ރާއްޖޭގެ އެކި ހިސާބުތަކުގައި ގައިންގަޔަށް އަރާ ބަލިތައް މިދިޔަ މަހު އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މަދިރީގެ ޒަރިއްޔާއިން ޖެހޭ ޑެންގީ ހުމާއި އަރިދަފުސް ރޯގާ ގިނަ އަތޮޅުތަކެއްގައި ވަނީ އިތުރުވެފައެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ނިމިދިޔަ މެއި މަހު ޑެންގީ ހުމުގެ 778 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. އަދި އަރިދަފުސް ރޯގާ ޖެހިގެން 40,457 ކޭސް ރިޕޯޓުކޮށްފައިވާއިރު، މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. މީގެއިތުރުން، މިއަހަރުގެ މިހާތަނަށް 1,000 އަށްވުރެ ގިނަ މީހުން ޓެސްޓުކޮށްފައިވާއިރު، އޭގެ ތެރެއިން 680 މީހަކު ވަނީ އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައެވެ.
މޫސުމީ ވިއްސާރައާ ދިމާކޮށް މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް އިތުރުވާތީ، މަދިރި އާލާވާ ތަންތަން ނައްތާލުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ބޭރަށްހިނގުން ވެސް އިތުރުވަމުންދާތީ، އާންމު ސާފުތާހިރުކަމަށް ސަމާލުވުމަށް އެ އެޖެންސީން ވަނީ އިރުޝާދު ދެއްވާފައެވެ.
ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ކެއްސާ ކިނބިހި އަޅާއިރު އަނގަމަތި ނިވާކުރުމަކީ މުހިއްމު ކަމެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. "ބަލީގެ އަލާމާތްތައް ހުންނަ ފަރާތްތައް މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށާއި، ބޭރަށް ދާއިރު މާސްކު ބޭނުންކުރުމަށް އިލްތިމާސްކުރަން" އެޗްޕީއޭއިން ވިދާޅުވިއެވެ.
ހުމާއި ރޯގާ އަދި ޑެންގީ ބަލި ޖެހިފައިވާ ފަރާތްތަކުން ގިނައިން އަރާމުކުރުމަށާއި، ގިނައިން ދިޔާތަކެތި ބޭނުންކުރުމަށް ސިއްހީ މާހިރުން ލަފާދެއްވައެވެ. މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވުމުން، ބަލިތަކުން ރައްކާތެރިވުމަށް ފަރުދީ ޒިންމާ އަދާކުރުމަށް އެޗްޕީއޭއިން ވަނީ ބާރުއަޅުއްވާފައެވެ.