ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓާމިނަލް 2 އާ ދިމާލަށް އޮންނަ މަގުގެ މަރާމާތުގެ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާތީ، އާރްޓީއެލް އެއަރޕޯޓް ބަސް ރޫޓަށް ބަދަލުތަކެއް ގެނައުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.
އެމްޓީސީސީން ވިދާޅުވީ، މި މަސައްކަތް ކުރިއަށްދާނީ 16 ޖޫން އިން ފެށިގެން 25 ޖޫންގެ ނިޔަލަށް ކަމަށެވެ. މި މުއްދަތުގެ ތެރޭގައި ކޮންމެ ރެއަކު ރޭގަނޑު 00:00 އިން ފަތިހު 05:00 އާ ދެމެދު މަގުގެ މަރާމާތުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެ ކުންފުންޏަށް އަންގާފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
މަގުގެ މަރާމާތުގެ މަސައްކަތް ކުރިއަށްދާ ގަޑިތަކުގައި އެއަރޕޯޓް ބަސް ރޫޓަށް ގެންނަ ބަދަލާއެކު، ފަސިންޖަރުން އަރުވާ އަދި ބާލާނީ ސައިކަލް ޕާކިން ސަރަހައްދަށް ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. މި ބަދަލަކީ މަގުގެ މަރާމާތުގެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ދަތުރުފަތުރުގެ ހިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ގެނެވޭ ބަދަލެކެވެ.
އެހެންކަމުން، އެ ގަޑިތަކުގައި އެއަރޕޯޓަށް ދަތުރުކުރާ ފަރާތްތަކުން މި ބަދަލަށް ސަމާލުކަން ދިނުމަށް އެމްޓީސީސީން އެދެއެވެ.