ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބު އަންނަ ޖުލައިމަހުގެ 11 ގައި ބާއްވަން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބު އަންނަ ޖުލައިމަހުގެ 11 ގައި ބާއްވަން ނިންމައިފި

ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިހާބު އަންނަ ޖުލައި މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.

މިކަން އިއުލާންކުރެއްވީ ޕީއެންސީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

މި އިންތިޚާބުގައި ހޮވުމަށް ހަމަޖެހިފައިވާ މަގާމުތަކުގެ ތެރޭގައި ދާއިރާ ރައީސް، ދާއިރާގެ ނައިބު ރައީސް، އަންހެނުންގެ ހަރަކާތުގެ ރައީސާ، ޒުވާނުންގެ ހަރަކާތުގެ ރައީސް އަދި ސްޓިއަރިން ކޮމިޓީގެ ރައީސް ހިމެނެއެވެ. މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މިހާރު ވަނީ ހުޅުވާލާފައެވެ.

އަބްދުއްރަހީމް ވިދާޅުވީ އިންތިޚާބަށް ކުރިމަތިލުމުގެ ކަންކަން ކުރިއަށްދާނީ އެކަމަށްޓަކައި ހާއްސަކޮށް އެކުލަވާލާފައިވާ ޕޯޓަލްއެއް މެދުވެރިކޮށް ކަމަށެވެ. އަދި މި އިންތިޚާބު ޖުލައި މަހު ބާއްވަން ނިންމީ، އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް އެ ޕާޓީގެ މަތީ މަޖިލީސް ބޭއްވުމަށް ތައްޔާރުވަމުންދާތީ، އޭގެ ކުރިން ދާއިރާތަކުގެ އިންތިޚާބު ނިންމަން ޖެހޭތީ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ޕީއެންސީގެ ދާއިރާތަކަށް ވާދަކުރުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައި،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މިއީ ޕީއެންސީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، ކުރިއަށް އޮތް ޕާޓީގެ ބޮޑު މަޖިލީހަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު އިންތިޚާބެކެވެ.

މިއަދު އޮންލައިން