އުރީދޫ ފިންޓެކްއިން ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތްތައް ފުޅާކޮށްފިއެވެ. މި ޚިދުމަތް ތަޢާރަފުކުރީ އުރީދޫގެ ޑިޖިޓަލް ވޮލެޓް، "އެމްފައިސާ" އާ ޕޭޕަލް ގުޅާލުމަށް ފަހުގައެވެ. ބާސެލޯސް ނަސަންދުރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިކަން އިޢުލާންކުރިއިރު، މިއީ ޑިޖިޓަލް މޯލްޑިވްސްގެ ދަތުރުގައި ލިބުނު މުހިންމު ކުރިއެރުމެކެވެ. މީގެ ސަބަބުން ރާއްޖޭގެ އަމިއްލަ ފަރުދުންނަށާއި ވިޔަފާރިތަކަށް ބައިނަލްއަޤްވާމީ ޑިޖިޓަލް މާލީ ޚިދުމަތްތައް ބޭނުންކުރުމުގެ ފުރުޞަތު ފުޅާވެގެންދާނެއެވެ.
މި އިންޓަގްރޭޝަންގެ ސަބަބުން، ޝަރުޠުހަމަވާ ކަސްޓަމަރުންނަށް އެ ބޭފުޅުންގެ ޕޭޕަލް އަދި އެމްފައިސާ އެކައުންޓް ރައްކާތެރިކަމާއެކު ގުޅާލެވޭނެއެވެ. މިއާއެކު، ޔޫއެސް ޑޮލަރުން ފައިސާ ހޯދުމާއި، ޕޭޕަލްއިން އެމްފައިސާ ވޮލެޓަށް ފައިސާ ބަދަލުކުރުމާއި، އަދި އެ ފައިސާ ރާއްޖޭގައި ބޭނުންކުރުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.
ދުނިޔޭގެ މާލީ މުޢާމަލާތްތަކާ ގުޅާލަދޭ މި ޚިދުމަތުގެ ސަބަބުން، ފްރީލާންސަރުންނާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި، ކުދި ވިޔަފާރިތަކަށް ރާއްޖޭގެ ބާޒާރުން ބޭރަށް ފުރުޞަތުތައް ފުޅާކުރުމުގެ ބާރު ލިބިގެންދާނެއެވެ. އަދި ބައިނަލްއަޤްވާމީ ކަސްޓަމަރުންގެ އަތުން ޑޮލަރުން ލިބޭ ފައިސާ އެ ފަރާތްތަކުގެ ޕޭޕަލް އެކައުންޓަށް ހޯދުމަށާއި، ދުނިޔޭގެ ވިޔަފާރީގެ މައިދާނުގައި އިތުބާރާއެކު ޙަރަކާތްތެރިވުމަށް މަގުފަހިވެގެންދާނެއެވެ.
ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ:
"މިއަދު، އަޅުގަނޑުގެ ސަރުކާރުން ކުރި ބުރަ މަސައްކަތްތަކާއި އަދި ބައިވެރިންގެ އެހީތެރިކަމާއެކު، ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތްތައް ފަސޭހަކަމާއެކު ބޭނުންކުރެވޭ ގޮތަށް ގުޅާލެވުމަކީ އަޅުގަނޑުމެންގެ އިޤްތިޞާދީ ތާރީޚުގައި ހުޅުވިގެންދިޔަ އާ ބާބެއް. ޕޭޕަލް ފަދަ ދުނިޔޭގެ އިތުބާރުލިބިފައިވާ ބްރޭންޑްތަކާއެކު ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީއެއް ތަޢާރަފުކުރުމަކީ، ރާއްޖެއަކީ ބައިނަލްއަޤްވާމީ ކެޕިޓަލް އިންވެސްޓްމަންޓްތަކަށް ފަހި އަދި އިތުބާރު ހުރި މާޙައުލެއް އޮތް ޤައުމެއްކަން ބައިނަލްއަޤްވާމީ ބާޒާރުތަކަށް ހާމަކޮށްދޭ ކަމެއް. އަޅުގަނޑުމެންގެ ހުރިހާ މަސައްކަތެއްގެ މިޞްރާބު ހުރީ ރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ، މަތީ އާމްދަނީ ލިބޭ ޤައުމަކަށް ހެދުމަށް އެކަށައަޅާފައިވާ 'ވިޜަން 2040' ގެ ރޯޑްމެޕާ އެއްގޮތަށް."
