ގިނަވަމުން މިދަނީ ސުވަރުގެ ވަނުމަށާ ސުވަރުގޭގެ މަތީ ދަރަޖަތައް ލިބިގަތުމަށް ﷲ ދެއްވަވާ ފުރުޞަތުގެ ބޭނުން ނުހިފާ މީހުން! ތިބާގެ ޙާލާ މެދު ވިސްނޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ގިނަވަމުން މިދަނީ ސުވަރުގެ ވަނުމަށާ ސުވަރުގޭގެ މަތީ ދަރަޖަތައް ލިބިގަތުމަށް ﷲ ދެއްވަވާ ފުރުޞަތުގެ ބޭނުން ނުހިފާ މީހުން! ތިބާގެ ޙާލާ މެދު ވިސްނޭތަ؟

ﷲ ތަޢާލާ އެކި މީހުންނަށް ކުރިމަތިކުރައްވަވަނީ އެކި އިމްތިޙާންތަކެވެ. އިމްތިޙާން ކުރައްވަވަނީ އެކި ގޮތްގޮތަށެވެ. ސުވަރުގެ ލިބިގަތުމަށާ ސުވަރުގޭގެ މަތީ ދަރަޖަތައް ލިބިގަތުމުގެ ފުރުޞަތު ފަހިކޮށްދެއްވަވާ އެއްގޮތަކީ ކުރިމަތިކުރައްވަވާ އިމްތިޙާންތަކެވެ.  

ތަނަކަށް ތަދުވަނީހެއްޔެވެ؟ ނޫނީ މައިގްރޭން ފަދަ ބައްޔެއްގެ ސަބަބުން ގަދައަށް ބޮލުގައި ރިއްސަނީހެއްޔެވެ؟ އަނިޔާލިބުނުތަނަކަށް މެދުނުކެނޑި ތަދުވަނީ ހެއްޔެވެ؟ ފާރުގަނޑެއް ނުހިކިލަސްވަނީހެއްޔެވެ؟  

މީހަކާއި އޮންނަ ގުޅުން ކެނޑުނީހެއްޔެވެ؟ މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބުނީހެއްޔެވެ؟ އެކުވެރިން ތިބާއަސް ދެރަދީ ބާކީކޮށްލީހެއްޔެވެ؟ ދައްކަންޖެހޭ ބިލްތައް ނުދެއްކި ދަރަނި ބޮޑުވީހެއްޔެވެ؟   

ބުނަންހެއްޔެވެ؟ މިބަޔާންކުރި ފަދަ ކޮންމެ ޙާލަތަކީވެސް އެމީހެއްގެ ފާފަތައް ފުއްސަވައިދެއްވެވުމަށް ﷲ ތަޢާލާ ކުރިމަތިކުރައްވަވާ އިމްތިޙާންތަކެވެ. ސުވަރުގެ ހޯދަން ކުރާ މަސައްކަތް އިތުރުކުރެއްވެވުމަށް މެދުވެރިކުރައްވަވާ އިމްތިޙާންތަކެވެ. ސުވަރުގޭގެ މަތީ ދަރަޖަތައް ލިބިގަތުމަށްވެސްމެއެވެ.  

އެކަން ޤަބޫލުނުކުރެވި ސުވަރުގެ ވަންނަން ދެކޮޅުހަދަނީ އެމީހެކެވެ. އަހުރެމެންނެވެ.  

ދެކޮޅު ހެދުމަކީ ކެތްތެރިނުވެ ތެޅިފޮޅުމެވެ. ޝަކުވާތައް ގިނަކުރުމެވެ. ތަޤްވާވެރިކަން އިތުރުކޮށް ދުޢާކޮށް ﷲ ތަޢާލާ އާއި ކުތަންވުމަށް ކުރާ މަސައްކަތް އިތުރު ނުކުރެވުމެވެ. ވީމާ އެފަދަ މީހަކަށްނުވެ ކޮންމެ ފަދަ ކަމެއް ކުރިމަތިކުރެއްވެވި ނަމަވެސް ޝަކުވާތައް ނުކޮށް، ތަޤްވާވެރިކަން އިތުރުކޮށް ދުޢާކޮށް ﷲ ތަޢާލާ އާއި ކުތަންވުމަށް ކުރާ މަސައްކަތް އިތުރު ކުރާށެވެ! ފާފަތައް ފުއްސަވައި ދެއްވަވައި ސުވަރުގެ ވައްދަވާނެތެވެ! އިން ޝާ ﷲ

 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން