ދިގުމުއްދަތައް ރައްކާކޮށް އަވަހަށް ތައްޔާރުކޮށްލެވޭ ކާނާގެ ބާވަތްތައް ރާއްޖެއަށް ތަޢާރަފް ކުރުމުގެ ގޮތުން އެކި މުޢައްސަސާތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ހާއްސަ ފޯރަމެއް ހުޅުލޭ އައިލޭންޑް ހޮޓަލް (އެޗްއައިއެޗް) ގައި ފަށައިފިއެވެ. މި ފޯރަމް ކުރިއަށްދަނީ އެ ހޮޓަލުގެ ރަސްމާލަން ބޯލްރޫމުގައެވެ.
ހުޅުލޭ އައިލޭންޑް ހޮޓަލުން މަޢުލޫމާތު ދޭ ގޮތުގައި، މި ފޯރަމްގެ ތެރެއިން ތަޢާރަފްކުރާ ކާނާގެ ބާވަތްތަކަކީ އާންމު ފިނިހޫނުމިނުގައި ގިނަ ދުވަހު ބެހެއްޓޭ، އަދި ކާނާ ތައްޔާރުކުރުމަށް ވަކި ބަދިގެއެއް ބޭނުން ނުވާނެހެން ފަސޭހައިން ތައްޔާރުކޮށްލެވޭނެ އީޖާދީ އުފެއްދުންތަކެކެވެ. މިއީ ރާއްޖެއަށް މުޅިން އާ ކާބޯތަކެތީގެ ހައްލުތަކެއް ކަމަށް އެޗްއައިއެޗުން ފާހަގަކުރެއެވެ.
މި މަހުގެ 15 އިން 17 އަށް ކުރިއަށްދާ މި ފޯރަމުގައި، ރާއްޖޭގެ ކާބޯތަކެތީގެ ނިޒާމުތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. ޖުމްލަ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ހަރަކާތުގައި އެކި ދާއިރާތަކަށް ބޭނުންވާނެ ކާނާގެ ބާވަތްތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރާނެއެވެ.
މި ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޢުލޫމާތު ފޯރުކޮށްދެވޭނެ ދާއިރާތަކުގެ ތެރޭގައި އަސްކަރިއްޔާ، ސިއްޙީ ދާއިރާ އަދި ތަޢުލީމީ ދާއިރާ ހިމެނެއެވެ. އެގޮތުން ސިފައިންނާއި ސިއްޙީ ޚިދުމަތްތެރިންގެ އިތުރުން، ތަޢުލީމީ ނިޒާމުގެ ތެރެއިން ދަރިވަރުންނަށް ފޯރުކޮށްދެވޭނެ އެކި ބާވަތްތަކުގެ ކާނާއާ ގުޅޭ މަޢުލޫމާތު ދިނުމަށް ވަނީ ރޭވިފައެވެ.
މިފަދަ އީޖާދީ ކާބޯތަކެތީގެ ބާވަތްތައް ތަޢާރަފްކުރުމުގެ މަގްސަދަކީ ކާބޯތަކެތި ރައްކާކުރުމުގައާއި ބޭނުންކުރުމުގައި މިހާރު ހުރި ގޮންޖެހުންތަކަށް ލުޔެއް ހޯދައިދިނުމެވެ.