އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ރ. މަޑުއްވަރީ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.
މިއަދު އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި، ވުޒާރާގެ ބައެއް އިސްވެރިންނާއި މަޑުއްވަރީ ކައުންސިލްގެ އިސްވެރިން ބައިވެރިވެލައްވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި މަޑުއްވަރީ ކައުންސިލަށް އިސްލާމީ ދާއިރާއިން ދިމާވެފައިވާ އެކިއެކި ދަތިތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ވުޒާރާއާއި މަޑުއްވަރީ ކައުންސިލުން ގުޅިގެން ކުރިއަށް ގެންދެވިދާނެ އެކި ޕްރޮގުރާމުތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އޭގެ ތެރޭގައި އެ ރަށުގައި ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމު ހިންގުން ހިމެނެއެވެ.
މީގެ އިތުރުން ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ މަޑުއްވަރީ ގޮފީގެ މަސައްކަތާއި، މަޑުއްވަރީގައި އައު މިސްކިތެއް ބިނާ ކުރުމާއި ގުޅޭ ގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.