ދަރިން ޚާއްޞަކޮށް ނުކުޅެދުންތެރިކަން ހުންނަ ދަރިން ނިކަމެތިކުރާ މީހުންނަށް އެކަން އަރާހަމަކުރަނީ އެންމެ ހިތިކޮށްކަން ތަޖުރިބާކުރަންޖެހުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 15ސ
ދަރިން ޚާއްޞަކޮށް ނުކުޅެދުންތެރިކަން ހުންނަ ދަރިން ނިކަމެތިކުރާ މީހުންނަށް އެކަން އަރާހަމަކުރަނީ އެންމެ ހިތިކޮށްކަން ތަޖުރިބާކުރަންޖެހުނު އަންހެނެއްގެ ވާހަކަ-

ކޮންމެ މީހަކުވެސް ބޭނުންވާނީ އެންމެ ފުރިހަމަ، ޞިއްޙަތު ރަނގަޅު ދަރިއަކަށެވެ. ނަމަވެސް އެކަމުގައި މައިންބަފައިންކުރެ އެކެއްގެވެސް ބާރެއް ނުއޮވެއެވެ. މައިމީހާއާއި ބަނޑުގައި އޮތް ަދރިފުޅުގެ ޞިއްޙަތަށް ފައިދާކުރާނެ ހުރިހާ ކަމެއް ކުރަމުންދަނިކޮށްވެސް މާޔޫސްވާން އެބަޖެހެއެވެ. އެއީ ﷲ ތަޢާލާގެ ނިންމެވުމެވެ.  

ފުރިހަމަ ޞިއްހަތުގައި ދަރިން ދެއްވަވަނީވެސް ﷲ ތަޢާލާއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ޙާލުގައި ދަރިން ދެއްވަވަނީވެސް ހަމަ ﷲ ތަޢާލާއެވެ. މިއީ ހަމައެކަކަށްވެސް ދެބަސްވެވޭނެ ކަމެއް ނޫނެވެ.  

ނުކުޅެދުންތެރިކަން ހުރި ދަރިއަކު ދެއްވެވުމަކީ ކުރިމަތިކުރައްވަވާ ވަރަށް ވަރުގަދަ އިމްތިޙާނެކެވެ. އެކަން ޤަބޫލުކުރެވޭ މީހުން އިމްތިޙާނުން ފާސްވާން ވަރަށް ބޮޑަށް މަސައްކަތްކުރެއެވެ. އަނެއްބައަކު ފޭލްވެ ދުވެފިލަނީއެވެ. ދަރިފުޅުގެ ލޮލަށް ދުވަހަކު ނުފެނި ތިމާއަށް އުޅެވުނަސް ﷲ ތަޢަލާގެ ޙަޟްރަތަށް ނުފިލޭނެކަން ނުވިސްނެނީއެވެ.  

ތިރީގައިވާ ލިޔުމަކީ ދުނިޔޭގައި ފިލަން މަސައްކަތްކުރާ އެންމެންނަށްވެސް އަގުހުރި ފިލާވަޅެކެވެ. އިން ޝާ ﷲ  

އޭނާއަކީ އަބަދުވެސް އެކުވެރިންނާއިއެކު ގެއިން ބޭރުގައި ވަގުތު ހޭދަކުރަން ބޭނުންވާ އަންހެނެކެވެ. އެހެންވެ ހުރިހާ އެކުވެރިން ކައިވެނިކުރިއިރުވެސް އޭނާހުރީ ކައިވެނިނުކޮށްހުރެފައި  ކައިވެނިކުރީ އޭނާ އެކަނިވުމުންނެވެ.  

ފިރިމީހާ އޭނާދެކެ އިންތިހާއަށް ލޯބިވެއެވެ. ނަމަވެސް އެވަރަކުން އޭނާއަކަށް ނުފުދެއެވެ. އަބަދުވެސް ބޭނުންވަނީ އައުއެކުވެރިންނާއިއެކު ވަގުތު ހޭދަކުރާށެވެ. އެހެންވެ ފިރިމީހާގެ ހެޔޮކަމުގެ ބަދަލުގައި ފިރިމީހާއަށް ލިބޭ އެއްވެސް އުފަލެއް ނުއޮވެއެވެ.  

