ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ ޚާއްސަ ދަފްތަރެއް ޑިޖިޓަލައިޒްކޮށް، މިއަހަރުގެ ތެރޭގައި ތަޢާރަފް ކުރާނެ ކަަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން، ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ އެފަދަ ނިޒާމެއް އެކުލަވާލުމުގެ ސަބަބުން ލޭ ހަދިޔާ ކުރާ ފަރާތްތަކާއި ލޭ ހޯދާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެކަމަށެވެ. މީގެ އިތުރުން، ވަންގަވް ޕޯޓަލް މެދުވެރިކޮށް ތެލަސީމިއާ ކުދިންގެ ރަޖިސްޓްރީ ބެލެހެއްޓޭނެ ނިޒާމް މިހާރު ޤާއިމްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސިއްހީ ޚިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ޙަލީމް ވިދާޅުވީ، "2025 ވަނަ އަހަރުގެ ޖުލައި މަހު އެންޑޯކްރައިނޮލޮޖީގެ ޚިދުމަތް ފަށާފައިވާއިރު، 2025ގެ އޮގަސްޓް މަހުން ފެށިގެން ހިމޮޓޮލޮޖީގެ ޚިދުމަތާއިި، އެޗަލެ ޓައިޕިން އަދި ބޯން މެރޯ އާއި ގުޅޭ ޓެސްޓުތަކުގެ ޚިދުމަތް ވިޒިޓިން ކޮންސަލްޓެންޓުންގެ އެހީތެރިކަމާއެކު ދަނީ ފޯރުކޮށްދެމުން" ކަމަށެވެ.
މި އައު ދަފްތަރާއެކު ލޭ ހަދިޔާކުރުމުގެ ކަންކަން އިތުރަށް ހަރުދަނާވެ، ބޭނުންވާ ވަގުތުތަކުގައި ލޭ ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ. މިއީ ރާއްޖޭގެ ސިއްހީ ނިޒާމު ޑިޖިޓަލައިޒްކޮށް، ޚިދުމަތްތައް އަވަސްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މުހިންމު މަޝްރޫޢެކެވެ.