މިފެށޭ ހިޖުރީ އާއަހަރަކީ އިސްލާމީ ދާއިރާގެ ގިނަ ކަންތަކަކުން މުޅި ޤައުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ އަހަރެއް ކަމަށް އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒިރުގެ ބަސްފުޅު:
ހިޖުރީ ސަނަތުން 1448 ވަނަ އަހަރު ފެށިގެން ދާއިރު، މިއަހަރަކީ ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ފާގަތި އަހަރަކަށް ވެގެންދާނެ އިންޝާ ﷲ.
ޒުވާން ޚަޠީބުންގެ ޢަދަދު އެއްހާހަށް އަރާނެ. ޙާފިޒުންގެ ޢަދަދު 350 އަށް ގާތްކުރާނެ. އިންޝާ ﷲ. ބިޔަ ބޮޑު ވަޤުފު ބިނާތައް ނިމޭނެ. ވަޤުފު ފަންޑާއި ޒަކާތު ފަންޑު އިތުރުވެ ފަށާފައިވާ އިސްލާމީ މަރުކަޒުތަކުގެ މަސައްކަތް ނިމެންގާތްވާނެ. އަދި އުންމީދަކީ ހުޅުމާލެގައި ބިނާކުރެވޭ ބޮޑު މިސްކިތުގެ ޢަމަލީ މަސައްކަތް ފެށިގެން ދިއުމާއި އަތޮޅުތަކާއި ހުޅުމާލެގައި ބިނާކުރަމުންދާ ދާއިމީ ގިނަ މިސްކިތްތަކެއް ނިމި ހުޅުވިގެން ދިއުން.
މިނޫނަސް ގިނަ ކުރިއެރުންތަކެއް މިއަހަރު އިސްލާމީ ދާއިރާއަށް އަންނާނެ. އިންޝާ ﷲ. އަދި 1448 ވަނަ އަހަރަކީ ރާއްޖެ އިސްލާމީ ހިދާޔަތުގެ ޤަބޫލުކުރިތާ 900 އަހަރުވާ އަހަރު ކަމުން، ކުރިއަށް އޮތް އިސްލާމީ ޤަރުނަށް ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ އަސާސްތައް ވަރުގަދަ ކުރުމުގެ ހަރުދަނާ ބިންގާތަކެއް އެޅިގެންދާނެ އަހަރު.
އަޅުގަނޑުމެންގެ ޢަޒުމަކީ ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ދަމަހައްޓާނެ ހަރުދަނާ ޖީލަކާއި ވަރުގަދަ އިސްލާމީ ޢުމްރާނީ ކުރިއެރުން ގެނައުން. މާތް ﷲ ތައުފީޤު ދެއްވާށި. އާމީން.