ކައިވެނި ފުރިހަމުވުމުގައިވެސް ޝަރުޠިތަކެއްވެއެވެ. އެގޮތުން އަނބިމީހާއަށް ދުނިޔަވީ ގޮތުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމަކީ އެއްބައެވެ. ހަމައެއާއިއެކު އަނބިމީހާގެ ހަށިގަނޑަށް ބޭނުންވާ ކަންކަންވެސް ފުރިހަމަކޮށްދޭންޖެހެއެވެ. ތަނަވަސްކަން ހުންނަ މިންވަރުން ދުނިޔަވީ ބޭނުންތައް ފުއްދައިދިނުމުގައި ދަތިތަކެއް ހުންނަ މީހުންވެސް އުޅޭނެއެވެ. ނަމަވެސް ޞިއްޙަތު ސަލާމަތުން ހުރިނަމަ ހަށިގަނޑަށް ބޭނުންވާ ކަންކަން ފުއްދައިދެވޭނެއެވެ. އަދި ޞިއްޙަތު ސަލާމަތުން ހުރިނަމަ އެކަންކަން ނުކުރަން ދެއްކޭނެ ބަހަނާއެއްވެސް ނުއޮންނާނެއެވެ.
މަސައްކަތް ބުރަކަމުން ކަމަށްބުނެ މަސްދުވަސްވާއިރުވެސް އަނބިމީހާ ނިދުމުގެ ކުރިން ގެއަށް ނުދާ ފިރިން އެބައުޅެއެވެ. ނަތީޖާއަކަށްވެގެންދަނީ އަނބިމީހާ އާއިއެކު އެއްދާން ނުކޮށް މަސްދުވަސް ފާއިތުވެގެން ދިއުމެވެ. މިއީ ކިހިނަކުން މުސްލިމުންނަށް ހުއްދަވާނެ ކަމެއް ހެއްޔެވެ؟
ހެޔޮލަފާ އަނބިން މުޅި ދުވަހު މަސައްކަތްކޮށްފައި ރޭގަނޑުވުމުން ފެންވަރައި ޒީނަތްތެރިވެ ފިރިންނަށް އިންތިޒާރުކުރެއެވެ. ނަމަވެސް އެންމެ ފަހުން ނިދަންޖެހެނީ މާޔޫސްކަންމަތީގައެވެ.
އަހަރެމެން ދުލުން ބުނަނީ ސުންނަތަށް ޢަމަލުކުރާ ކަމަށެވެ. އެއީ ދުލުން ބުނެލުމުން ކުރެވޭނެ ކަމެއް ނޫނެވެ. އެއީ ޢަމަލުން ކުރަންޖެހޭ ކަމެކެވެ. ރަސޫލް ﷺ އަނބިއަނބަލުން ގާތަށް ރޭގަނޑު ވަޑައިގެން ތާހިރު ފޭރާންކޮޅު ތުރުކުރައްވަވައެވެ. އެކަނބަލުންގެ ހިތްޕުޅަށް އުފާވެރިކަން ހޯއްދަވައި ދެއްވަވައެވެ.
ނިކަން ބުނެބަލާށެވެ. އެގޮތަށް ޢަމަލުކުރަނީ އަހަރެމެންގެ ތެރެއިން ކިތައް ފިރިން ހެއްޔެވެ؟ ގެއަށް ގޮސް ފެންވަރައި ޒީނަތްތެރިވެ އަނބިންނާއިއެކު ވަގުތު ހޭދަކުރެވޭ ހެއްޔެވެ؟ އެކަންކަން ނުކޮށް ތިބެފައި އަނބިންގެ ކިބައިން ކަމެއް ފެނުމުން ޝަކުވާކުރަން އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟
ފިރިންނާއި އެއްވަރަށް އަނބިން ޝަކުވާނުކޮށްފާނެއެވެ. ނަމަވެސް އެކުގައި ވަގުތު ހޭދަކުރުމާއި އެއްދާންކުރުމަކީ އަނބިންވެސް ހަމަ ފިރިހެނުން ފަދައިން ބޭނުންވާ ކަންކަމެވެ. އެބޭނުންތައް ފުއްދައި ދިނުމަކީ ފިރިމީހާއަށް އަދި އަނބިމީހާއަށްވެސް އޮތް އިޚްތިޔާރީކަމެއް ނޫނެވެ. އެއީ ފިރިމީހާގެ މައްޗަށާއި އަދި އަނބިމީހާގެ މައްޗަށްވެސް އޮތް ވާޖިބެކެވެ. ވާޖިބު އަދާނުކުރާނަމަ ޖެހޭނީ ޤިޔާމަތް ދުވަހު ޖަވާބުދާރީވާށެވެ!
--މުފްތީ މެންކުގެ ދަރުސަކުން