އުރީދޫ ގްރޫޕްގެ ގްރޫޕް ރީޖަނަލް ޗީފް އެގްޒެކެޓިވް އޮފިސަރު އަޙްމަދު އަލްނަޢިމާ ވިދާޅުވިއެވެ:
"އުރީދޫ ގްރޫޕްގެ އަމާޒަކީ މާދަމާގެ އިޤްތިޞާދުތަކަށް ބޭނުންވާ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ބިނާކުރުން. އެމްފައިސާ މެދުވެރިކޮށް ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތްތައް ލިބޭނެ މަގު ފަހިކޮށްދިނުމަކީ، އިތުބާރު ހުރި ޑިޖިޓަލް މާލީ ޚިދުމަތްތަކަށް އޮތް ފުރުޞަތު ފުޅާކޮށް، އާ އިޤްތިޞާދީ ފުރުޞަތުތައް ހުޅުވައިދީ، އަދި ޤައުމުގެ ޑިޖިޓަލް ބަދަލުވުމުގެ ތަޞައްވުރަށް އެއްބާރުލުން ދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ ހެއްކެއް."
އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ ޝާދީ ޤަވާސްމީ ވިދާޅުވިއެވެ:
"މި ބައިވެރިވުމަކީ ރާއްޖެއަށް އަޅުގަނޑުމެން ކުރާ އިންވެސްޓްމަންޓްތަކާއި، ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ޚިދުމަތްތައް ރާއްޖޭގެ މުޖުތަމަޢުތަކަށް ގެނެސްދިނުމަށް އަޅުގަނޑުމެންނަށް އޮތް ޤާބިލުކަން ދައްކުވައިދޭ ކަމެއް. އެމްފައިސާ މެދުވެރިކޮށް ޕޭޕަލްގެ ޚިދުމަތްތައް ލިބޭނެ މަގު ފަހިކޮށްދިނުމުން، ވިޔަފާރިވެރިންނަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، ފްރީލާންސަރުންނާއި އުފެއްދުންތެރިންނަށް އެ ފަރާތްތަކުގެ ޚިޔާލުތަކާއި، އުފެއްދުންތަކާއި ޚިދުމަތްތައް ރާއްޖޭގެ ބޯޑަރުން ބޭރަށް ފުޅާކުރުމަށް އެހީތެރިވެދޭނެ. މިއީ ހަމައެކަނި ފައިސާ ލިބުމުގެ ބައިވެރިވުމެއް ނޫން؛ މިއީ އިޤްތިޞާދީ ކުރިއެރުމަށް ބާރުވެރިކުރުވައި، އާ އުފެއްދުންތަކަށް މަގުފަހިކޮށްދީ، ދުނިޔެއާ ގުޅިފައިވާ 'ޑިޖިޓަލް މޯލްޑިވްސް' އެއް ބިނާކުރުން."
މި ބައިވެރިވުމުގެ ސަބަބުން، ރާއްޖޭގެ ޑިޖިޓަލް މާލީ ޚިދުމަތްތަކުގެ މުސްތަޤްބަލު ބައްޓަންކުރުމުގައި އުރީދޫ ފިންޓެކްގެ ދައުރު ބޮޑުވަމުންދާކަން ހާމަވެގެންދެއެވެ.