ބަލިވެ އިނދެ ބަނޑަށް 7 މަހުގައި އެނގުނީ އުފަންވާންއުޅޭ ކުއްޖާގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުންނާނެކަމެވެ. އެހިސާބުން އޭނާ ބޭނުންވީ ދަރިފުޅު ވައްޓާލުމަށެވެ. ނަމަވެސް ފިރިމީހާ އެކަމަށް ދެކޮޅު ހެދިއެވެ. ފިރިމީހާ ބުނީ ލިބޭ ދަރިފުޅުގެ ނުކުޅެދުންތެރިކަން ރަނގަޅުކުރަން ފަރުވާކުރާނީ ކަމަށެވެ. ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށް ކަމަށެވެ.  

ކޮންމެއަކަސް ލިބުނު ދަރިފުޅުވީ ވަރަށް ގިނައިން ރޮވޭ ކުއްޖަކަށެވެ. އެކަމާއިވެސް އޭނާ ވަރަށް ރުޅި އާދެއެވެ. ރޯންފަށާއިރަށް ފިރިމީހާއަތަށް ދަރިފުޅު ދީފައ "އަނގައިގަ ޓޭޕްއަޅައިގެން ނަމަވެސް ރުއިން ހުއްޓުވަން" ބުނެއެވެ.  

އޭނާގެ ކަމަކީ ސޯޝަލްމީޑިއާއަށް ވަދެ އިނދެގެން ހިލޭ ފިރިހެނުންނާއިއެކު ޗެޓް ކުރުމެވެ. ޗެޓްކުރުމުގެ ތެރެއިން ބައްދަލުވި ޢަރަބި ވިޔަފާރިވެރިއަކާ ގުޅުން އުފައްދައި އޭނާގެ ދައުވަތަށް ދަރިފުޅާއި ފިރިމީހާ ދޫކޮށްލާފައި ފުރައިގެން ދިއައެވެ. ދަރިފުޅަށް އެންމެ 3 އަހަރުގައެވެ. 

ތަނަވަސް މަޖާ ދިރިއުޅުމެއްގައި އުޅޭތާ ހަފްތާއެއްހައި ދުވަސްފަހުން އޭނާގެ ނުކުޅެދޭ ދަރިއަކު ހުންނަކަމާއި ފިރިމީހާ އާއި ދަރިފުޅު ދޫކޮށްލާފައި އައީ ވިޔަފާރިވެރިޔާ ދެކެ ލޯބިވާވަރު ބޮޑުކަމުން ކަމަށް ބުންޏެވެ. މިއަޑު ވިޔަފާރިވެރިޔާއަށް ވެގެންދިއައީ ބާރަށް ޖެހިގުގުރިއަކަށެވެ. "ސުބްހާނަﷲ! ނުކުޅެދޭ ތުއްތު ދަރިފުޅާ ފިރިމީހާދެކެ ލޯބިނުވި މީހަކު އަހަރެންދެކެ ވާނީ ކޮން ލޯތްބެއް؟ ތިއަފަދަ އަނިޔާވެރިއަކު ދެކޭކަށްވެސް ބޭނުމެއް ނޫން. ހަމަ މިހާރު މިގެއިން ނުކުމޭ!"  

ދަންނަ އެއްވެސް މީހަކުވެސް އެޤައުމުގައި ނެތްކަމަށާއި އަތުގައި އެއްވެސް ފައިސާއެއް ނެތްކަމަށް ބުނުމުންވެސް ބުނީ ހަމަމިހާރު ގެއިން ނުކުތުމަށެވެ. އިންސާނިއްޔަތުކަން ނެތް އަންހެނަކަށް އެއްވެސް މިންވަރަކަށް އެހީތެރިވާން ބޭނުން ނޫން ކަމަށެވެ.

ރޮއި އާދޭސްކުރުމުންވެސް އެނޫން ޖަވާބެއް ނުދިނުމުން ޖެހުނީ ގެއިން ނުކުންނާށެވެ! ހުސްއަތާއެވެ. އެއްވެސް ފައިސާއެއް ނެތިއެވެ. އެންމެ ކުޑަމިނުން އެނބުރި ޤައުމަށްދާނެ ޓިކެޓެއްވެސް އަތުގައި ނެތިއެވެ. އެހެންވެ ދެންޖެހުނީ ސަލާންޖަހާށެވެ. ގޭގޭގައި ނޯކިރީކުރާށެވެ. އެގޮތުން ފައިސާކޮޅެއް ލިބުމުން ޓިކެޓެއް ގަނެގެން އެނބުރި ޤައުމަށްގޮސް ފިރިމީހާގެ ގާތަށް ދިއުމުން ދަންނަ އަންހެނަކަށްވެސް ނުހެދިއެވެ. ބުނީ ތިއައުޅެނީ ނުބައި އެޑްރެހަކަށް އާދެވިގެން ކަމަށާއި އަވަހަށް ގެއިން ނުކުތުމަށެވެ.  

