އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ހާލަތު ނިމުމަކަށް ގެނައުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އައިސްފައިވާތީ، އެކަމަށް ދިވެހި ސަރުކާރުން މަރުޚަބާ ކިޔައިފިއެވެ. މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އެކުލަވައިލެވުނު މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގް (އެމް.އޯ.ޔޫ) އެކެވެ.
މިކަމާ ގުޅިގެން ދިވެހި ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހޯރްމުޒް ކަނޑުއޮޅީގައި ދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމަށް އެޅޭ ފިޔަވަޅުތަކާއެކު، ދެ ގައުމުގެ ދެމެދުގައި ހުރި ނުނިމި ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް އެމެރިކާއާއި އީރާނުން އެއްބަސްވުމަކަށް އައުމަކީ ރާއްޖެއިން މަރުޚަބާ ކިޔާ ކަމެއް ކަމަށެވެ. މިއީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި މަސްލަހަތު ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރާއްޖެއިން ދެކެއެވެ.
ދިވެހި ސަރުކާރުން ވަނީ ދެ ގައުމުގެ މެދުގައި ހުރި ހިޔާލުތަފާތުވުންތަކާއި ކަންބޮޑުވުންތައް ހައްލުކުރުމަށްޓަކައި ވާހަކަދެއްކުމާއި ހާރިޖީ މަގު އިހުތިޔާރުކޮށް، ދެ ފަރާތުން ދެއްކެވި ސާބިތުކަމަށް ތައުރީފުކޮށްފައެވެ. މީގެ އިތުރުން، މި މަޝްވަރާތައް ކާމިޔާބުކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ގައުމުތަކުގެ މަސައްކަތްވެސް ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން ޕާކިސްތާނާއި، ގަތަރާއި، ގަލްފުގެ އެހެނިހެން ގައުމުތަކުގެ އިތުރުން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ބައިވެރިން، ދެ ގައުމުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، ސުލްހަވެރިކަމާއެކު ކުރިއަށް ދިއުމަށް ކުރި މަސައްކަތްތަކަށް ދިވެހި ސަރުކާރުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރަނީ ވާހަކަދެއްކުމާއި، ހާރިޖީ ގުޅުންތަކާއި، ބައިނަލްއަގުވާމީ ގާނޫނުތަކުގެ އިމުގެ ތެރެއިން މައްސަލަތައް ހައްލުކުރުމަށެވެ. އަދި މި ފެށުނު އުންމީދީ ފިޔަވަޅާއެކު، ސަރަހައްދީ ގުޅުން ބަދަހިވެ، އިގްތިސާދީ ކުރިއެރުމާއި، ދެމެހެއްޓެނިވި ސުލްހަ މަސްލަހަތު ގާއިމުވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ހާރިޖިއްޔާގެ ބަޔާނުގައިވެއެވެ.