الأعراف: 40 ވަނަ آية ން

(2)          ބައްލަވާ: ص : 49

(1)                  سورة الحج: 31 ވަނަ آية ން

ތިޔަބައި މީހުންގެ ތެރެޔަށް ފޮނުވުނު މިބޭކަލަކީ ކޮންބޭކަލެއްހެއްޔެވެ؟ އޭނާ ދަންނަވާނެއެވެ. އޭހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އަޅުގަނޑަކަށް ނޭނގެއެވެ. ދެންފަހެ އެހިނދު އުޑުން ނިދާ އިއްވެވޭހުއްޓެވެ. އޭނާ ދޮގުކޮށްފި އެވެ. އަދި ދޮގުހަދައިފި އެވެ. އޭނާއަށް ނަރަކައިގެ ތަންމަތިން ތަންމަތި ފަތުރުއްވާށެވެ. އަދި ނަރަކައާ ދިމާއަށް ދޮރެއް ހުޅުއްވަވާށެވެ. އެހިނދު ނަރަކައިގެ ހޫނުކަމުގެ ތެރެއިން ހޫނުކަމާއި، އޭގެ ވިހަވައިގެ ތެރެއިން ވިހަވައި، އޭނާއާ ދިމާއަށް އައިސްއައިސް ހުންނާނެ އެވެ. ކަށްވަޅު އޭނާގެ މައްޗަށް ދަތިވެ، އޭނާ ފިއްތާލައިފާނެއެވެ. އެއީ ކަށްވަޅުގައި އޭނާގެ އަރިކަށީގެ ކަށިތައް އެގޮތް މިގޮތް ވެގެންދާން ދެންނެވެ.

މޫނު ހުތުރު ފޭރާން ހަޑި، ނުބައިވަސް ދުވަދުވާ ހުންނަ މީހަކު އޭނާގެ ގާތަށް އައިސް ބުނާނެއެވެ. ނުބައިކަންތަކުން ކަލޭ خَبَر ލިބިގަންނަހުށިކަމެވެ! މިއީ ކަލެއަށް وَعْدُ ކުރެއްވުނު ދުވަހެވެ. ފަހެ، އޭނާ ބުނާނެ އެވެ. ކަލެއަކީ ފަހެ ކާކު ހެއްޔެވެ؟ ތިޔަމޫނަކީ ނުބައި ކަމައިގެން އައި މޫނަކީމުއެވެ. ފަހެ އޭނާ ބުނާނެއެވެ. ތިމަންނާއަކީ ކަލޭގެ ނުބައި عَمَل އެވެ. 

(އެހެން رِوَايَة އެއްގައި ވެއެވެ) އޭނާގެ عَمَل ބުނާނެއެވެ. ﷲ ގަންދީ ބުނަމެވެ. ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމަށް ފަސްޖެހުނު މީހެއްކަމަށް ކަލޭ، ވީކަމާއި، ﷲ އަށް އުރެދުމުގައި އަވަސްވެގަތް މީހެއް ކަމަށް ކަލޭވީކަންމެނުވީ އެހެންކަމެއް ކަލެއާ މެދަކު ތިމަން ނުދަންނަމެވެ. ވީމާ، ކަލެއަށް ﷲ ނުބައި جَزَاء ދެއްވާށިއެވެ!

 

- އަލްއުސްތާޛް އާދަމްނަސީމު  ހ. ޕޫނަމް (ބިއޭ ނަސީމް) ލިޔުއްވާފައިވާ މަރުވުމަށްފަހު ވާނީ ކިހިނެއް؟ (ބަރުޒަޚްގެ ޢާލަމް) ފޮތުން--

 

މިއަދު އޮންލައިން