މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާފުށީ ޖަލުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އެ ޖަލުގައި އަލަށް ބެހެއްޓި ބެގެޖް ސްކްރީނިންގ މެޝިން މިއަދު ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ. މި މެޝިން އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އޮނަރަބަލް ޢަލީ އިޙްސާންއެވެ.
މާފުށީ ޖަލުގައި ބެހެއްޓުނު މި ބެގެޖް ސްކްރީނިންގ މެޝިނަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ފަރާތުން ހަދިޔާކުރި މެޝިނެކެވެ. މިއީ ޖަލުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ކަރެކްޝަނަލް ސަރވިސްއިން ފާހަގަކުރެއެވެ. މިއީ މާފުށީ ޖަލުގައި މިފަދަ ޒަމާނީ ސްކްރީނިންގ މެޝިނެއް ބެހެއްޓުނު ފުރަތަމަ ފަހަރެވެ.
މި މެޝިން ބޭނުންކުރަން ފެށުމާއެކު، ޖަލަށް އަލަށް ގެނެވޭ ޤައިދީންނާއި ބަންދުމީހުން ގެންނަ ތަކެތި ފަސޭހަކަމާއެކު ސްކްރީން ކުރެވޭނެއެވެ. މީގެ އިތުރުން، ޤައިދީންނަށް އެމީހުންގެ އާއިލާތަކުން ފޮނުވާ ތަކެއްޗާއި، އާއިލީ ބައްދަލުވުންތަކަށާއި އެކަހެރި ބައްދަލުވުންތަކަށް ޖަލަށް ޒިޔާރަތްކުރާ ފަރާތްތަކުން ގެންދާ ތަކެތިވެސް މި މެޝިން މެދުވެރިކޮށް ބަލައި ފާސްކުރެވޭނެއެވެ.
މި ނިޒާމުގެ ސަބަބުން ޖަލަށް މަނާ ތަކެތި ވެއްދުން ހުއްޓުވުމަށާއި، ޖަލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.