ދަރިފުޅު ކޮބައިތޯ ސުވާލުކުރުމުން ބުނީ ކަލޭ ހޯދަންޖެހޭ ދަރިއަކު އެގޭގައި ނެތްކަމަށެވެ. "ދަރިފުޅަށް މިހާރު ބުނެދީފަވާނީ މަންމަ މަރުވެއްޖެކަމަށް. އެކަން ދަރިފުޅު އެހެރީ ޤަބޫލުކޮށްގެން. މިހާރު އެއީ ނުކުޅެދޭ ކުއްޖެއްވެސް ނޫން. މިއަދު މަންމަވެފަ މާދަން ގެއްލުމުން ދަރިފުޅަށް ލިބޭނީ އަނިޔާ. ވީމާ ރަނގަޅުވާނީ އަވަހަށް މިގެއިން ނުކުމެގެން ދިއުން."  

އުފާވެރިކަން ހޯދަން ދިއަ ޤައުމުންވެސް ލިބުނީ ނިކަމެތިކަމެވެ. އަމިއްލަ ޤައުމަށް އައުމުންވެސް ލިބުނީ ނިކަމެތިކަމެވެ. އަމިއްލަ ޤައުމުގައިވެސް ބާކީވެ މަގުމަތިވީއެވެ.  

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. ރާއްޖޭގައި ނުކުޅެދޭ ކުއްޖަކު ލިބިއްޖެނަމަ ގިނަ ފަހަރަށް އެކުއްޖާ ދޫކޮށްލާފައި ފިލަނީ ބައްޕަކަމަށް ދިރާސާތަކުން ދައްކައެވެ. ދަރިފުޅު ގޮވައިގެން ގަނަތެޅެން ޖެހެނީ މަންމައަށެވެ. ދަރިފުޅު ބެލެހެއްޓުމުގެ ޒިންމާ ނަގަނީ ވަރަށް މަދު ބައްޕައެކެވެ.  

އަޅުގަނޑަކީވެސް ހަމަ އެފަދަ ގޮތެއް މެދުވެރިވެފައިހުރި އަންހެނަކީމެވެ. އެކަނިވެރި މައެއްގެ ގޮތުގައި އިނދެ 3 ދަރިން ބަލަހައްޓަމުން ގެންދާއިރު އެއްދަރިފުޅަކީ ނުހިނގޭ ކުއްޖެކެވެ. އެދަރިފުޅު ލިބުނުތަނާހެން ވަރިކޮށްލާފައި ދިއަގޮތަށް 4 މައިންގެ ޚަބަރެއްވެސް ބަލައިނުލައެވެ. ކަމަކު ގުޅާފާނެތީ ފޯނު ނަމަބަރުވެސް ބަދަލުކުރީއެވެ. ނުކުޅެދޭ ކުއްޖަކު ގެންގުޅެންޖެހިފައި އޮތުމުން ކައިވެނި ކުރަން ފިރިހެނުން ބޭނުމެއް ނުވެއެވެ. އެހެން ބުނަން މިޖެހެނީ ގަޔާވާކަމަށާއި ކައިވެނިކުރަން ބޭނުންކަމަށް ބުނާ މީހުންވެސް ފަހުން އަޅައިނުލާތީއެވެ.

އެކަމަށް އެއްވެސް ޝަކުވާއެއް ނެތެވެ. ދުނިޔޭގައި އެކިމީހުންނަށް ކުރިމަތިކުރައްވަވާނީ ތަފާތު އިމްތިޙާންތަކެވެ. އަޅުގަނޑުފަދައިން ކަންކަން ދިމާވެފައިވާ އެތައް މައިންނެއް އަޅުގަނޑަށް އެނގެއެވެ. ނަމަވެސް ހިތަށް އަރައެވެ. ނުކުޅެދުންތެރިކަން ހުންނަ ދަރިން ލިބުމުން އެއްލާލާފައިދާ މީހުންގެ އޮންނަނީ ހަމަ ހިތެއްބާވައެވެ! ތިމާގެ ނިމުން ތިމާ އާއި ބައްދަލުކޮށްފާނެ ޙާލު ހަމައެނގެނީބާވައެވެ!

- އަމީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

- ޢިބްރަތްތެރި ވާހަކަ-

 

 

މިއަދު އޮންލައިން