ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ޓަވަރު 13، 14 އަދި 15 ގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް އެއްކޮށް ނިންމައި އާންމުންނަށް ބޭނުންކުރެވޭ ގޮތަށް މިއަދު ހުޅުވާލައިފިއެވެ. މި މަސައްކަތަކީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
ހިޔާ ފްލެޓުތަކުގައި ލިފްޓުތައް ހަރުކުރުމުގެ މަސައްކަތް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ޙަވާލުކޮށްފައިވަނީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑް އާއެވެ. މި މަޝްރޫއުގެ ދަށުން ކޮންމެ ޓަވަރެއްގައި އިތުރު ލިފްޓުތައް ހަރުކުރުމުގެ އަމަލީ މަސައްކަތް އަންނަނީ ބާރުސްޕީޑުގައި ކުރަމުންނެވެ.
އެޗްޑީސީން މައުލޫމާތު ދެއްވާ ގޮތުގައި، އެންމެ ފަހުން މަސައްކަތް ނިންމާލި މި ތިން ޓަވަރުގެ ލިފްޓުތައް މިހާރު އަންނަނީ އާންމުން ބޭނުންކުރަމުންނެވެ. އަދި މި ލިފްޓްތަކުގެ ސަބަބުން އެ ޓަވަރުތަކުގެ ރައްޔިތުންނަށް އަރައި ފޭބުމުގައި ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
ހިޔާގެ 25 ފަންގިފިލާގެ ޓަވަރުތައް ފުރަތަމަ ތަރައްޤީކުރިއިރު، އެތަންތަނުގައި ހަރުކޮށްފައިވަނީ ބަލިމީހުން އުފުލާ ހެދޭހާ ތަނަވަސް ލިފްޓުތަކެއް ނޫނެވެ. މީގެ އިތުރުން ޓަވަރުތަކުގައި ލިފްޓު މަދުވުމުގެ ސަބަބުން ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަރައި ފޭބުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާތީ، އެކަމުގެ ކަންބޮޑުވުން އާންމުން ވަނީ މީގެ ކުރިން ތަކުރާރުކޮށް ފާޅުކޮށްފައެވެ.
ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި މަޝްރޫއު ނިމުމުން ހިޔާ ސަރަހައްދުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށްވެސް ލިފްޓުގެ ދަތިކަން ހައްލުވެ، ދިރިއުޅުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.