އުރީދޫ ފިންޓެކް އިންޓަރނޭޝަނަލްގެ ސީއީއޯ މިރްކޯ ޖިއާކޯ ވިދާޅުވިއެވެ:
"މި އިޢުލާނުން ހާމަކޮށްދެނީ ރާއްޖޭގެ މާލީ ނިޒާމު ދުނިޔޭގެ ކުރިއަރާފައިވާ ފައިސާ ދައްކާ ޕްލެޓްފޯމްތަކާ ގުޅާލުމަށް އުރީދޫ ފިންޓެކްއިން ކުރާ މަސައްކަތް. އެމްފައިސާ މެދުވެރިކޮށް ޕޭޕަލްގެ ޚިދުމަތްތައް ލިބޭނެ މަގު ފަހިކޮށްދިނުމުން، ރާއްޖޭގެ އަމިއްލަ ފަރުދުންނަށާއި ކުދި ވިޔަފާރިތަކަށް ދުނިޔޭގެ ޑިޖިޓަލް އިޤްތިޞާދުގައި ބައިވެރިވުމާއި، ބައިނަލްއަޤްވާމީ ފައިސާ ލިބުމާއި، އަދި އާންމު ބާޒާރުގެ ބޭރުން އާ ފުރުޞަތުތައް ހޯދުމަށް ފަސޭހަވެގެންދާނެ. އަޅުގަނޑުމެންގެ ކަސްޓަމަރުންނަށާއި މުޖުތަމަޢުތަކަށް ޙަޤީޤީ މަންފާ ކުރާނެ އާ މާލީ ޚިދުމަތްތައް ގެނެސްދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނަން."
ޕޭޕަލް އޭޕީއޭސ ޕޭޕާލް އޭޝިއާ ޕެސިފިކްގެ ވައިސް ޕްރެޒިޑެންޓް އަދި ޖެނެރަލް މެނޭޖަރު އާމިރު ވަލިއާނީ ވިދާޅުވިއެވެ:
"ރާއްޖޭގެ ޑިޖިޓަލް ބަދަލުވުމުގެ ދަތުރަށް އެއްބާރުލުން ދިނުމަށް އުރީދޫ ފިންޓެކް އަދި އެމްފައިސާއާއެކު ބައިވެރިވުމަކީ އަޅުގަނޑުމެން ފަޚުރުވެރިވާ ކަމެއް. ސަރުކާރުގެ 'މޯލްޑިވްސް 2.0' ތަޞައްވުރުން ހާމަވަނީ އިތުބާރު ހުރި ޑިޖިޓަލް ކަނެކްޓިވިޓީ ފުޅާކުރުމަށް އޮތް ސާފު ޢަޒުމް. މި ބައިވެރިވުމުގެ ތެރެއިން އެ ލަނޑުދަނޑިތަކަށް ވާގިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. ޕޭޕަލްގައި އަޅުގަނޑުމެން ޤަބޫލުކުރަނީ ރައްކާތެރި އަދި ފަސޭހަ ޑިޖިޓަލް މާލީ ޚިދުމަތްތަކަކީ ދުނިޔޭގެ އިޤްތިޞާދުގެ ފުރުޞަތުތަކާ މީހުން ގުޅުވައިދިނުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެއް ކަމަށް."
ދިވެހިންނަށް މިހާރު އެ ފަރާތްތަކުގެ ޕޭޕަލް އަދި އެމްފައިސާ އެކައުންޓް ގުޅާލެވޭނެއެވެ. މިއާއެކު ދެ ޕްލެޓްފޯމް ދެމެދުގައި ފައިސާ ބަދަލުކުރުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.
މި މުހިންމު ފިޔަވަޅަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އާ އުފެއްދުންތަކާއި، މާލީ ބައިވެރިވުމާއި، ޑިޖިޓަލް ބާރުވެރިކަން ފޯރުކޮށްދިނުމަށާއި، އުރީދޫގެ "ޑިޖިޓަލް މޯލްޑިވްސް" ގެ ބިޔަ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް އުރީދޫ މޯލްޑިވްސްއިން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށްދޭ ކަމެކެވެ.