ޤަބުރެއްގެ ދުވަސްވެފައިވާ ކަށިތައް ފެނުމުން ބިރުގަންނަންވީ ކަށިތައްދެކެ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ޤަބުރެއްގެ
ދުވަސްވެފައިވާ ކަށިތައް ފެނުމުން ބިރުގަންނަންވީ ކަށިތައްދެކެ ހެއްޔެވެ؟


ކޮނެވޭ އެކިއެކިތަންތަނުން ޤަބުރުގެ ކަށިތައް ފެނެއެވެ. ބައެއްފަހަރު ގޮނޑުދޮށަށް ލައްގާފައި ހުއްޓައިވެސް ފެނެއެވެ. ފެނުމުން ގިނަ ބައަކު ބިރުންވެސް އުޅެއެވެ. އަހުރެން ކުރަން ބޭނުންވާ ސުވާލަކީ ޤަބުރެއްގެ ދުވަސްވެފައިވާ ކަށިތައް ފެނުމުން ބިރުގަންނަންވީ ކަށިތައްދެކެ ހެއްޔެވެ؟

ރަނގަޅަށްވިސްނާށެވެ! މިފަދަ ކޮންމެ ކަމަކީވެސް ތިމާގެ މަރާއިމެދު ވިސްނާލަން ލިބޭ ފުރުޞަތެކެވެ. މަރުވާނެ ކަމާއި މަރުވާނެ ޙާލަތާއި ތަނެއް އެކަކަށްވެސް ނުއެނގޭނެއެވެ. ކޮންމެ ތަނެއްގައި މަރުވި ނަމަވެސް މަރުވުމާއިއެކު އެވަނީ އެމީހާގެ ޢަމަލުތައް ހުއްޓިފައެވެ. އިތުރު އެންމެ ޢަމަލެއް ކުރުމުގެ ފުރުޞަތުވެސް ގެއްލިފައެވެ. އެމީހަކަށް އެވަނީ ޤިޔާމަތްވެފައެވެ.  

މުހިންމީ ތިމާގެމަރާއިމެދު ކޮންމެ މީހަކުވެސް ވިސްނައިގެން ހުރުމެވެ. ކޮންމެ ވަޤުތަކު ކޮންމެ ތަނެއްގައިވެސް މަރު އައިސް ތިމާއާއި ބައްދަލުކޮށްފާނެ ކަމަށް ބިރުވެތިވެގެން ހުރުމެވެ.  

އަހުރެމެންއެއްވެސް މީހަކީ އެމީހަކު މަރުވާނެ ތަނަކާއި ވަޅުލެވޭނެތަނެއް ނުއެނގޭތަނުގައި ވަޅުލެވޭނެކަންވެސް އެނގޭނެ މީހެއް ނޫނެވެ. ވީނުވީއެއް ނުއެނގި ގެއްލިވެސްދާނެއެވެ. ކަނޑުވެ ނުފެނިވެސްދާނެއެވެ. މިއިން ކޮންމެ ކަމަކީވެސް ހަމަ ކުރިމަތިވެދާނެ ކަމެކެވެ.

ދުނިޔެއަށްއާދެވުމުން 100 އިންސައްތަ ޔަޤީންކަން އޮތް ހަމައެކަނި ކަމަކީ މަރުވާނެ ކަމެވެ. މަރުވުމުން އިންސާނާގެ ހުރިހާ ބާރުތަކެއް ކެނޑިގެންދިއައީއެވެ. އޮތީ މަރަށް ފުރިހަމައަށް ތައްޔާރުވުމެވެ. އެކަމަށް ކުރަން އޮތްކަމަކީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅުމެވެ. ޙަޔާތުގެ ދުވަސްތައް ވޭތިކުރުމެވެ.

--އިސްލާމީތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން