އެމީހަކީ އެމީހަކު ދެކެ ތިބާ ކިތަންމެ ބޮޑަށް ލޯބިވާ މީހަކުނަމަވެސް އެއީ މައްސަލައަކަށް ނުހަދައި ވަކިވާން އުޅޭކަމަށް ޝައްކުކުރެވިއްޖެނަމަ އެމީހަކާއި ދުރުހެލިވާންފަށާށެވެ. ވަކިވާން އުޅެފިނަމަ އަވަހަށް ވަކިވާށެވެ!
ކައިވެނިކޮށް ޒަވާޖީ ޙަޔާތުގެ އުފާވެރިކަން ޙާޞިލްވުން އޮތީ ތިބާ އެމީހަކު ދެކެ ލޯބިވާވަރަކުން އެކަންޏެއް ނޫނެވެ. އެކަކު އަނެކަކު ދެކެ ދެމީހުންވެސް ލޯބިވެގެންނެވެ. ދެމީހުންވެސް އެކުގައި އުޅެން ބޭނުންވެގެންނެވެ. އެކަކު އެކަނި ބޭނުންވުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނުއޮންނާނެއެވެ.
އަޅައިވެސް ނުލައި ދާންބޭނުންވާ މީހާ ދާންދޫކޮށްލާށެވެ! ތިބާއަށް ބޭނުންވެގެން އަންނަ މީހާއަށް އިންތިޒާރުކުރާށެވެ! އެކަމުގައި ކެތްތެރިވާށެވެ! އަދި މިފަދައިން ދުޢާވެސް ލކުރާށެވެ!
"ޔާ ﷲ! މިއަޅާ ދެކެ ލޯބިވެ، މިއަޅާއަށް ރަޙުމްކޮށް، މިއަޅާ ގޮވައިގެން ދުނިޔޭގައި އުޅެ އަދި މިއަޅާގެ އަތުގައި ހިފައިގެން ސުވަރުގެ ވަންނާނެ ބައިވެރިއަކު މިއަޅާއަށް ދެއްވަވާނދޭވެ!" އާމީން
ގޮތް ބަލަންވެސް ފަރުޟުތައް އަދާކުރަމުން ސުންނަތް އަޅުކަން ކުރަމުން، ރޭއަޅުކަންކޮށް މިފަދައިން ދުޢާކުރަން ފަށައި ޔަޤީންކަން ހިތުގައި ބާއްވައިގެން ދުޢާކުރުންމަތީގައި ކެތްތެރިވެލައިބަލާށެވެ! އެއަޅަކު ﷲ ތަޢަލާ މާޔޫސް ނުކުރައްވަވާނެތެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން